ރިޕޯޓް

ޑިޖިޓަލް ދުނިޔޭގައި އެސްޓީއޯ ހެޔޮ ބަދަލަކާ ދިމާއަށް

Sep 22, 2021
8

ސަރުކާރުގެ ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގަ އެވެ. ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފައިދާގައި ހިންގަނީ ނިސްބަތުން މަދު ކުންފުންޏެވެ. މީގެ އެއް ކުންފުންޏަކީ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އެވެ. އެ ކުންފުނީގެ ވޭތުވެދިޔަ ދެ އަހަރުގެ މާލީ ރިޕޯޓް ހާވާލާއިރު ފެންނަނީ ކުންފުނީގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެންނަމުންދާ ތަނެވެ. ހާއްސަކޮށް ހިންގުމުގެ ހަރަދު ކުޑަކޮށް ބައެއް ދިމަދިމާލުން "ބޭކާރު" ހަރަދުތައް ކުޑަކޮށް ފައިދާ ހޯދަމުންދާ ތަނެވެ. މި ހަރަދު ކުޑަ ކުރިނަމަވެސް އެންމެ ބޮޑު އެއް އުފަލެއް ލިބެނީ އެ ކުންފުނީގެ މުވައްޒަފުންނަށެވެ. ބޭކާރު ހަރަދު ކަނޑާލިނަމަވެސް އެ ކުދިންގެ ޖީބަށް އެނގުންވިޔަކަނުދެ އެވެ.

"މި ކުންފުނިވާނެ އެހެން ސަރުކާރު ކުންފުނިތަކާ ބަލާއިރު ހަރަދު ކުޑަ ކުރިނަމަވެސް މުވައްޒަފުންނަށް ބުރައެއް ނުގެންނަ ކުންފުންޏަކަށް،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެސްޓީއޯގައި 2000 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު މި "ޕެންޑެމިކް" ގެ މެދުތެރޭގައި ވެސް އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މުވައްޒަފުން ކުރި ބުރަ މަސައްކަތްތަކާއެކު ކާމިޔާބުކަމާއެކު ގިނަ މަސައްކަތް ތަކެއް ކުރުމެވެ. މި ބަލީގެ އެންމެ ނުރައްކާތެރި ވަގުތުގައި ވެސް އެންމެ ކުރީ ސަފުގައި އެ ކުންފުނީގެ މުވައްޒަފުން ތިބީ މެނޭޖުމަންޓުން ދިން އިތުބާރުންނެވެ. ހާއްސަކޮށް މި ހުރިހާކަމެއް ހިންގައިގެން ހިނގާގޮތް އެމްޑީ ހުސެއިން އަމްރު ދިޔައީ ވަރަށް ގާތުން ބައްލަވަމުންނެވެ. ރާއްޖެ އަށް ކާޑު ލިބުނުން ދަތިވިވަގުތު ކާޑު މެނޭޖު ކުރުމުގައި އެ ކުންފުނިން ގެންގުޅުނު "އުކުޅު" ވީ ދިވެހި ގިނަ ބަޔަކަށް މި ކަމުން ބުރައެއް ނުލިބުނު އެއް ސަބަބަށެވެ.

އެންމެ ދަތީގައި، ފައިދާ ނެރުނު

ސަރުކާރުގެ 81 ޕަސެންޓާއި އާއްމުންގެ 18 ޕަސެންޓް ހިއްސާވާ އެސްޓިއޯގެ 2019 ވަނަ އަހަރުގެ މާލީ ރިޕޯޓް ހާވާއިރު ފެންނަ އެއް ހަގީގަތަކީ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން ގެންނަ ބަދަލުތައް ރަނގަޅަށް "ވޯކް" ކުރަމުންދާ ތަނެވެ. އެ އަހަރު ބޮޑު ފައިދާއެއް ވެފައިވާއިރު މިދިޔަ ކޮވިޑުގެ ތަދުމަޑު އަހަރުވެސް އެ ކުންފުނި ނިންމައިލީ ފައިދާގަ އެވެ. އެ ކުންފުންޏަށް 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިވަރުގެ ފައިދާއެއް އެ ކުންފުނިން ހޯދިއިރު އެސްޓީއޯއިން ވަނީ ސްޓްރެޓިޖިކަލީ ވިސްނައިގެން ފެށި ޝިޕިން ވިޔަފާރި އަށް ވެސް ވަދެފަ އެވެ. މީގެ ނަތީޖާއަކަށްވީ ކޮވިޑް-19 ގެ ތެރޭގައި ދުނިޔޭގެ ޝިޕިން އަށް ބުރަ ބޮޑު ވެގެން ދިޔައިރު ރާއްޖެއަށް ބޭނުންވާ މުހިންމު ސާމާނު ގެންނަން ފަސޭހަ ވެގެން ދިއުމެވެ.

ކުދި ވިޔަފާރި ތަކަށް ފުރުސަތު ދިނުން

ސަރުކާރުން ވިޔަފާރި ކުރުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާ އެކެވެ. ހާއްސަކޮށް ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އިން މީގެ ކުރިން ދިޔައީ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންނެވެ. މިހެންވުމުން އަމިއްލަ ގިނަ ވިޔަފާރިއަކަށް ދަތި ވެގެން ދިޔަ އެވެ. ނަމަވެސް އާ މެނޭޖުމަންޓުން ގެނެސްފައިވާ އެއް ބަދަލަކީ ކުދި ވިޔަފާރިން އެސްޓީއޯ ފޭއަށް ޖެހިލުމެވެ. އެ ބަދަލާއެކު އެ ކުންފުނީގައި ހުރި ބައެއް ފެސިލިޓީތަށް ބިޑްކޮށްގެން އެހެން ވިޔަފާރިތަކަށް ބޭނުން ކުރަން ވަނީ ފުރުސަތު ދީފަ އެވެ.

އެސްޓީއޯ ސުޕަ މާކެޓުގައި ހުރި ބިޔަ ފްރީޒަރުތައް ވެސް ވަނީ ކުދި ވިޔަފާރިތަކުން ހިންގާ ގޮތަށް ދޫކޮށްލާފަ އެވެ. މިހާރު އެ ފިހާރާގައި ވިއްކާ މުދަލުގެ 90 ޕަސެންޓަކީ އެހެން ވިޔަފާރިތަކުގެ ތަކެއްޗެވެ. މީގެ އިތުރުން ދިވެހި އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ލޯކަލް ޕްރޮޑަކްޓް" އަށް ހާއްސަ ކޯނާއެއް ވެސް ސުޕަމާކެޓުގައި ދަނީ ހިންގަމުންނެވެ. މީގެ އިތުރުން އެސްޓީއޯއިން ވިއްކާ ކުލައިގެ ހިދުމަތާއެކު ދޭ ކުލަ ލައިދިނުން ވެސް މިހާރު ވަނީ އައުޓްސޯސްކޮށް އެހެން ކުޑަ ވިޔަފާރިއަކަށް ހަވާލުކޮށްފަ އެވެ. މިހުރިހާކަމެއްގެ މައިގަނޑު ސަބަބަކީ އެ ކުންފުނި އާއްމު ރައްޔިތުންގެ ވިޔަފާރިން ނުކުތުމެވެ.


މި ވިޔަފާރީގެ އިތުރުން ދިވެހި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ މާކެޓު ނުލިބުމު މައްސަލަ ހައްލު ކުރަން ވެސް އެ ކުންފުނިން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. "އެގްރި ސެންޓަރު" ގެ ނަމުގައި ސެންޓަރެއް ހަދައި ދިވެހި ދަނޑުވެރިންގެ ތަކެތި ދަނީ ގަނެ މާކެޓު ކުރަމުންނެވެ. މިކަމުގެ ސަބަބުން ދަނޑުވެރިންނަށް ވަގުތުން އާމްދަނީ ލިބި މި ތަކެތި ތާޒާ ކަންމަތީ ބާޒާރަށް ނެރެން މަގު ފަހި ވެގެންދެ އެވެ.

ޑިޖިޓަލް ބޭންކިން؛ މުސްތަގުބަލް

މިއީ "އިނގިލީގެ ކުރިން ފައިސާ" ދައްކާ ޒަމާނެވެ. އަތުގައި އޮންނަ ކުޑަ ފޯނުގެ އެންމެ ބަޓަނަކަށް ފިއްތާލައިގެން ފަސޭހަކަމާއެކު ފައިސާ ދައްކާލަން ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުރުސަތު ލިބެ އެވެ. ރާއްޖެ ވެސް ގައުމީ ޕޭމަންޓް ސިސްޓަމަކާ ދިމާލަށްދާއިރު އެ ފުރުސަތު ފަހިވާނެ އެވެ. އެހެންވެ އެކަމަށް އެސްޓީއޯ އިން މިވަނީ ދުރާލާ ތައްޔާރު ވެފަ އެވެ. އެ ކުންފުނިން މުޅިންއާ ވިޔަފާރިއެއްގެ ގޮތުގައި "ޑިޖިޓަލް ބޭންކިން" ގެ ތެރެއަށް ނުކުންނަން ދަނީ ތައްޔާރު ވަމުންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި މި ނިޒާމާއެކު އެކައުންޓް ހުޅުވަން މީހަކު ކައިރިއަށް ނުގޮސް ފަސް މިނިޓުތެރޭގައި އެކައުންޓު ހުޅުވޭނެ އެވެ.

"މި ބޭންކުގައި ފަސް މިނެޓްތެރޭ އަމިއްލައަށް އެކައުންޓު ހުޅުވާލެވޭނެ، 60 ސިކުންތެއްގެ ތެރޭގައި ލޯނަށް އެޕްލައިކޮށްފައި ލޯން ބޭންކު އެކައުންޓަށް ޖަމާވާނެ. މީގަ އެންމެ ބޮޑު ކަމަކީ އަމިއްލަ އަށް ފައިނޭންސް މެނޭޖްކުރެވުން، ބޭންކަކަށް ދާން ނުޖެހި ހުރިހާ ކަމެއް ވެސް އަމިއްލަ އަށް ކުރެވުން،" އަމްރު ވިދާޅުވި އެވެ.

މި ހެޔޮބަދަލާއި އާ ވިޔަފާރިއާއެކު އެ ކުންފުނީގެ އަމާޒަކީ ކުރިމަގުގައި މި ދާއިރާއިން ކުރިއަށް ދިއުމެވެ. މިހާތަނަށް ހަމައެކަނި ތެލާއި ބޭސް ވިއްކަން މަޝްހޫރު ކުންފުނިން ބޭންކިންގެ ޑިޖިޓަލް ކުޑަދޮރު ހުޅުވައި މި ދޮރުން ވަންނަން ވިސްނުމަކީ ވެސް އާ މެނޭޖުމަންޓުން ކުރިއަށް ދިއުމުގެ "ވިޝަން" އޮތްވަރު އަންގައިދޭ ހެއްޔެކެވެ. މީގެން އެނގެނީ އެސްޓީއޯގެ މިޝްރާބު މިހާރު ހުރީ އެސްޓީއޯ ހެޔޮ ބަދަލަކާ ދިމާލަށް ކަމެވެ.