ރިޕޯޓް

ޓާޝަރީ ހޮސްޕިޓަލްތައް: އެސްޓީއޯގެ މުހިންމު ދައުރެއް

Aug 14, 2020
2

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ނިމޭނެ އެވެ. އެ މަޝްރޫއުގެ މަސައްކަތް ކޮވިޑް-19 އާ ގުޅިގެން "މަޑުޖެހުމެއް" އައި ނަމަވެސް ކުރިއަށް ބަދެ އެވެ. މި ހޮސްޕިޓަލްތަކަށް ބޭނުންވާނެ ވަސީލަތްތައް ގެނެސް މިހާރު ވަނީ އިންސްޓޯލް ކުރަން ފަށާފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ ސަރުކާރު އެންމެ ބޮޑު ކުންފުނި އެސްޓީއޯ އިންނެވެ. މި މަޝްރޫއުގެ ދަށުން ފެންވަރު މަތި ކުރާ ހަތަރު ހޮސްޕިޓަލް މަޝްރޫއުގައި އެސްޓީއޯ އިން ދަނީ މުހިންމު ރޯލެއް ކުޅެމުންނެވެ.

އެސްޓީއޯ އިން ދަނީ ހދ. ކުޅުދުއްފުއްޓާއި ލ. ގަން އަދި ގއ. ތިނަދޫ އާއި ރ. އުނގޫފާރު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެސްޓީއޯގެ މެޑިކަލްސްގެ ސީނިއަ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި އެ ކުންފުނިން ކުރާ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި އަހަރު މަޝްރޫއު ނިމޭނެ

"އެމްއޯޓީ [މިނިސްޓްރީ އޮފް ހެލްތް] ގެ ލަފާގެ މަތިން އިންސްޓޯލް ކުރަމުން މިދަނީ އިކްއިޕްމަންޓްތައް. އެ ސާމާނު ގެނެވިފައިވާއިރު، ބައެއް އެއްޗިއްސަކީ އުފެއްދި ކުންފުނީގެ ބޭފުޅުން ތިބެގެން ނޫނީ ނުރޭވޭނެ އެއްޗިިހި. އެ ތަކެތި ރޭވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވީޑީއޯ ކޮންފަރެންސިން ހަދައިގެން،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ބާކީ އިންސްޓޯލް ނުކޮށް ހުރީ އެމްއާރު އައި މެޝިން އާއި ސީޓީ ސްކޭން ފަދަ އިކްއިޕްމަންޓް އިންސްޓޯލް ކުރުން ކަމަށެވެ.

"ދެބައި އެއްކޮށް ކުރި އަށް ދަނީ. މެޝިން ބަހައްޓާނެ ވަސީލަތްތައް ހެދުމުގެ މަސައްކަތް ކުރިއަށްދޭ. އެމްއާރުއައި އާއި ސީޓީ މެޝިން ފަދަ ވަސީލަތްތައް އިންސްޓޯލް ކުރެވޭނީ މެޝިން އުފެއްދި ކުންފުނީގެ ބޭފުޅުން އައިސްގެން. މިހާރު ކޮވިޑް-19 ގެ ސަބަބުން ބޯޑަރުތައް ބަންދު ވެފައި އޮތީ ލަސްވެގެން ދަނީ. ނަމަވެސް ހުޅުވެމުންދާ ވަރަކަށް އެކަން ކުރިއަށްދާނެ، އަޅުގަނޑުމެން ތައްޔާރު ވަމުން މިދަނީ ހުޅުވެން ވާއިރަށް މެޝިން ބަހައްޓާ އިމާރާތް ފުރިހަމަކޮށްފަ ބަހައްޓަން،" ޝިފާން ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް ފުޅާ ކުރަން ކުރަމުން ގެންދާ މަސައްކަތަކުގެ ތެރެއިން ގިނަ މަސައްކަތް ތަކެއް މިދިޔަ އަހަރު ވަނީ ކުރެވިފައި ކަމަށާ މި މެޝިނަރީ އާއި އިކްއިޕްމަންޓުގެ 90 ޕަސެންޓް ގެނެވި މުވައްޒަފުން ތަމްރީން ކުރެފައިވާ ކަމަށެވެ.

"އެ ތަންތަނަށް އުމްރާނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް މިދިޔަ އަހަރު ފެށިފައިވަނީ. އުންމީދު ކުރީ 2020 [މި އަހަރު] ގެ މެދަކާ ޖެހެންވާއިރަށް އެ މަސައްކަތް ނިމޭނެ ކަމަށް. ނަމަވެސް މި އަހަރު ނިމުނުގެ ކުރިން ހިދުމަތްތައް ގާއިމް ކުރެވިގެން ދާނެ،" އަމީން ވިދާޅުވި އެވެ.

ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ތަރައްގީ ކުރާ މި މަޝްރޫއުގެ ދަށުން އައްޑޫ އާއި ހއ. ކުޅުދުއްފުއްޓާއި ލ. ގަން އަދި ގއ. ތިނަދޫ އާއި ރ. އުނގޫފާރު ހޮސްޕިޓަލު ޓާޝަރީ ފެންވަރަކަށް ބަދަލު ކުރާނެ އެވެ. މަޝްރޫއު ނިމިގެން ދާއިރަށް މާލެ އިން ލިބޭ ހުރިހާ ހިދުމަތް ތަކެއް މި ރަށްރަށުން ލިބެން ހުންނާނެ އެވެ.

މިހާރު ރަށްރަށުގައި ތިބި މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަށްޗަކީ ބޭސް ފަރުވާއަށް މާލެ އައުމެވެ. ނަމަވެސް އެމްއާރު އައި މެޝިންގެ ހިދުމަތާއި ސީޓީ ސްކޭންގެ ފަދަ ހިދުމަތްތައް ރަށްރަށުން ލިބެން ފެށުމުން މުޅި ނިޒާމު ބަދަލު ވެގެންދާނެ އެވެ. މި ބަދަލު މި އަހަރު ތެރޭގައި ފެންނަން ފަށާނެ އެވެ.