ކުޅިވަރު

ދުވުމުގެ ރޭހުގައި ކުޑަ ހުސައިން ހިނގަނީ!

މާލޭގައި 1987 ވަނަ އަހަރު ޖަނަވަރީ މަހު ބޭއްވި މަޝްހޫރު މާލޭ މެރަތޮންގައި ދުވެ ހުސައިން ހަލީމު (ކުޑަ ހުސައިން) ރޭސް ނިންމީ ތިން ގަޑި 26 މިނެޓުންނެވެ. އޭރު ކުޑަ ހުސައިންގެ އުމުރުން 17 އަހަރެވެ. އެއީ އޭނާގެ ފުރަތަމަ މެރަތޮން އެވެ.

އޭގެ ފަހުން އެތައް މެރެތޮންއެއްގައި އޭނާ ދުވެފި އެވެ. ދުވުމުގެ ރޭހުގައި ކުޑަ ހުސެންގެ ވާހަކަ އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ. އޭނާ އަކީ ދިވެހި ފުރަތަމަ އޮލިމްޕިކް ޓީމު މެންބަރެކެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ޓީއެފްޖީގެ ކޮކާކޯލާ ލޯންގް ރަންގައި ކުޑަ ހުސައިން ދުވުނީކީ ނޫނެވެ. ކުރީގެ އެއް ވަނަ ދުވުންތެރިޔާ ރޭސް ފުރިހަމަ ކުރީ ހިނގާފަ އެވެ.

ކޮކާކޯލާ ލޯންގް ރަންގައި އޭނާ ވާދަ ކުރި ރޭސް ހިންގާފައި ނިންމީ ހަ ގަޑި 18 މިނެޓުންނެވެ. އޭނާ އަށް ވުރެ ލަހުން ރޭސް ނިންމި އެހެން މީހުންވެސް އުޅުނެވެ. އެއީ ދުވެފައި އުޅުނު މީހުންނެވެ.

ސިންގަޕޫރު މެރެތޮންގައި 2012 ވަނަ އަހަރު ކުޑަ ހުސައިން ވާދަ ކުރި އެވެ. އެ އަހަރު އޭނާ ނިންމީ ހިންގާފައި ރޭސް ފުރިހަމަ ކުރުމަށެވެ. އެއީ ހިނގަފައި، އޭނާ ނިންމި ފުރަތަމަ މެރަތޮން އެވެ. އެ ފަހަރު ރޭސް އޭނާ ނިންމީ ހަ ގަޑި 16 މިނެޓުންނެވެ.

ދެން މިއޮތީ ދުވުމުގެ ރޭހެއްގައި ހިނގާފައި ރޭސް ފުރިހަމަ ކުރި ކީއްވެތޯ ބެލުމެވެ. ކުޑަ ހުސައިން ބުނީ އޭނާގެ އެންމެ ބޮޑު ބޭނުމަކީ ކަސްރަތާއި ދުޅަ ހެޔޮ ސިއްހަތައް މީހުން އަހުލުވެރި ކުރުން ކަމަށެވެ. ކަސްރަތު ކުރަން ދާން ބޭނުންވާ ކިތަންމެ ބަޔަކު އުޅޭނެ އެވެ. ކޮންމެވެސް ސަބަބަކާ ހުރެ ނުފެށި ތިބި މީހުންނެވެ. މެރަތޮންގައި ބައިވެރިވާން ބޭނުންވާ އެތައް ބަޔަކު ތިބޭނެ އެވެ. ފަހަރެއްގައި ރޭސް ފުރިހަމަ ނުކުރެވޭނެ ކަމަށް ހިތާ ނުފެށި ތިބި މީހުންނެވެ. މާ ބާރަށް ނުދުވެވޭނެ ކަމަށް ބަލައި ދުރުގައި ތިބި މީހުންނެވެ.

އެ އެންމެންނަށް ކުޑަ ހުސައިން ދޭން ބޭނުންވީ މެސެޖެކެވެ. މާ ބާރަށް ނުދުވެވުނަސް، ނުވަތަ އަނިޔާއެއްގައި ހުރި ނަމަވެސް ނުވަތަ ނުކުޅަދުންތެރިކަމެއް ހުރި މީހަކަސް، މެރަތޮންގައި ބައިވެރި ވެވޭނެ ކަމާއި ކަނޑައެޅިފައިވާ ފުރިހަމަ ވަގުތުގައި ރޭސް ފުރިހަމަވެސް ކުރެވޭނެ ކަމުގެ އުންމީދު އެތަށް ބަޔަކަށް ހޯދައި ދިނުމެވެ.

މެރަތޮންގައި ކޮންމެހެން ވާދަ ކުރަނީ ވަނަ އެއް ހޯދަން ނޫން ކަމެވެ. އަމިއްލަ ނަފުސައް ޗެލެންޖެއް ކޮށްލައި ތިމަންނައަށްވެސް ވާނެ ކަމުގެ ހިތްވަރު އެހެން މީހުންނަށް ހޯދައިދޭން އޭނާ ބޭނުންވެ އެވެ. ކުޑަ ހުސައިންގެ އުމުރުން 50 ހާ ގާތް ކުރަމުން ދާއިރުވެސް މެރޮތޮން ރޭސްތަކުގައި ވާދަ ކުރުމުގައި އޭނާގެ ރޫހަކަށް ބަދަލެއް ނާދެ އެވެ.

ކުޑަ ހުސައިން ބުނީ އޭނާ ބޭނުންވީ ކޮންމެ އުމުރެއްގެ މީހަކަށްވެސް މެރެތޮން ރޭސްތަކުގައި ވާދަ ކުރެވޭނެ ކަން ސާބިތުކޮށްދޭން ކަމަށެވެ. ނުދުވެވުނަސް ހިނގާފައިވެސް ކަސްރަތުގެ ތެރެއަށް ނިކުންނަވީކަން މި ރޭހުން އާންމުންނަށް ދައްކައިދޭން އޭނާ ބޭނުން ވީއެވެ. މެރޮތުން ރޭހުގައި ކުޑަ ހުސައިން ހިނގީ މިހެންވެ އެވެ.