އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ އެތުލެޓިކޯ މެޑްރިޑުން އާސެނަލް ހިފަހައްޓައިލައިފި އެވެ. އާސެނަލް ލީޑްގައި ވަނިކޮށް އެތުލެޓިކޯއިން ނަތީޖާ 1-1 ން ހަމަހަމަ ކުރީ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުންވެ.
ޔޫރޮޕާ ލީގްގެ ސެމީ ފައިނަލު ފުރަތަމަ ލެގް މެޗު ފެށިގެން 10 ވަނަ މިނެޓްގައި ރެފްރީ ވަނީ އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ޝީމޭ ވާސަލްކޯ އަށް ދެ ވަނަ ރީނދޫ ކާޑާކާއެކު ރަތް ކާޑު ދައްކާފަ އެވެ. އޭނާ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ މެޗު ފެށިގެން ދެ ވަނަ މިނެޓްގަ އެވެ.
އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ފަހުން ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހި ބުނި އެއްޗެއްގެ ސަބަބުން ރެފްރީ ވަނީ އެތުލެޓިކޯ ގެ ކޯޗް ޑިއޭގޯ ސިމިއޯނޭވެސް ބެންޗުން ފޮނުވާލާފަ އެވެ.
އެކަކު މަދުކޮށް ކުޅެން ޖެހުމުން، އެތުލެޓިކޯގެ މުޅި ޓީމަށް ޖެހުނީ ޑިފެންސު ކުރާށެވެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދޭތެރެ ދޭތެރެއިން ކުރިއަށް ޖެހިލައި އާސެނަލްގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ.
ދެ ވަނަ ހާފުގައި މުޅިން ކަހަލަ ގޮތަކަށް އާސެނަލް ކުޅުނީ އެތުލެޓިކޯގެ ހާފުގެ ތެރޭގަ އެވެ. އާސެނަލް ނަގަމުން ދިޔަ ހުރަސްތަކުން، އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލެކްގެ ގޯލަށް ބާރު ބޮޑު ކުރި އެވެ.
އާސެނަލްގެ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ޖެކް ވިލްޝެއާ ނަގައިދިން ހުރަސް ބޮލުން ފޮނުވާލައިގެން ލަނޑު ޖެހީ އެލެކްސެންޑާ ލަކެޒެޓެވެ. ލަނޑަށް ފަހު ވެސް އާސެނަލް ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ކައިރިކައިރިގައި ލިބުނު ކޯނަރުތަކުން ފުރުސަތުތައް ތަނަވަސް ކުރެވުނު ނަމަވެސް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.
އެތުލެޓިކޯގެ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޓްއާން ގްރީޒްމަން އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ހާފުގެ މެދެއްހާ ހިސާބުން ދުވެފައި ގޮސް ގޯލައާ ހަމަޔަށް ގޮސް އާސެނަލްގެ ގޯލަށް ބޯޅަ ފޮނުވަލީ އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕިނާ އަށް އަދި އެ ޓީމުގެ ޑިފެންސަށްވެސް ފުރުސަތު ނުދީ އެވެ.
އެތުލެޓިކޯ ލަނޑު ޖެހި ފަހުން އާސެނަލްގެ ވިލްޝެއާ އަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަދެ ވައްދެއް އޮއްވައި އެތުލެޓިކޯގެ ކީޕަރު އޮބްލެކް އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.
ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ފްރާންސްގެ އޮލިމްޕިކް މާސެލޭ ވަނީ އަމިއްލަ ދަނޑުގައި އޮސްޓްރޭލިއާގެ ސަލްޒް ބާގް ބަލިކޮށް ފައިނަލަށް ދިއުމުގެ އުންމިދު ދަމަހައްޓާފަ އެވެ. ސެމީ ފައިނަލުގެ ދެ ވަނަ ލެގް މެޗުތައް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.