ރިޕޯޓް

އެސްޓީއޯއިން މިކުރި މޮޅު ކަމެއް ބަލާ!

Jun 5, 2017
12

ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާތަކުގެ އެންމެ "ފޫހި ބަޔަކީ" ވޯޓަށް އަހާ ވަގުތުކޮޅެވެ. ވޯޓު ނަގަން ދުއްވާލާ "ބޭކާރު ގަޑި" އެވެ. މިހާތަނާ ޖެހެން އަހަރީ އާއްމު ޖަލްސާތަކުގައި ވޯޓު ނަގަމުން ދިޔައީ، އެންމެ މުސްކުޅި ގޮތަށް އަތް އުފުލައިގެންނެވެ. ނޫނީ ކަރުދާހުގައި "ފެންނަ، ނުފެންނަ" ޖަހައިގެންނެވެ. އެހެން ވޯޓުގެ ކަންތަކަށް އެންމެ މަދުވެގެން ބައި ގަޑިއިރު، ނުވަތަ ގަޑިއެއްހާ އިރު ނަގަ އެވެ. ނަމަވެސް އެސްޓީއޯ މުވައްޒަފުންގެ މަސައްކަތުން މިވަނީ ވަގުތު ކުރުކޮށްދީފަ އެވެ. އެ ކުންފުނީގެ މުވައްޒަފުން އަމިއްލަ އަށް އުފެދި، އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް އެ ފޫހިކަން ފިލުވައިދީފި އެވެ.

އަހަރީ އާއްމު ޖަލްސާއަށް ފަސޭހަކަން ގެނެސްދިން މި މޮޅު ސިސްޓަމް ގާއިމް ކޮށްފައިވަނީ، އެސްޓީއޯ "އައިޓީ ޓީމު" ގެ މަސައްކަތުންނެވެ. މި ސިސްޓަމް އުފެއްދުމުގެ ކުރިން އެހެން ކުންފުނިތަކުން ވެސް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ކުރަން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް، އެކަން ވަނީ އެންމެ ފަހު ވަގުތު ފެއިލް ވެފަ އެވެ. މިފަދަ ސިސްޓަމެއް އުފެއްދުމަކީ އެސްޓީއޯއަށްވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، އަދި ކޮމްޕެނީ ސެކްރެޓަކީ އައިޝަތު ޝައްފާނާ ރަޝީދު ވިދާޅުވީ މިފަދަ ނިޒާމެއް އުފެއްދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"އެންމެ ކުރިއްސުރެން ފެށިގެން ވޯޓު މި ނަގަނީ ބޯޑު ހިއްލައިގެން ނޫނީ އަތް ނަގައިގެން. އޭރުން އެބަޖެހޭ އެ ކައުންޓު ކުރަން ގިނަ ވަގުތު ތަނެއް ނަގަން. މިހެން ހެދުމުން ފުދޭ ވަރަކަށް ވަގުތު އެކަމަށް. މި ސިސްޓަމެއް ފަރުމާ ކުރުމުގެ ބޭނުމަކީ މިގޮތަށް ދާ ވަގުތު ކުރު ކުރުން،" ޝައްފާނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ ސީނިޔަ އިންފޮމޭޝަން ސިސްޓަމް މެނޭޖަރު އިސްމާއިލް މިފްރާހު ވިދާޅުވި ގޮތުގައި ސިސްޓަމް ކާމިޔާބުވީސިސްޓަމް ގާއިމް ކުރުމުގައި ގިނަ ކަންތައްތަކަށް ބަލައިގެނެވެ.

"ސިސްޓަމް ހެދިއިރު ބެލިން ވީހާ ވެސް ސިމްޕްލީ ބޭނުން ކުރެވޭނެ އެއްޗަކަށް ހަދަން. ބައެއް ތަންތަނުގައި ބޭނުންކުރޭ މޮބައިލް. އެކަމަކު އެސްޓީއޯގައި ގިނަ އަދަދަކަށް ތިބޭ ދުވަސްވީ ހިއްސާދާރުން. އެހެންވެ އެހާ މޮބައިލް ފްރެންޑްލީ ނުވެދާނެ. އެހެންވެ އެ ކަމަށް މިފަދަ ސިސްޓަމެއް އުފެއްދިއިރު ބެލީ،" މިފްރާހު ވިދާޅުވި އެވެ.

އެސްޓީއޯ އިން ވޯޓިން ސިސްޓަމް ފަރުމާކޮށްފައިވަނީ ވޯޓު ދޭ މީހުންނަށް ހާއްސަ ދެ ކާޑެއް ބޭނުންކުރެވޭ ގޮތަށެވެ. މި ކާޑުގައި ހިއްސާދާރުންގެ މައުލޫމާތު ރައްކާ ކުރެވިފައި ހުރެ އެވެ. އަދި ހިއްސާދާރުންގެ އަތުގައި އޮންނަ "ފެންނަ" ނުވަތަ "ނުފެންނަ" ކާޑު އެކަމަށް ހާއްސަ ޓެބެއްގައި ޖައްސާލުވުން ވޯޓު ދެވޭ ގޮތަށެވެ.

އެސްޓީއޯގެ އިންފޮމޭޝަން ސިސްޓަމް އިންޖިނިއަރު ހުސެއިން ވަހީދު ވިދާޅުވީ މި ސިސްޓަމް ފަރުމާކޮށްފައިވަނީ ވޯޓު އޮޅުވާލުން ނުވަތަ އޮޅުން އަރާފާނެ ފަދަ އެއްވެސް ކަމެއް ނުވާނެ ގޮތް ބަލައިގެން ކަމަށެވެ.

"އެންމެ ބޮޑަށް ބެލީ ސެކިއުރިޓީ ފީޗާތަކަށް. ހާއްސަކޮށް ސާވާއާ ކަނެކްޝަން ދިއުމުން މައްސަލަ ނުޖެހޭ ގޮތަށް. އަދި ފާސްޓުވާނެ ގޮތަށް ވެސް ބެލިން،" ހުސެއިން ވިދާޅުވި އެވެ.

އެސްޓީއޯގެ ވޯޓިން ސިސްޓަމް ވެގެން ދިޔައީ ހިއްސާދާރުން ވަރަށް ގަޔާވި ކަމަށެވެ. އެކަން ހިއްސާދާރުން ވަނީ ފާހަގަ ކޮށްފަ އެވެ. މި ސިސްޓަމް ކާމިޔާބުވުމުގެ އެއް ސަބަބަކީ ސިސްޓަމުގެ އިތުބާރު ބޮޑުވުމެވެ. ވޯޓު ދޭގޮތަށް ކުރިމަތީގައި އިންނަ ބޮޑު ސްކްރީނަކުން ފެންނަމުން ދާ ގޮތަށެވެ. ނަތީޖާއަކީ ހިއްސާދާރުންގެ އިތުބާރު ބޮޑުވުމެވެ.

މީގެ އިތުރު މި ސިސްޓަމްއަކީ ބައިނަލްއަގުވާމީ ފާމަކުން އެޕްރޫވް ކޮށްފައިވާ ސިސްޓަމެކެވެ. އެ ފާމުން ސިސްޓަމުން ވޯޓު ދޭއިރު ދިޔައީ އެކަމަށް ވެސް ފާރަވެރިވަމުންނެވެ.