ދިވެހި ސިނަމާ

އެހީތެރިކަން ބޭނުން މީހުނަށް "ނިވައިރޯޅީ" ގެ އެހީ!

މިއީ މީގެ ކުރިން ދިވެހި ފިލްމެއްގައި ހިމެނޭ ޓީމެއްގެ ފަރާތުން ފެނުނު މަންޒަރެއް ނޫނެވެ. ދިވެހި ސިނަމާގައި މިހާރު އެންމެ އަޑުގަދަ ފިލްމު "ނިވައިރޯޅި" ގެ ޓީމުންގެ ފަރާތުން މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އެކި މީހުނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެހީގެ އަތެއް ދިކޮށްލީ އެވެ.

މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޓީމުން އިއްޔެ ވަނީ ހުޅުމާލޭގައި އެހީތެރި ކަމަށް ބޭނުންވެފައިވާ ކުއްޖަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތުގެ ދަށުން ކަޕް ކޭކްސް ވިއްކައިގެން ފަންޑު ރެއިޒްކުރި އެެވެ.

"އަޅުގަނޑުމެން 'ނިވައިރޯޅި' ގެ ޓީމުން މުޖުތަމައުގައި އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިޔަތުގައި ފެށި ކަމެއް މިއީ. ފަންޑު ރެއިޒްކޮށްގެން ލިބޭ ހުރިހާ ފައިސާއެއް އަޅުގަނޑުމެން އެ ފަރާތްތަކަށް ހާވަލުކޮށްދޭނަން."

ނިއުމާ ބުނީ އެހީ ބޭނުންވާ ކޮންމެ ފާރަތަކަށް ވެސް ޓީމުގެ ސަޕޯޓު ލިބޭނެ ކަމަށެވެ. އެހީތެރިކަން ހޯދަން ބޭނުންވާ ފަރާތްތަކުން ނިއުމާގެ އޮފިޝަލް ފޭސްބުކް ޕޭޖަށް މެސެޖުކުރުމުން އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އޭނާ ބުންޏެވެ.

މި ހަރާކާތުގެ ދަށުން މިއަދު މާލޭގައިވެސް ހާއްސަ ހަރާކާތެއް ކުރިއަށް ގެންދާނެ އެވެ. ފަންޑު ރެއިޒްކުރުމަށްޓަކައި މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ކަޕް ކޭކްސް ވިއްކާނެ އެވެ. ވީހާވެސް ގިނަ ބައެއް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް "ނިވައިރޯޅި" ޓީމުން ބުނެ އެވެ.