ވިޔަފާރި

އާ ރަންވޭއިން ފްލައިޓް ފުރާ ސަރަހައްދުގެ މަސައްކަތް ފަށައިފި

Apr 28, 2018
4

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ރަންވޭއިން ފްލައިޓް ނައްޓާލާ ސަރަހައްދުގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ވީއައިއޭ އާ ރަންވޭގެ "ޖެޓް ބްލަސްޓް" އޭރިއާގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީ އެއް އެ ކުންފުނިން އަދި ނުދެ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު ބައި ކަމަށްވާ، އާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކުން ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ބޯޓެތި "އޭ 380" ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރު ހަދާ އާ ރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުރެ އެވެ. އަދި އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މިތަން ހަދަމުން ދަނީ ކުރިން ފަޅެއްގެ ގޮތުގައި އޮތް ސަރަހައްދު ހިއްކައިގެންނެވެ.

އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން މަސައްކަތް ކުރާއިރު ރަންވޭގެ އެކި ލޭޔަރު ތަކުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ހަ ލޭޔަރުގެ މައްޗަށް ހިމެނޭ، ރަންވޭގެ އެންމެ މަތީ ފަށަލަ ކަމަށްވާ ތާރު ފަށަލަ ފެތުރުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ 300 މިލިއަން ޑޮލަރަށް ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ފެށުމުގެ ގޮތުން 1200 ޕައިލް ޖަހާނެ އެވެ. އަދި މި ޕައިޕްތައް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އާ ޕެސެންޖަރު ޓާމިނަލްގެ އިމާރާތަކީ ބޭރުގައި ހަދައިގެން ގެނެސް ރާވާލާ އިމާރާތެކެވެ.

އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ހަދާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތުގެ ބޮޑު ބައެއް މި އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.