ހޮލީވުޑް

"ކުއެންޓިކޯ"ގެ ޝޫޓިންގެ ތެރެއިން ޕްރިޔަންކާއަށް އަނިޔާވެއްޖެ

އެމެރިކަން ޓީވީ ސީރީޒް "ކުއެންޓިކޯ" ގެ ޝޫޓިން ކުރިއަށްދަނިކޮށް، މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް އަނިޔާވެއްޖެ އެވެ. އެ ސީރީޒްގެ މިހާރު ދައްކަމުން އަަންނަ ތިން ވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިން ޕްރިޔަންކާގެ ފައިގެ ކަކުލު ހުޅަށް ވަނީ ތަދެއް އާރަފަ އެވެ.

ލިބުނު އަނިޔާގެ ވާހަކަތައް ޕްރިޔަންކާ ވަނީ ޓުވިޓާ މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

"ޝޫޓިން ކުރިއަށްދަނިކޮށް އަހަރެން ކަކުލު ހުޅަށް ވަނީ އަނިޔާވެފަ. ސެޓަށް ކަށީގެ ޑޮކްޓަރަކު ގެނެސް ފަރުވާކުރި އަދި ކުރިއަށް އޮތް ތިން ހަފްތާވަންދެން ކަކުލުގައި ވަނީ ބެންޑޭޖު އަޅާފަ." ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ކޮށްފައިވާ ޓުވީޓް.

ކުއެންޓިކޯގެ އިތުރަށް ޕްރިޔަންކާ މިހާރު އަންނަނީ ހޮލީވުޑްގެ ދެ ފިލްމަކަށް ތައްޔާރުވަމުންނެވެ. އެއީ ފިލްމު "އަ ކިޑް ލައިކް ކޭޖް" އަދި "އިސިންޓް އިޓް ރޮމޭންޓިކް" އެވެ.

ޕްރިޔަންކާ މިހާރު ވަނީ ބޮލީވުޑްގެ އެންމެ އުހުގައި އުޅޭ އެއް ހާން ކަމަށްވާ ސަލްމާން ހާންއާއެކުވެސް ފިލްމެއް ކުޅުމަށް އެއްބަސްވެފަ އެވެ. އެ ފިލްމަކީ އަންނަ އަހަރު ފިތުރު އީދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ބާރަތް" އެވެ. މި ފިލްމު ވެގެންދާނީ ދިހަ އަހަރުފަހުން މި ދެ ތަރިން އެއްކޮށް ފެންނާނެ ފުރަތަމަ ފިލްމަށެވެ.