އޭއެފްސީ ކަޕުގައި ވާދަ ކުރާ ދިވެހި ކުލަބު، އެ މުބާރާތުގެ މެޗުތަކަށް ތައްޔާރުވާއިރު، އޭގެ އެއްކޮޅުގައި ދިވެހި ފުޓްބޯޅަ އިދާރާ އެފްއޭއެމުންވެސް ހިފަ އެވެ. ދިވެހި ކުލަބުގެ މެޗު ޕްރަމޯޓް ކުރުމަށް ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުގެ ކޯޗުންނާއި އޮފިޝަލުންގެ ކޮމެންޓްތައް ހޯދައި، ވީޑިއޯގެ ގޮތުގައި ތައްޔާރު ކޮށް އެފްއޭއެމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެވާހަކަ ހިއްޕާލައެވެ. މިއީ މިދިޔަ އަހަރު ފެނުނު ފާހަގަ ކޮށް އަގުވަންޒަން ކުރަން ޖެހޭ ކަމެކެވެ.
ނަމަވެސް މި އަހަރު އެކަން އޮގޮތަކަށް ނުހިނގަ އެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓް އޭއެފްސީ ކަޕް މެޗުތަކަށް ތައްޔާރުވީއިރު އެކަން އެގޮތަށް އޮތީ ނުހިނގަ އެވެ. އިއްޔަ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިއު ރޭޑިއަންޓުން ހޯދި ކާމިޔާބަކީ މުޅި ދިވެހި ފުޓްބޯޅަ އާއިލާ ފާހަގަކޮށް ހިތްވަރުދިން ކަމެކެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ފުޓްބޯޅައިގެ ވާދަވެރިކަމުގެ ތެރެއިން، ބައެއް މީހުން އިހްސާސް ކުރީ ރާއްޖޭ އާއި އިންޑިއާގެ ދެ ގައުމުގެ ގައުމީ ޓީމުގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. އެއީ ބެންގަލޫރުގެ މައްޗަށް ނިއު އިން ކުރި ހޯދުމުން ގިނަ ބައެއްގެ ޝުއޫރުތައް ހުރި ގޮތެވެ.
ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކުންވެސް އިންޑިއާގެ ކުލަބަކާ ދެކޮޅަށް ކާމިޔާބު ހޯދުމުން އެ ގައުމުތަކުންވެސް ދެކެނީ އެއީ ފާހަގަ ކުރަން ޖެހޭ ކާމިޔާބެއްގެ ގޮތުގަ އެވެ. މިއަހަރުގެ އޭއެފްސީކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގް މެޗުގައި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓަޑުން ބެންގަލޫރު ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލުމުން ބޫޓާންގެ ފުޓްބޯޅަ ފެޑްރޭޝަނުން އެކަން ފާހަގަ ކޮށް އަގުވަޒަން ކުރި އެވެ. މަރުހަބާ ކިއެވެ. އެއީ ރާއްޖެއަށް ވުރެ ފުޓްބޯޅައިގެ ވަސީލަތުގެ ގޮތުން ފަހަތުގައި އޮތް ގައުމެކެވެ.
ނަމަވެސް ރާއްޖޭގެ އެފްއޭއިން ދިވެހި ކުލަބަކުން ހޯދި އެ ކާމިޔާބު އަގުވަޒަން ކުރުމުގެ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މަރުހަބާ ވެސް ކިޔާފައި ނުވެ އެވެ. އެފްއޭއެމްގެ ރައީސްގެ އަމިއްލަ ފުޅު އެކައުންޓުން މެޗުގެ ކުރިން ނިއުއަށް ހިތްވަރު ދެއްވައި ޓްވީޓް ކުރެއްވި އެވެ. މެޗުގެ ފަހުންވެސް، ކާމިޔާބަށް މަރުހަބާ ވެސް ދަންވާފައި ވެއެވެ.
އެފްއޭއެމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ނިއުގެ ކާމިޔާބު ފާހަގައެއް ނުކުރެއެވެ.
މި އަހަރުވެސް އޭއެފްސީކަޕް ކޮލިފައިން ރައުންޑުގައި، އެފްއޭއެމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ވަރަށް ހަރާކްތެރިއެވެ. ޓީސީގެ ކުޅުންތެރިންގެ ކޮމެންޓް މެޗާ ގުޅޭގޮތުން ހޯދައި ވީޑިއޯ ތައްޔާރުކޮށް ސޯޝަލް މީޑިއާއަށް ދުއްވާލި އެވެ.
ނަމަވެސް ގުރޫޕް ސްޓޭޖު ފެށުނުއިރު އެކަމެއް ނުފެނުނެވެ. ނިއުގެ އޭއެފްސީކަޕް މެޗުތަކާ ގުޅިގެން އެފްއޭގެ ސޯޝަލް މީޑިއާ ޓީމު އޮތީ ހިމޭން ވެފަ އެވެ.