މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗް އުނައި އެމެރީ ބުނެފި އެވެ. އެމެރީއާއެކު ޕީއެސްޖީން 2016 ވަނަ އަހަރު ސޮއި ކުރީ ދެ އަހަރުގެ މުއްދަތުގެ ކޮންޓްރެކްޓެއްގަ އެވެ. ޕީއެސްޖީން ބޭނުން ނަމަ ތިން ވަނަ އަހަރަކަށް އޭނާ ބެހެއްޓުމުގެ ފުރުސަތު އޮންނަ ގޮތަށެވެ.
އެމެރީއާ ޕީއެސްޖީގެ ކޯޗު ކަން ހަވާލު ކުރީ ފްރާންސްގެ ލޯރެންޓް ބްލެންކް ވަކި ކުރުމަށް ފަހު އެވެ. އޭގެ ކުރިން އެމެރީ ހުރީ ސެވިއްޔާގެ ކޯޗަކަށެވެ. އޭނާ ވަނީ ޖެހިޖެހިގެން ތިން ފަހަރު ސެވިއްޔާއަށް ޔޫރޮޕާ ލީގް ހޯދައިދީފަ އެވެ.
އެމެރީ ބުނީ ޕީއެސްޖީގެ މިލްކު ވެރިކަން އޮންނަ ގަތަރު ސްޕޯޓްސް އިންވެސްޓްމެންޓުން ޕީއެސްޖީއަކީ ޔޫރަޕްގެ ވަރުގަދަ ކުލަބަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް އެބައޮތް ކަމަށެވެ. ދުނިޔޭގެ ރެކޯޑް އަގެއްގައި އެ ކުލަބުން ނޭމާ ގެނައީ ކުލަބަކީ ވަރުގަދަ ކުލަބަކަށް ހެދުމަށް ކަމަށް އެމެރީ ބުންޏެވެ. އޭނާ ބުނީ އެ ގޮތުގައި ޕީއެސްޖީ ކުރިއަށް ދާނެ ކަމަށެވެ.
އެމެރީގެ ބަދަލުގައި ކާކު
ތޯމަސް ޓޫކުލް
މެނިޒް އާއި ބްރޫޝިއާ ޑޯޓަމުންޑްގެ ކުރިގެ ކޯޗް މިހާރު ހުރީ ވަޒީފާއެއްގައެއް ނޫނެވެ. މިދިޔަ ސީޒަނަށް ނިމުނު އިރު ޓްރާންސްފާގެ ކަންކަން ދިޔަ ގޮތާ މެދު ހިތްހަމަ ނުޖެހި އޭނާ ކޯޗު ކަމުން ވަކިވި އެވެ. ޑޯޓަމުންޑްގައި އޭނާ ކުރި މަސައްކަތައް ތައުރީފު އޮހުނެވެ.
އޭނާގެ ކޯޗު ކަމުގެ ދަށުން ޑޯޓަމުންޑުން ރީތި ފުޓްބޯޅައެއް ކުޅުނެވެ. ޑޮޓަމުންޑް ކުޅުނީ ރަނގަޅު ސިސްޓަމަކަށެވެ. އޭނަގެ ގޭމް ސިސްޓަމުގައި ޒަމާނީ ފުޓްބޯޅައިގެ ހުރިހާ އެލެމެންޓްތަކެއް ހުއްޓެވެ. އޭނާ އާ ގުޅުވައި ޕީއެސްޖީއާ ބެހޭ ގޮތުން ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޕީއެސްޖީގެ ކޯޗު ކަމާ ދެން ހަވާލު ވާނީ އޭނާ އެވެ.
މެސިމިލިއާނޯ އެލެގްރީ
ޔުވެންޓަސްގެ މީހާރުގެ ކޯޗް އެ ޓީމު ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ދިނެވެ. ބައެއް ނޫސްވެރިން ގާތު އޭނާ ބުނެފައި ވަނީ ޔުވެންޓަސްގެ ވަޒީފާ ދޫކޮށްލަން ޖެހޭ ވަގުތު ކައިރިވެފައިވާ ކަމަށެވެ. އެލެގްރީ ފާހަގަ ކުރެވިފައި ވަނީ ފޯމު ގެއްލިފައިވާ ކުޅުންތެރިންވެސް ފޯމަށް ގެނެސް އެ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފަން އެނގޭ ކޯޗެއްގެ ގޮތުގަ އެވެ. އޭގެ އެއް މިސާލަކީ ބާސާއިން ދޫކޮށްލި ޑެނީ އަލްވޭސް ޔުވެންޓަސްއަށް ގެނެސް އެ ޓީމުގައި އޭނާ ދައުރު ބޮޑު ކުރުވުމެވެ.
އެލެގްރީ އާ ގުޅުވައި އާސެނަލްއާ ވެސް ވާހަކަ ދައްކައެވެ. އދި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައި ދެން ޗެލްސީއާ ހަވާލުވާނީ އޭނާކަމަށްވެސް ވާހަކަ ދައްކަ އެވެ.
ކާލޯ އަންޗެލޯޓީ
މި ސީޒަންގައި ޕީއެސްޖީ އަތުން ބަޔާން މިޔުނިކު ބަލިވެ، ޖަރުމަން ލީގްގެ މުހިންމު މެޗުތަކުގައިވެސް ހޯދަމުން ދިޔަ ދަށް ނަތީޖާ ތަކުގެ ސަބަބުން އޭނާ މަގާމުން ވަކި ކުރި އެވެ. ބަޔާން މިޔުނިކްގެ ކޯޗު ކަމާ ހަވާލު ވުމުގެ ކުރިން އޭނާ ވަނީ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދީ އެ ޓީމަށް ޗެމްޕިއަންސް ލީގް ހޯދައި ދީފަ އެވެ. އޭނާ ރެއާލް އަށް ބަދަލުވީ ޕީއެސްޖީ ދޫކޮށްލުމަށް ފަހު އެވެ. ޕީއެސްޖީގެ ކޯޗު ކަމަށް އަލުން އޭނާ ގެންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.