ވިޔަފާރި

އިންޑިޔާ ކަނޑުގެ ރިސޯޓުތަކުން "ލަކްސް" ގެ ފައިދާ ދަށަށް

Apr 29, 2018
1

އިންޑިޔާ ކަނޑުގައި "ލަކްސް" ކުންފުނިން ހިންގާ ރިސޯޓުތަކުން ވޭތުދިޔަ ނުވަ މަސް ދުވަހު ލިބުނު ސާފު ފައިދާ 16 ޕަސެންޓް ދަށްވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން "ލަކްސް" އަށް މާޗު މަހުގެ ނިޔަލަށް ވަނީ 509
މިލިއަން ރުޕީސް (ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު) ގެ ގެއްލުމެއް ލިބިފަ އެވެ.

މި މުއްދަތުގައި މޮރިޝަސްއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ ހަތަރު ޕަސެންޓް ދަށްވެފަ އެވެ. އެ ގައުމަށް މި މުއްދަތުގައި 1.07 މިލިއަން މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ވަނީ 1.2 މިލިއަން ޓޫރިސްޓުންނާއެކު 12 ޕަސެންޓް އިތުރުވެފަ އެވެ.

"ލަކްސް" ކުންފުނިން ރާއްޖެ އާއި މޮރިޝަސްގެ އިތުރުން ޗައިނާ އާއި ޔުނައިޑެޓް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި ތުރުކީ އަދި ވިއެޓްނާމްގެ އިތުރުން އިޓަލީގައި ޓޫރިޒަމް ވިޔަފާރިކުރާ ކުންފުންޏެކެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ލަގްޒަރީ ޓޫރިޒަމް ބްރޭންޑުން ބުނެފައިވާ ގޮތުގައި ރާއްޖެ އާއި މޮރިޝަސްގައި ހިންގާ ރިސޯޓުތަކުން އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 4.50 ބިލިއަން ރުޕީސް ލިބިފަ އެވެ.

"ލަކްސް" އިން ރާއްޖޭގައި ހިންގަމުން ދަނީ އދ. ދިއްދޫފިނޮޅުގެ އިތުރުން މާލެ އަތޮޅުގައި ހިންގާ ރިސޯޓެވެ. އިތުރު ރިސޯޓެއް ރާއްޖޭގައި ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ.