ރިޕޯޓް

ސަރުކާރު ކުންފުނިތަކަށް ފައިދާ ނެރެން މަޖުބޫރު ތަ؟

Apr 27, 2018
7

ސަރުކާރު ކުންފުނި ތަކުން ފައިދާ ނުލިބި ގެއްލުންވާނަމަ އެ ވާހަކަ އަބަދު ދައްކަ އެވެ. ގިނަ މީހުންގެ އެއީ ބޮޑު ސުވާލެކެވެ. މިވެނި ކުންފުންޏަށް ފައިދާ ނުވަނީ ކީއްވެގެން ހެއްޔެވެ؟ ގެއްލުން ވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ރަނގަޅު ގޮތެއް ހެއްޔެވެ؟ ސުވާލަކީ ސަރުކާރުގެ ކުންފުނި ތަކުން ކޮންމެ އަހަރަކު ބޮޑު ފައިދާ އެއް ނެރެން ޖެހޭ ހެއްޔެވެ؟ މިއީ މަޖުބޫރު ކަމެއް ބާ އެވެ؟

މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރިން ވެސް އޮތީ ސުވާލެކެވެ. ސަރުކާރު ކުންފުނިތަކުގެ ޒިންމާއަކީ ކޮބައި ހެއްޔެވެ؟

"ހަގީގަތުގައި ސަރުކާރު ކުންފުނިތަކުގެ ޒިންމާ އަކަށް ވާންވާނީ މުޖުތަމަ އަށް ބޭނުން ވާނެ އެކި ރޮނގުތަކުން އެހީވުން. އެއީ އަގު ކޮންޓްރޯލް ކުރުން ކަމުގައި ވިއަސް. އެހެންވެ ކޮންމެ އަހަރަކު ފައިދާ ނެރުން މިއީ އަޅުގަނޑުގެ ނަޒަރުގައި މަޖުބޫރު ކަމެއް ނޫން،" ރާއްޖޭގެ އިގްތިސާދީ ދާއިރާގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުގެ ވާހަކަ ދައްކާނަމަ، އެންމެ ފުރަތަމަ ހިޔާލަށް އަންނާނީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އެވެ. އެ ކުންފުނީގެ ވިޔަފާރީގެ މައި ބަދައަކީ ރާއްޖެ އަށް ތެލާއި ކާޑު އެތެރެ ކުރުމަށެވެ. އަދި އާއްމު މުދަލާއި ބޭސް ފޯރުކޮށް ދިނުމެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހިންގަމުންނެވެ. އަދި ހަމަ އެއާ އެކު އެކީގައި ރާއްޖޭގެ ބާޒާރުގައި އަގު ކޮންޓްރޯލް ކުރުމުގައި ވެސް އެ ކުންފުނީގެ ދައުރު ބޮޑެވެ. އާއްމު ދުވަސްތަކުގައި މިކަން ފާހަގަ ނުވެދާނެ އެވެ. އެކަމަކު ރޯދަ މަހަކީ އެ ކުންފުނީގެ ބޭނުން އެންމެ ބޮޑަށް ޖެހޭ މަހެވެ. ރޯދަ މަހު އެންމެ ބޮޑަށް ބޭނުން ޖެހޭ، ފިޔާ، އަލުވި އަދި ބިހުގެ އަގު "މައިތިރި" ކުރަނީ އެސްޓީއޯ އިން ކުރާ މަސައްކަތުންނޭ ބުނެވިދާނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައިވާ ގޮތުގައި އެސްޓީއޯގެ އަބަދު ވެސް ޒިންމާއަކީ ފައިދާއެއް ނެގުމުގައި ބަދަލުގައި ހިދުމަތް ދިނުމެވެ.

"އެސްޓީއޯ އިން އަބަދު ވެސް ބޮޑަށް ބަލަނީ އާއްމު ރައްޔިތުންނަށް އަގުތައް އެކަށީގެންވާ ހެޔޮ އަގެއްގައި ބަހައްޓަން،" ޝަހީރު ވިދާޅުވެފައިވެ އެވެ.

އެސްޓީއޯ އިން މިގޮތުގައި މަސައްކަތް ކުރަމުން ވެސް 2016 ވަނަ އަހަރު ވަނީ ރަނގަޅު ފައިދާއެއް ނެރެފަ އެވެ. އަދި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ އަދަދުވެސް ވަނީ މަތިކޮށްފަ އެވެ. އެ ކުންފުނިން 2016 ވަނަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް ވަނީ 51ރ. ބަހައިފަ އެވެ. މިދިޔަ އަހަރުގެ ފައިދާ އިން ބަހަން ނިންމާފައިވަނީ 55ރ. އެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ މުސްތަގުބަލަށް ވިސްނައިގެން ބޮޑެތި އިންވެސްޓްމަންޓް ތަކެއްވެސް ކޮށްފަ އެވެ. މިގޮތުން ފުނަދޫ ތެޔޮ ރައްކާ ކުރާ ވަސީލަތުގެ ކެޕޭސިޓީ ދަނީ މަތި ކުރަމުންނެވެ. އަދި ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެންނަން ބޯޓެއް ވަނީ ކުންފުނިން ހޯދާފަ އެވެ.

ދެން، އޮތީ އެމްޓީސީސީ އެވެ. އެ ކުންފުނީގެ ވިޔަފާރި މަޝްހޫރު ވެފައިވަނީ ވެސް "ދަތުރުފަތުރުގެ ހިދުމަތު"ގެ ސަބަބުން އަބަދު ގެއްލުންވާ ކުންފުންޏެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރުވެސް މިދާއިރާ އިން ލިބުނު ގެއްލުން 50 މިލިއަން ރުފިޔާ އިން މައްޗެވެ. ނަމަވެސް އެ ކުންފުނިން ވެސް އެދަނީ މި ދާއިރާ އިން މުހިންމު ހިދުމަތް ތަކެއް ދެމުންނެވެ. މާލެ، ރީޖަންގެ ދަތުރުފަތުރުގެ ބޭނުންތެރިކަން ފުއްދައިދެނީ އެ ކުންފުނިންނެވެ. މީގެ އިތުރުން ސަރުކާރުގެ ގިނަ މަޝްރޫއު ތަކެއް ހެޔޮ އަގުގައި ކޮށްދެނީ އެ ކުންފުންޏެވެ. މިގޮތުން ރީޖަނަލް އެއާޕޯޓުތަކާއި ބަނދަރުތަށް އެޅުމުގައި ވެސް އެ ކުންފުނީގެ ރޯލު ބޮޑެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މިހާރު ފެނިގެން މިދަނީ ސަރުކާރު ކުންފުނިތަކުގެ ގާބިލްކަން އިތުރުވެފައިވާ މިންވަރު ކަމަށެވެ.

"ކުންފުނިތަކުގެ އެފިޝެންސީ ރަނގަޅު ވެގެން ދިޔަތަން އެބަފެނޭ. ކުރިން ބޮޑު އަގުގައި އަޅައިދޭ އެއާޕޯޓުތަށް އެމްޓީސީސީ ފަދަ ކުންފުނިތަކުން ބޮޑުތަން ހެޔޮކޮށް އަޅައިދެނީމި،" ޒަމީރު ވިދާޅުވި އެވެ.

ކޮންމެއަކަސް ސަރުކާރު ކުންފުނިތަކުގެ ހިދުމަތްތަކުގެ ވާހަކަ ދައްކާއިރު ރަނގަޅު ކުރަން ޖެހޭ ބައިވެސް ވަކިން ކުޑައެއް ނޫނެވެ. ބޭކާރު ހަރަދު މަދު ކުރަން ޖެހެ އެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގެ އޮރިއެންޓޭޝަނަކަށް މިހާރަށް ވުރެ ބޮޑަށް ބަދަލުވާން ޖެހެ އެވެ. ސުވާލަކީ އަބަދު ވާހަކަ ދެކެވޭ ގޮތަށް ސަރުކާރު ކުންފުނިތައް 100 ޕަސެންޓް ފައިދާ ނެރެން ޖެހޭ ހެއްޔެވެ؟ ޖަވާބަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ ނަގާ ކުންފުނިތަކުން ބޮޑު ފައިދާއެއް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ.