އޭނާ ބާސެލޯނާއާ ގުޅުނީ އުމުރުން 12 އަހަރު ގަ އެވެ. އެއީ 1996 ވަނަ އަހަރު އެވެ. ފުރަތަމަ ގުޅުނީ ބާސެލޯނާގެ ޔޫތު އެކެޑެމީއާ އެވެ. އޭގެ 22 އަހަރު ފަހެވެ. ބާސެލޯނާގެ ރަން ޒަމާނުގައި އެ ކުލަބުން ފެނުނު އެންމެ މޮޅު މިޑްފީލްޑަރު އަންޑްރޭ އިނިއެސްޓާ މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފި އެވެ.
ބާސެލޯނާގެ ޓްރެއިނިން ގްރައުންޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނިއެސްޓާ ބުނީ އޭނާ ބާސެލޯނާ ދޫކޮށްލަން ޖެހޭ ވަގުތު އައިސްފި ކަމަށެވެ.
ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެކޭ އެއްގޮތަށް އިނިއެސްޓާ ވެސް ދެން އަންނާނީ އޭޝިއާގެ ލީގަކަށެވެ. އިނިއެސްޓާ އާ ގުޅުވައި ވާހަކަ ދައްކަނީ ޗައިނާގެ ސްޕަ ލީގަށް ބަދަލުވާ ވާހަކަ އެވެ.
މި ސީޒަނަށް ފަހު ވޯލްޑް ކަޕުގައި އިނިއެސްޓާ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ފަހު ފަހަރަށް ކުޅޭނެ އެވެ. އޭނާ ކުރިން ބުނެފައި ވަނީ މި ފަހަރުގެ ވޯލްޑްކަޕަކީ ގައުމީ ޓީމަށް އޭނާ ކުޅޭނެ ފަހު މުބާރާތް ކަމަށެވެ. ސްޕެއިންއަށް 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމަށް، ފައިނަލު މެޗުގައި ލަނޑު ޖެހީ އިނިއެސްޓާ އެވެ.
"އަހަންނަށް މިހާރު ގާތްގަނޑަކަށް 34 އަހަރު މިވީ، ދަނޑު މަތީގައި ކުރަން ޖެހޭ ހުރިހާ ކަމެއް އަހަރެން ކޮށްފިން، މި ކުަލަބަށްޓަކައި އަހަރެންގެ ހުރީހާ އެއްޗެއް ދިނިން،" އިނިއެސްޓާ ބުންޏެވެ.
ޕްރެސްގައި ވާހަކަ ދައްކަމުން އިނިއެސްޓާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. އޭނާ ބުނީ އެހެން ޓީމެއްގައި ހުރެ ބާސާއާ ދެކޮޅަށް ނުނިކުންނާނެ ކަމަށެވެ. އެހެންވެ ޔޫރަޕްގެ ލީގެއްގައި އިތުރަށް ނުކުޅެން އޭނާ ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބާސެލޯނާ ދުކޮށްލަނީ 31 ތަށި އެ ޓީމަށް ހޯދައި ދީފަ އެވެ.