އިނގިރޭސި ފުޓްބޯޅައިގައި ލިވަޕޫލްއާއެކު މިހާރު ވިދަމުން އަންނަ މުހައްމަދު ސަލާހް އެންމެ ފުރަތަމަ ކުޅުނު އިނގިރޭސި ކުލަބަކީ ޗެލްސީ އެވެ. ސްވިޒަލޭންޑްގެ އެފްސީ ބަޒެލް ދޫކޮށް ސަލާހް ޗެލްސީއަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ.
މޮރީނިއޯ ބޭނުން ވެގެން ސަލާހް ޗެލްސީއަށް ގެނައީ ޖަނަވަރީ 2014 ގަ އެވެ. ޗެލްސީގައި އޭނާއަށް ކުޅެން ލިބުނީ އެންމެ 19 ފަހަރު އެވެ. ޖެހިގެން އައި އަހަރު ލޯން އުސޫލުން ފިއޮރެންޓީނާ އަށް ސަލާހް ބަދަލުވި އެވެ. ފިއޮރެންޓީނާއިން ރޯމާ އަށެވެ. ޗެލްސީން ސަލާހްގެ ކޮންޓްރެކްޓް އުވާލައި ރޯމާ އަށް ރަސްމީކޮށް އޭނާ ދޫކޮށްލީ 2016 ވަނަ އަހަރު އެވެ.
ޗެލްސީގައި އެދެވޭ ކުޅުމެއް ނުދެއްކުނު ސަލާހް، މި ސީޒަންގައި ލިވަޕޫލަށް ބަދަލުވެ އޭނާ ދަނީ އެ ޓީމުގައި މޮޅު ކުޅެއް ދައްކަމުންނެވެ. ސަލާހް ޗެލްސީ ދޫކޮށް ދިޔައީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި މޮރީނިއޯ ބޭނުން ވުމުން ކަމަށް ވާހަކަ ދައްކަ އެވެ.
މޮރީނިއޯ ވަނީ އޭނާ އާ ގުޅުވައި ދައްކަމުންދާ އެ ވާހާކަ ތަކަށް ޖަވާބު ދީފަ އެވެ. މޮރީނިއޯ ބުނީ ސަލާހް ޗެލްސީގައި ބަހައްޓަން އޭނާ ބޭނުންވި ކަމަށާއި ނަމަވެސް އޭނާ ދޫކޮށްލަން ނިންމީ ޗެލްސީގެ މެނޭޖުމެންޓުން ކަމަށެވެ.
އީއެސްޕީއެން ބްރެޒިލްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ސަލާހް ވިއްކާލީ އޭނާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. މޮރީނިއޯ ބުނީ ސަލާހް ޗެލްސީއަށް ގެނައީ އޭނާ ބޭނުންވެގެން ކަމަށެވެ.
"އަހަރެމެން ނިންމީ އޭނާ ލޯން އުސޫލުން ދޫކޮށްލަން، ހުދު އޭނާވެސް އެކަމަށް އެދެމުން ދިޔައީ ސަބަބަކީ އޭނާ ބޭނުންވޭ ކުޅޭނެ ގިނަ ވަގުތު، ގިނަ ވަގުތު ކުޅެގެން އޭނާ ބޭނުންވީ އިތުރަށް ތަރައްގީވާން، އެހެންވެ އަހަރެމެން އޭނާ ފިއޮރެންޓީނާއަށް ފޮނުވީ، އެ ކުލަބުގައި އޭނާ ދިޔައީ ތަރައްގީ ވަމުން،" ސަލާހް އާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.
"އޭނާ ވިއްކާލަން ބޭނުންވީ ޗެލްސީ އިން، ސަލާހް ވިއްކާލީ އަހަންނޭ އެމީހުން ބުނާނަމަ އެއީ ދޮގެއް."