ހަބަރު

ދައުވާތަކުގައި ސުޕްރީމް ކޯޓްގެ 3 ފަނޑިޔާރުންނަށް ތުހުމަތުކުރެވޭ: ވަކީލް

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ އިބާރާތް އޮތް ގޮތުން މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަށް ވެސް ތުހުމަތު ރައްދުވާ ކަމަށް ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ނޫރުއްސަލާމް މިހެން ވިދާޅުވީ މިއަދު މި މައްސަލާގައި އޮތް ފުރަތަމަ އިބްތިދާއީ އަޑުއެހުމުގަ އެވެ. އަޑުއެހުމުގައި ދައުލަތުން ދައުވާ ވަނީ އިއްވާފަ އެވެ. ދައުވާގައި ބުނަނީ އަބްދުﷲ ސިނާން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ސިނާން އެ ދައުވާ ކުރާ ކަމަށެވެ.

އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ސިނާން އުޅިފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އެ ދައުވާއާމެދު ނޫރުއްސަލާމް ވަރަށް ބޮޑަށް ސުވާލު އުފެއްދެވި އެވެ. އެގޮތުން އެކެއް ފެބުރުއަރީގެ އަމުރުން ސިނާނަށް ލިބުނީ ކޮން މަންފާއެއްތޯ އަދި ސިނާން އެއްވެސް މީހަކަށް ރިޝްވަތު ދީފައިވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ. އެއަށް ދައުލަތުގެ ފަރާތުން ޖަވާބު ދެއްވީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ އެވެ. ފަޒުނާ ވިދާޅުވީ، ސިނާނަށް އެކެއް ފެބުރުއަރީގެ އަމުރުން އޭނާ މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދެވި ގޮނޑި އަނބުރާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ އަމުރު ނެރެފައިވަނީ ސިނާން ރިޝްވަތު ދެއްވައިގެން ކަމަށް ދައުވާގައި ނުބުނާ ކަމަށެވެ. ސިނާނަށް ދައުވާކުރަނީ ރިޝްވަތު ހިފި ކަމަށް ކަމަށާއި ރިޝްވަތު ދިން ކަމަށް ދައުލަތުން ނުބުނާ ކަމަށެވެ.

ފަޒުނާގެ ޖަވާބާއެކު ނޫރުއްސަލާމް ނުކުތާއެއް ފާހަގަކުރެއްވި އެވެ. އެއީ ދައުވާގެ އިބާރާތް އޮތް ގޮތުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަށް ވެސް ކުށެއްގެ ތުހުމަތު ރައްދުވާ ކަމެވެ. އޭނާ ވިދާޅުވީ އެކެއް ފެބުރުއަރީގައި ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު އަމުރުގެ ބައެއް ބާތިލުކުރީ ހައެއް ފެބުރުއަރީގައި ކަމަށްވާއިރު ފްލޯކްރޮސިން ގާނޫނު ބާތިލުކުރި ބައި އަދިވެސް އުވާނުލާ ކަމަށެވެ. އެހެންވެ ބަލަން ޖެހޭނީ އެ ބަޔަކީ އަދިވެސް އަމަލުކޮށްދާނެ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި، ތުހުމަތުގައި ސިނާން ހައްޔަރުކުރީ ނުވައެއް ފެބުރުއަރީގަ ކަމަށާއި އޭރު ވެސް އެކެއް ފެބުރުއަރީގައި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން އޮތް ބަޔަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އެ ބައި ސަސްޕެންޑްކޮށްފައިވަނީ ވެސް 18 ފެބުރުއަރީގައި ކަމަށެވެ.

އެކެއް ފެބުރުއަރީގެ އަމުރު ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް އެ އަމުރާ ގުޅިގެން ބަޔަކަށް ދައުވާކުރާއިރު އޭގެ ތުހުމަތު ތިން ފަނޑިޔާރުންނަށް ވެސް ރައްދުވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. ކުރީގެ ޕީޖީގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ، އެ އަމުރު ނެރެފައިވަނީ ފަނޑިޔާރުންތަކަށް ރިޝްވަތު ދީގެން ކަމަށް ދައުލަތުން ބުނާއިރު އޭގައި އެ ތިން ފަނޑިޔާރުން ވެސް ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި އެގޮތަށް ދައުލަތުން ބުނުމަކީ އެ އަމުރު ގޯސްވެ ބާތިލުވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އެއީ ރިޝްވަތު ހިފުންފަދަ ޖިނާއީ ކުށްތަކަކީ ފަރުދީ ގޮތުން ޒިންމާ ނަގަންޖެހޭ ކުށްތަކަށްވާއިރު ފަނޑިޔާރެއްގެ ޖިނާއީ ނިޔަތެއް އޮތަސް ހުކުމް ނުވަތަ އަމުރު ބާތިލުނުވާނެތީ ކަމަށެވެ.

އެ އަމުރަކީ ރިޝްވަތު ދީގެން ނެރެފައިވާ އަމުރެއް ކަމަށް ބުނި ނަމަވެސް ސިނާން ރިޝްވަތު ދީފައިނުވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ. އެހެންވެ އެ އަމުރު ނެރުމުގައި ސިނާންގެ އޮތީ ކޮން ދައުރެއްތޯ ވެސް ނޫރުއްސަލާމް ސުވާލު އުފެއްދެވި އެވެ.

ނޫރުއްސަލާމް އެކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ގެންދެވިއިރު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، "އެހެން ތުހުމަތެއް ނުކުރެވޭ، ކިހިނެއްތޯ އެހެން ތުހުމަތު ކުރެވޭނީ،" ކަމަށެވެ. ދައުވާގައި ބުނަނީ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ކަމަށާއި އެހެންވެ މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަށް އެ ތުހުމަތު ރައްދުނުވާނެ ކަމަށެވެ. އެ ފަނޑިޔާރުންނަށް ތުހުމަތު ރައްދުނުވާ ކަމަށް ނިންމަވައި މައްސަލައިގެން ކުރިއަށް ވަޑައިގަތުމަށް ގާޒީ ނިންމެވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޕްރެޒެންޓޭޝަނެއް ދައްކާފަ އެވެ. އެ ޕްރެޒެންޓޭޝަނުގައި ދައުލަތުން ވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ވަރަށް ބޮޑަށް ގޯސްކޮށް އޭގައި ހުރި މައްސަލަތައް ބަޔާންކޮށްފަ އެވެ. އަދި އެ އަމުރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުނޫން އިސްވެ ހުންނަވާ އަމިއްލަ މަސްލަހަތު އިސްކޮށް ރައްޔިތުންގެ މަސްލަހަތަށް އުނިކަން ގެންނަން ނެރެފައިވާ އަމުރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެކަމުގައި ސިނާނާއި އެހެން ބައެއް މެންބަރުން ބައިވެރިވެ ކުރީގެ ސީޕީ އަހުމަދު އަރީފު ލައްވައި ގައުމު ރައްކާތެރިކަމަށް ބުރޫ އަރާނެ ކަންތައްތަކެއްކޮށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ދައުލަތުން ބުންޏެވެ.

އެ އަމުރު ނެރެފައިވަނީ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެކެއް ފެބުރުއަރީގެ އަމުރުގައި ބާތިލުނުކޮށް މިހާރު އޮތް ބައިތައް ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައިވާއިރު އެ މައްސަލާގެ ހުކުމް އަދި ނުއިއްވަ އެވެ. އެހެންކަމުން އަމުރުގެ އެ ބަޔަކީ އަދިވެސް ވުޖޫދުގައިވާ ބަޔެކެވެ.