ރިޕޯޓް

ކުރީގެ "ކަޑަ"ތައް ހިތް ގައިމު ދިމާލަކަށް!

Apr 16, 2018
11

ހާބަރުގައި ހުންނަ ކަޑަތަކުން އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ހިދުމަތް ހޯދަމުން ދިޔަ ނަމަވެސް އޭރު އެތަން ސިފަ ކުރެވެނީ "ހަޑި"ތަނެއްގެ ގޮތުގަ އެވެ. މި ސަރަހައްދުގައި އޭރު އެއްވެސް ތަރުތީބެއް ނެތެވެ. އެހެންވެ، މި ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސް ފުޑްކޯޓު ތަކެއް އަޅަން ސަރުކާރުން ނިންމައި، މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ބޭނުމަކީ މި ތަން ހިތް ގައިމު، ހިތް ފަސޭހަ ތަނަކަށް ހެދުމެވެ. މި މަގުސަދުގައި ފެށި މަސައްކަތް ނިމުމާ ގާތް ވެއްޖެ އެވެ. ހުދު ސަތަރީގެ މެޓީރިއަލްއެއް ބޭނުންކޮށްގެން ތިން ފުރާޅަށް ހިޔާކޮށް، ހަދާ މި ތަން މިހާރު ނިމެނީ އެވެ. މިއާއެކު މި ތަނުން މިހާރު ފެނަނީ ހިތް ފަސޭހަ ކަމެވެ. ކުރީގެ "ކަޑަ"ތައް ހިތް ގައިމު ބަދަލަކާ ދިމާލަށް ދަނީ އެވެ.

އެސްޓީއޯ އިން ދިން ހުއްދައެއްގެ ދަށުން ފުޑް ކޯޓްތައް ހަދާ ސަރަހައްދަށް އިއްޔެ ވަނީ ވަދެލުމުގެ ފުރުސަތު ލިބިފަ އެވެ. އެ ސަރަހައްދުގައި ފޯރީގައި މިހާރު ވެސް ގިނަ މަސައްކަތް ތަކެއް ދަނީ ކުރިއަށެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޑް ކޯޓުތައް އަޅާ ތަނުގައި 26 ތަނެއް ހުންނާނެ އެވެ. މީގެތެރެ އިން ގިނަ ތަންތަން ވަނީ މިހާރު ހަދައި ނިމިފަ އެވެ.

މިހާރު ކުރަމުން ގެންދަނީ ފިނިޝިން މަސައްކަތުގެ ގޮތުގައި ކުރަން ޖެހޭ ބައެއް ކަންކަމެވެ. މި ސަރަހައްދު ނިމުމާއެކު، ފެނިގެންދާނީ ބޭރުގެގައުމުތަކުގައި މި ފަދަ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުންނަ ގޮތަށް ރީތި ތަނެއްގެ ގޮތުގަ އެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ހާބަރު ސަރަހައްދުގައި ހަދާ ފުޑް ކޯޓްތަކުގައި ތިން ސައިޒެއްގެ ކެފޭ ހުންނާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓުގެ 1،660 އަކަފޫޓުގެ ކެފޭ ތަކެވެ. މި ތަންތަނުގެ ތެރެއިން ގިނަ ތަންތަން ވަނީ ބިޑްކޮށްގެން އެކި ކުންފުނި ތަކަށް ދީފަ އެވެ.

ކުރީގެ "ކަޑަ"ތަކުން މިހާރު މި ފެންނަނީ ހިތް ގައިމު ކަމެވެ. ހުޅުވޭނެ ސީދާ ތާރީހެއް ނޭނގުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ތަން ހުޅުވުމާއެކު މި ސަރަހައްދު ވެގެން ދާނީ މާލޭގައި އޮތް އެންމެ ހިތް ފަސޭހަ އެއް ސަރަހައްދަށެވެ.