ހަބަރު

ދެ ދައުރަށްވުރެ އިތުރަށް ރައީސް ޔާމީން ބަހައްޓާނަން: ނިހާން

Apr 26, 2018
29

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު އިތުރު ދައުރުތަކަކަށް ބެހެއްޓޭނެ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ހއ. އިހަވަންދޫގައި މިހާރު ކުރިއަށްދާ "އަހުންވެސް ރައީސް ޔާމީނާއެކު" ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ރައީސް ޔާމީން 2018 އިން ފެށިގެން 2023 އާ ހަމައަށް ވެރިކަން ކުރައްވައި ނިމުމާއެކު، އިތުރަށް ރާއްޖޭގެ ވެރިކަމުގައި ބަހައްޓާނެ ގޮތުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"2018 އިން ފެއްޓިގެން 2023 އާ ހަމައަށް ވެރިކަން ކުރައްވާފަ ނިމުނީމަ ދެން އިތުރަށް ރާއްޖޭގެ ވެރިކަމުގައި ބަހައްޓާނެ ގޮތެއް ވިސްނުން އަޅުގަނޑުގެ ހުރީ، ގާނޫނު އަސާސީގައި މިއޮތީ ފަސް އަހަރުގެ ދެދައުރު، އެއީ 10 އަހަރު، އަދިވެސް މި ސްޕީޑުން މި ބާރުމިނުފައި ރާއްޖެ ތަރައްގީ ކުރުމަށް މިވާހަކަ މި ދައްކަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީން އިތުރު ދައުރުތަކަކަށް ރައީސް ޔާމީން ބެހެއްޓޭނެ ގޮތްތަކެއް އަބަދުވެސް ވިސްނުމުގެ ތެރޭގައި ހުންނަ ކަމަށެވެ. އެގޮތްވެސް އަދި ފެންނާނެ ކަމަށާއި ﷲގެ އިރާދަފުޅާއެކު އެކަން މިންވަރު ކުރައްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އެހެންް ވެއްޖިއްޔާ އަދި އިތުރު ދައުރުތަކަކަށް އެމަނިކުފާނު ބެހެއްޓޭނެ ގޮތްތަކެއް އަޅުގަނޑުގެ ބޮލުގައި ކޮންމެ ރެއަކުވެސް ވިސްނުމުގައި އޮވޭ، އެހެންވެ އެވާހަކަ ބޮޑު ތިލަދުން މަތިން ހުވަފެނެއްގެ ގޮތުގައި ހިއްސާކޮށްލަން، އެގޮތްވެސް އަދި ފެންނާނެ، ﷲގެ އިރާދަފުޅުން އެގޮތް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ. ދިވެހި ރާއްޖެ ތަރައްގީ ކުރާނެ ރަސްމީ ބާނީ އަކީ ޒަމާނަށް ފަހުރުވެރިވާނެ ރައީސް އަކީ ރައީސް ޔަމީން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީން ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަދުވެގެން 10 ޕްރޮޖެކްޓް ހިންގާފައިވާ ކަމަށާއި އިތުރު ފަސް އަހަރެއްދީފި ނަމަ މި ގުނަ އިތުރު ގުނަތަކަކަށް ބަދަލުވެގެންދާނެ ކަމީ ސާބިތު ކަމެއް ކަމަށެވެ. ނިހާން ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގެ ސްޕީޑަށް ބަލައިފަކަމަާށްވާނަމަ ދެން މީގެ ފަހުން އެއްވެސް ރައީސްއަކު ކޮށްދިން މަސައްކަތް އަގުމަގުކޮށް އިވެލުއޭޓް ކުރުމަށްޓަކައި ކަނޑަ އަޅާނެ މިންގަނޑަކަށް ވާނީ "ޔާނު ސުޕީޑް" ކަމަށެވެ.

"ޔާމީން ސުޕީޑަކީ ދެން ރާއްޖެ ކުރިއަށްދާނެ ތަރައްގީގެ ލަނޑުދަނޑިއޮންނާނެ އުސޫލު ކަނޑައަޅާނެ މިންވަރު، އެއީ ހަތަރުއަހަރާއި ދުވަސް ކޮޅަކުން ކޮސްކޮށްލާފަދަ ތަރައްގީގެ މަޝްރޫއުތައް މާލެ ސަރަހައްދު އެކަންޏެއް ނޫން، 500 މަޝްރޫއު ނުހިނގާ އަހަރެއް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނާދެ، މިއީ ބޮޑެތި ކަންތައްތައް،" ނިހާން ވިދާޅުވި އެވެ.