(26 އޭޕްރީލް 2018 އާ ގުޅޭ) ނިމްރާގެ އަތުގައި ހިފާ ދަމާފައި އޭނާ ގޮވައިގެން ރާދިން ހުރި ހިސާބަށް އަރްސަލް އައެވެ. އޭރު އެ ހުރިހާ މަންޒަރެއް ބަލަން އިން ރާދިން އަވަސްއަވަހަށް ސައިކަލުން ފޭބީއެވެ. އަރްސަލް މަޑުކުރުމެއްނެތި ސައިކަލަށް އަރާ ހުންގާނުގައި ހިފަހައްޓާލާފައި ނިމްރާއަށް ބަލާލިއެވެ. ބިރުގެންފައި ހުރި މީހަކު ފަދައިން ނިމްރާ އަވަސްއަވަހަށް އަރްސަލްގެ ފަހަތަށް އެރިއެވެ.
ކުއްލިއަށް އަރްސަލް ސައިކަލުގެ ގިޔަރު ބަދަލުކޮށްލުމާއެކު ދުއްވާލުމުން ނިމްރާ އައިސް ޖެހުނީ އަރްސަލްގެ ބުރަކަށީގައެވެ. ސިހިފައި ނިމްރާގެ ދެއަތްތިލަ އަރްސަލްގެ ބުރަކަށީގައި ޖައްސާލެވުމާއެކު ހިންދިރުވާލެވުނެވެ. ސައިކަލުގެ ދުވެލި ބާރުކަމުން ނިމްރާ ކަންބޮޑުވިއެވެ. އަނގައިން ބުނަން ބޭނުންނުވިޔަސް އެއްޗެކޭ ނުބުނެއެއް ނީނދެވުނެވެ.
"އަ.ރް...ސަ... ޕްލީޒް! ބާރަށް ނުދުއްވާ... އަހަރެން... ބިރުގަނޭ" ޖެހިލުންވެފައި އިނދެ ނިމްރާ ބުންޏެވެ. އެ އަޑު އަރްސަލްއަށް އިވުނު ކަމަކަށް ނުވިއެވެ. ހައްތަހާ ސައިކަލުގެ ދުވެލި އައީ ބާރުވަމުންނެވެ. ނިމްރާގެ މެޔަށް ފިނިވެ ފިތެމުންދާ ފަދަ އިހުސާސެއް ކުރެވެމުންދިޔައެވެ. މަގުމަތިން މީހުންނާއި ދުއްވާއެއްޗެހި ފެންނާތީ ވަކިން ނިމްރާ ހާސްވިއެވެ. ބޭއިޚްތިޔާރުގައި އަރްސަލްގެ ބުރަކަށީގައި ޖައްސާލެވިފައި އޮތް ދެއަތުގެ ތެރެއަށް އޭނާގެ ގަމީސް ބޮނޑިކޮށްލެވި ބާރަށް ހިފަހައްޓާލަމުން ކުރިއަށް ޖެހިލިއެވެ.
"ޕްލީޒް... ޕްލީޒް... އަރްސަލް" އަރްސަލްއަށް އަޑުނީވި ދާނޭތީވެ އޭނާގެ ކަންފަތްދޮށަށް ކައިރިވެލުމާއެކު ނިމްރާ ބުންޏެވެ. ދެން ވެސް އަރްސަލް ހިމޭންކަން ޚިޔާރު ކުރުމާއެކު ދުވެލި ބާރުކޮށްލިއެވެ.
ދުވެލިމަތަ ފެނި ވެސް އަރްސަލް މަޑުނުކުރުމުން އޭގެ މަތިން ސައިކަލު ދިޔައީ އެއްލިގެން ކަހަލަ ގޮތަކަށެވެ. އެހިނދު ނިމްރާއަށް ހަޅޭލަވައިގަނެވުނެވެ. އަދި އަރްސަލްގެ މެދުހަށީގައި ދެއަތްވަށާލާ ބާރަށް ހިފަހައްޓާލެވުނެވެ. އޭނާގެ ބުރަކަށީގައި ނިމްރާގެ މޫނު ޖައްސާ ފޮރުވާލީ ދެ ލޯ މަރާ ބާރުކޮށްލައިގެން އިނދެއެވެ.
"އަ. ރް. ސަ. ލް" އަޑަށް ބާރުލާ ނިމްރާ ހަޅޭލަވައިގަތެވެ. ދުވަހަކުވެސް ބިރު ނުގަންނަ ވަރަށް ނިމްރާ އިނީ ބިރުގެންފައެވެ. ސައިކަލު އުދުހިފައި ދާ އުސޫލުން އައިއިރު ނިމްރާގެ ސިކުނޑީގައި އެކްސިޑެންޓުގެ މަންޒަރުތައް ކުރެހިގެންދިޔައެވެ.
އަރްސަލްގެ ނަޒަރު އޭނާގެ މެދުހަށީގައިވި ނިމްރާގެ ދެއަތަށް ހުއްޓުނެވެ. އެ ދެއަތް ހިނދަށް ހިނދަކަށް ނިމްރާ ބާރުކުރަމުން ދިޔަކަން އިހުސާސްކުރެވުނެވެ. ނިމްރާގެ މޫނު ފޮރުވާލައިގެން އިން ދިމާއިން އަރްސަލްގެ ބުރަކަށި ތެމެމުންދާކަން އެނގުމުން ދަތްކުނޑިވިކާލެވުނެވެ. ސައިކަލުގެ މިސްރާބު ބަދަލުކޮށްލާ އޭނާ އުޅޭ ގޭ ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އެހެންނަމަވެސް ނިމްރާ އިނީ ގަނޑުވެފައި އިންހެނެވެ. އޭނާ ގުޑި ވެސް ނުލިއެވެ. ނިމްރާގެ ދެއަތް އަރްސަލްއާ ވަކިކޮށްލުމާއެކު އޭނާ ސައިކަލުން ފޭބިއެވެ.
"ފައިބާ" އިސްޖެހިފައި އިން ނިމްރާއަށް އަރްސަލް ބުނެލީ ނިކަން ބާރަށެވެ. ދެން ވެސް ނިމްރާ އިންނަން ފެށުމުން އަރްސަލް އުޅުނީ ނިމްރާ ސައިކަލު މަތިން ބޭލުމަށެވެ. އެހެންނަމަވެސް އަރްސަލްގެ ދެއަތް އޭނާގެ އުނަގަނޑުގައި ޖެހިލުމާއެކު ސިއްސައިގެން ގޮސް ސައިކަލުމަތިން އަރި އަޅާލިއެވެ. ހުސިޔާރުކަމާއެކު ނިމްރާ ވެއްޓުނަ ނުދީ އަރްސަލް ހިފެހެއްޓިއެވެ. ނިމްރާގެ ދެފައި ބިމުގައި ހަމައަށް ޖެހުމުން އޭނާގެ އަތުގައި ހިފާ ދަމާލުމާއެކު ގޭތެރެއަށް ވަދެގެން އަރްސަލް އައެވެ. ނިމްރާ އިސްޖަހާލި ގޮތަށް އެއްފަހަރު ވެސް އިސްއުފުލާނުލިއެވެ. ލިފްޓުގައި ދެ މީހުން ތިބި އިރު އަރްސަލްގެ ނަޒަރު ނިމްރާއަށް ހުއްޓިފައި ވިއެވެ. ނިމްރާގެ ދެއަތް ތުރުތުރު އަޅާކަން ފާހަގަކުރެވުނީ ދެނެވެ. ލިފްޓު ހުޅުވުނު އަޑަށް ވެސް ނިމްރާ ސިހުނުކަން އަރްސަލްއަށް ފާހަގަކުރެވުނެވެ. މިފަހަރު ވެސް ނިމްރާގެ އަތުގައި ހިފާ އަރްސަލް އޭނާ ލިފްޓުން ނެރިގެން އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލާ އެތެރެއަށް ވެއްދިއެވެ.
"އަދިވެސް ދުއްވަން ދާންވީތަ؟" ހަރުކަށިކަމާއެކު އަރްސަލް އަހާލިއެވެ. ނިމްރާއަށް މޭގައި ދެއަތްޖައްސާ ބާރުކޮށްލެވުނެވެ. އޭނާގެ އެތެރެ ހަށީގައި ގަޑުބަޑު އުފެދިފައިވިއެވެ. އިރުކޮޅަކު ހުރުމަށްފަހު ނިމްރާ ދުއްވައިގަތީއެވެ. އަރްސަލް އޭނާގެ ފަހަތުން އައެވެ. ނިމްރާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދުވެފައި އައިސް ވަނީ ފާޚާނާއަށެވެ. ތަޅުންމަތީ ދެކަކޫ ޖެހުމާއެކު ފާޚާނާތަށީގެ މަތި ހިއްލާލާ އެއަށް ބޯދިއްކޮށްލެވުނީ ކިރިޔާއެވެ. އޭނާއަށް ހޮޑުލެވުނީއެވެ. އޭނާ އެ މަންޒަރެއް ދުށުމަށް ނޭދޭ މަންޒަރު ތަކުރާރުކޮށް ލޯ ކުރިމަތިން ސިފަވަމުންދިޔައެވެ. ނިމްރާ އޯކަށް ދެމޭ އަޑު އިވުމުން އަރްސަލް ކަންބޮޑުވިއެވެ. ނިމްރާއަށް ވީގޮތަކާއި މެދު ސުވާލު އުފެދުނެވެ. ހޮޑުލެވުނު ހިނދު ނިމްރާގެ ހަށިގަނޑަށް ލިބިފައިހުރި ގަބުކަން ފިލައި ސިކުނޑި މަސައްކަތް ކުރަން ފެށި ކަހަލައެވެ. ވަގުތީ ގޮތުން ހިފެހެއްޓިފައި ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށްލީ އެހިނދުއެވެ. ގިސްލެވި ބާރަށް ނިމްރާއަށް ރޮވިއްޖެއެވެ. ތުރުލަމުން ދިޔަ ދެއަތުން އަމިއްލަ ނަފްސަށް ހިމާޔަތްދޭން މަސައްކަތް ކުރާ ފަދައިން ވަށާލެވިފައި ވިއެވެ.
އަރްސަލްގެ ކަންފަތުގައި ނިމްރާގެ ރުއިމުގެ އަޑު ޖެހުމުން ފާޚާނާ ކައިރިއަށް އައެވެ. ދެން ވެސް އެތެރެއަށް ވަންނަން އޭނާ ފަސްޖެހުނެވެ. ނުތަނަވަސްކަމާއެކު ނިތްކުރިއާއި އިސްތަށިގަނޑުގައި އޭނާ އަތްތިލަ ހިންގާލިއެވެ. އަނެއްފަހަރު ކަނދުރާއާއި ތުނބިޅީގައި އަތް ހިންގާލެވުނެވެ. ނިމްރާގެ ރުއިމަށް ބަދަލެއް ނައުމުން އޭނާ އެތެރެއަށް ވަނެވެ. އެހިނދު ތަޅުންމަތީ އިން ނިމްރާ ފެނި އޭނާގެ ހިތަށް ތޫނު ތަދެއްވެގެންދިޔައެވެ. ހަދާނޭގޮތެއް ނޭނގިފައި ހުރެ ވެސް ނިމްރާގެ ގާތަށް ތިރިވެވުނީ ބޭއިޚްތިޔާރުގައި ކަހަލައެވެ. ނިމްރާ ހީވަނީ ތަޙައްމުލުކުރަން ދަތިވެފައިވާ ބޮޑު ހިތާމައަކާ ކުރިމަތިލާނޭ ގޮތެއް ނޭނގިގެން އުޅޭ މީހަކު ހެންނެވެ. މީހާ ތުރުތުރު އަޅަމުން ދިޔައިރު އެ ދެއަތުން ހަށިގަނޑު ވަށާނުލެވިގެން އުޅޭ ކަހަލައެވެ.
"ނިމްރާ..." ނިމްރާގެ ކޮނޑުގައި އަރްސަލްގެ އަތްތިލަ ޖައްސާލަމުން އޭނާ ގޮވާލީ ވަރަށް މަޑުމަޑުންނެވެ. އެ އަޑުގައި އޯގާތެރިކަމާއި ހަމްދަރުދީވިއެވެ.
"އައި އޭމް ސޮރީ... އަރްސަލް... ވަރަށް ބޮޑަށް ސޮރީ... އަހަރެން... އަހަރެން މަސައްކަތް ކުރީމޭ އޭނާއާ ހަމައަށް ދާން. އަހަންނަށް ފެނުނީ މާފަހުން... ސައިކަލު... ސައިކަލު ނުހިއްޓުނު... ނުހުއްޓުނޭ އަރްސަލް... އޭނާގެ ބަނޑު... ބަނޑުބޮޑުކަން ފެނުނީ މާފަހުން... އަރްސަލް... ޕްލީޒް... އަހަރެން މަސައްކަތް ކުރީމޭ... އެމީހުންގެ ފުރަނައިގެ ބަދަލުގައި އަހަރެންގެ ފުރާނަ ގެންދެވުމަށް އަހަރެން އެދުނިން... އައި އޭމް ސޮރީ... އަހަރެން މަރުނުވެ ސަލާމަތްވެގެންނުވާނެ... މަރުވާން ޖެހޭނީ އަހަރެން... ކީއްވެތަ އަހަރެން މަރުނުވީ؟" ގިސްލެވި ރަނގަޅަށް ވާހަކަދައްކަން އުނދަގޫވެފައިވީ ނަމަވެސް ނިމްރާ ހުއްޓައެއްނުލިއެވެ. ނިމްރާގެ ކޮނޑާއި އުނަގަނޑުގައި ހިފައި ގެނެސް އަރްސަލްގެ ގަޔާ ގާތްކޮށްލިއެވެ. ނަމަވެސް ނިމްރާގެ ހަރަކާތްތަކުން އަރްސަލް ހައިރާން ކުރުވިއެވެ. ފިނިވެ ތުރުތުރުލަމުން ދިޔަ ދެއަތުން އަރްސަލްގެ މޫނުގެ ދެފަރާތުން ހިފާލުމާއެކު އެ ދެ ލޮލާ ނިމްރާގެ ނަޒަރު ސީދާކޮއްލިއެވެ. އެހިނދު ނިމްރާގެ ދެ ލޮލުން ފާޅުވަމުންދިޔަ ރިހުން އަރްސަލްގެ ބެދިފައިވި ދެތުންފަތް ފޫދުއްވާލާ މަޑުއާހެއް ނުކުތެވެ.
"އަހަރެން މަރުވާން ޖެހޭނެ... އަހަރެން ކަހަލަ ބޭކާރު މީހެއްގެ ފުރާނަ ކީއްވެތަ ސަލާމަތްވީ. އަހަރެން ނެތިގެންދިޔަސް އެކަމާ ދެރަވާނޭ ހަމަ އެކަކު ވެސް ނުހުންނާނެ.... ކީއްވެތަ އަހަރެން މަރުނުވީ... އަރްސަލް... ކީއްވެތަ؟ ކީއްވެތަ އަހަރެން މަރުނުވީ... އެ ބޭބީ... ދުނިޔެއަށް އުފަން ވެސް ނުވެ... އަހަރެންގެ ސަބަބުން... އަހަރެން... އަހަރެން މަސައްކަތް ކުރީމޭ... ސައިކަލު ނުހިއްޓުނީ ކީއްވެތަ؟ އަހަރެން... އަހަރެން މަރުވެއްޖެއްޔާ އިންސާފު ލިބޭނެތަ... އަރްސަލްގެ ތި ހުސްކަން ފޫނުބެއްދުނަސް މި ކުއްވެރި ގާޠިލު އަރްސަލްގެ ކުރިމަތީގައެއް ނުހުންނާނެއެއްނު... އަން!... މަރާލާ... އަހަރެން ދުވަހަކުވެސް ޝަކުވާއެއްނުކުރާނަން... މަރުވިޔަސް ނުކުރާނަން... އަރްސަލްގެ ތި ދެއަތުން އަހަރެން... މަރާލިޔަސް... އަހަރެން ޝަކުވާއެއްނުކުރާނަން" އަރްސަލްގެ ދެއަތްތިލަ ނަގާ ކަރުގައި ނިމްރާ ޖެއްސިއެވެ. ނިމްރާގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައިރު އޭނާގެ ވާހަކަތަކުން އަރްސަލްގެ ހިތަށް ވަރަށް އަސަރުކޮއްފިއެވެ. ފެންކަޅިވަމުން ދިޔަ ދެލޯ ފޮރުވާލަމުން އަރްސަލްގެ ދެއަތް ދުރުކޮށްލިއެވެ. ހަމައެހިނދު ނިމްރާގެ ހަށިގަނޑު ގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ.
"އިޓްސް އޯކޭ... ދެން ހުއްޓާލާ... ތިހާ ގިނަ ވާހަކަދައްކާށޭ އަހަރެން ނުބުނަމެންނު... ދެން ހުއްޓާލާ... ޕްލީޒް ސްކާލެޓް.. ޕްލީޒް... ޕްލީޒް ސްޓޮޕް ކްރައިންގް" އަރްސަލްގެ ތުންފަތް ނިމްރާގެ ނިތްކުރީގައި ޖައްސާލިއެވެ. ފާރުގައި ބުރަކަށި ޖައްސާލެވުމާއެކު ފާޚާނާގެ ތަޅުމުގައި އަރްސަލް ރަނގަޅަށް އިށީނެވެ. ކުޑަކުއްޖަކު ފަދައިން ނިމްރާ ގެނެސް އުނގަށްލައި ބާރަށް ހިފަހައްޓާލައިގެން އިނެވެ. އަރްސަލްގެ ދަތްދޮޅި ދަށުން މޭގައި ނިމްރާގެ މޫނު ފޮރުވިފައި ވިއެއްކަމަކު އޭނާގެ މެޔަށް ނިމްރާގެ ކަރުނައިގެ ފިނިކަން އިހުސާސްވަމުންދިޔައެވެ. ކުޑަކުއްޖަކު މަސަލަސް ކުރަން އުޅޭ ފަދައިން ނިމްރާގެ ނިތްކުރީގައި އެތައް ފަހަރަކު އަރްސަލް ބޮސްދިނެވެ. ނިމްރާގެ ވަށާލެވިފައި އޮތް އަރްސަލްގެ އަތުން ފިރުމަމުން ދިޔައެވެ.
"އައި އެމް ސޮރީ" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަރްސަލްއަށް ދެ ލޯ މަރާލެވުމާއެކު ފާރުގައި ފުއްކިބަ ޖައްސާލެވުނެވެ. ހިކިފައިވި ދެތުންފަތުގައި ދޫ ހިންގާލާ ތެތްމާލުމާއެކު ތިރީ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ.
"ސްކާލެޓް!... ލުކް އެޓް މީ" ނިމްރާ ކުޑަކޮށް ހަމަޖެހިއްޖެހެން ހީވުމުން އަރްސަލްގެ މެޔާ ނިމްރާ ދުރުކޮއްލަމުން ބުނެލިއެވެ. އެއާއެކު ނިމްރާ ބަލާލީ ޖެހިލުންވެފައެވެ. އެ ދެ ލޯ ރަތްވެ މޫނު ވެސް ހުރީ ރަތްވެފައެވެ. އަރްސަލްގެ ބޮޑު އަތްތިލައިގެ ހޫނުކަން ނިމްރާގެ ކޯތާފަތުގެ ދެފަރާތުން އިހުސާސް ކުރެވުނު ހިނދު އެ ދެ ލޯ މަރާލެވުނެވެ. އެސްފިޔަތަކުގެ ދޭތެރެއިން ފުރޭނިގެން ދިޔަ ކަރުނަތިކި އޭގެ އަމިއްލަ ޒާތުގައި ދިގު ރޮނގެއްހެން ފައިބައިގެން ދިޔައެވެ. އަރްސަލް މަޑުމަޑުން ނިމްރާގެ ކޯތާފަތް ފުހެލިއެވެ.
"ކޮޅަށް ތެދުވެވޭނެތަ؟" ނިމްރާގެ މޫނުގައި ހިފަހައްޓާލައިގެން އިނދެ އަރްސަލް އަހާލީ މަޑުމަޑުންނެވެ. އޭރު ނިމްރާގެ ހަށިގަނޑުގައިވި ތުރުތުރުއެޅުން ވެސް ހުއްޓިފައިވާކަން އަރްސަލްއަށް އެނގުނެވެ. ލޯ ހުޅުވާލާ އަރްސަލްގެ ދެ ލޮލަށް ބަލާލަމުން ނިމްރާ ބޯޖަހާލިއެވެ. ބަޔާންކުރަން ދަތި ފިނިކަމެއް އަރްސަލްގެ ދެ ލޮލުގައިވީތީ ނިމްރާ ދުށްޓެވެ. އަރްސަލް ތެދުވެ ނިމްރާއަށް ދެއަތްތިލަ ދިއްކޮށްލިއެވެ. އެ ދެއަތުގެ ތެރެއަށް ނިމްރާގެ ހިމައިނގިލިތައް ވަނުމާއެކު އެ ކުޑަކުޑަ އަތްތިލައިގައި ހިފާ ބާރުކޮށްލުމާއެކު އަރްސަލްގެ ބާރުގައި ނިމްރާ ކޮޅަށް ނެގިއެވެ. ފާޚާނާތަށި ޕްލޭޝްކޮއްލުމާއެކު ނިމްރާގެ ފުރަގަހުން ކޮނޑުގައި ހިފާލައި މޫނު ދޮންނަ ތަށި ކައިރިއަށް ގެނައެވެ. އިސްކުރު ދޫކޮއްލާ އަރްސަލްގެ ދެއަތްތިލަ ތެއްމާލުމާއެކު ގެނެސް ނިމްރާގެ ކޯތާފަތުގައި ޖައްސާ މަޑުމަޑުން ބާރުކޮށްލިއެވެ. ހަމައެހާ މަޑުމަޑުން ނިމްރާގެ ލޮލުގައި ފިރުމާލިއެވެ. އަރްސަލްގެ އެ ބީހުން ނިމްރާގެ ދެ ލޯ އަނެއްކާ ވެސް ރޮއްވާލައިފިއެވެ.
"އައި ހާޓް ޔޫ ސޯ މަޗް... ޔޫ ލޮސްޓް އެވްރިތިންގް" ހިތުގައިޖެހިފައި ހުރި ނިމްރާއަށް ބުނެލެވުނެވެ. އެ އަޑު އަރްސަލްއަށް ވެސް އިވުނީ ކިރިޔާއެވެ.
"އަހަރެން ބުނާ ގޮތް ނުހަދަނީ ކީއްވެތަ؟ ދެން އިތުރަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ" ނިމްރާގެ ކޯތާފަތް ފުހެލަ ދެމުން އަރްސަލް ބުނެލިއެވެ. މިފަހަރު އެ ހަރުކަށިކަމުން ނިމްރާގެ ހިތަށް ކުރީ ތަފާތު އަސަރެކެވެ. އަރްސަލްގެ އަޑުގައި ހަރުކަށިކަން ވިއެއްކަމަކު ނުރުހުމުގެ އަސަރުނެތްކަން ނިމްރާގެ ހިތާއި ޟަމީރު ވެސް ދެނެގަތީއެވެ.
"ސްކާލެޓް... ޕްލީޒް ސްޓޮޕް... މޫނާއި އަނގަ ދޮވޭ" ނިމްރާގެ ކަރުނަ ހުއްޓުމަކަށް ނާންނާތީ އަރްސަލް ކަންބޮޑުވިއެވެ. މޭގައި ނިމްރާ ޖައްސާލުމާއެކު އޭނާގެ ބޮލުގައި ބޮސްދެމުން ބުރަކަށީގައި ފިރުމާލާފައި އަރްސަލް ބުނެލިއެވެ. އޭނާއާ އެއްބަސްވަމުން ނިމްރާ ބޯޖަހާލިކަން އެނގުމުން އަރްސަލް ދުރަށް ޖެހިލިއެވެ. އިސްޖެހިފައި އިރުކޮޅަކު ހުރުމަށްފަހު ދޫކޮށްލާފައި ހުރި އިސްކުރުން އޮހެމުންދިޔަ ފެންތަކަށް ނިމްރާ ދެއަތްތިލަ ދިއްކޮށްލިއެވެ. އަރްސަލް އެދުނު ފަދައިން މޫނާއި އަނގަދޮވުމަށްފަހު އެނބުރިލަން އުޅުނެވެ. އެހިނދު އަރްސަލް ގެނައި ހަރަކާތާއެކު އޭނާގެ އަތްދަނޑިމައްޗަށް ނިމްރާ އުފުލާލީއެވެ. އަދިވެސް އެއްފަހަރު މެޔާލާ ބޮޑނިކޮށްލިއެވެ.
ފާޚާނާއިން ނުކުމެގެން އައިސް އަރްސަލް ކައިރިވެލީ ނިމްރާގެ އެނދާއެވެ. ކަނާތު ކަކޫ އެނދުމަތީ ޖައްސާލުމާއެކު ފަރުވާތެރިކަމާއެކު އެނދުގައި ނިމްރާ ބޭއްވިއެވެ. އެއާއެކު ނިމްރާ އެނބުރިލީ އަރްސަލްއަށް ފުރަގަސްދެމުންނެވެ. ނިމްރާގެ ފައި ހިއްލާލާ ރަޖާ ނަގާ ނިމްރާގެ ކޮނޑާ ހަމައަށް އަރްސަލް އަޅާލިއެވެ. ދެ ލޯ މަރާ ބާރުކޮށްލައިގެން ބާލީހުގެ ކަނުގައި ނިމްރާ ހިފަހައްޓާލައިގެން އޮތް ގޮތް އަރްސަލްއަށް ފެނުނެވެ. އެހިތަށް އަދިވެސް އުނދަގޫވަނީކަން އަރްސަލްއަށް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ.
"މިވަގުތު ދެން ނިދާލާ... އެއްވެސް ކަމަކާ ވިސްނައިގެންނުވާނެ. ރޮއެގެން ވެސް ނުވާނެ... މަރުވާން ޚިޔާލު ވެސް ކޮއްގެންނުވާނެ... ޔޫ އާ މައިން... ސްކާލެޓް.. ނެވާ ފޮގެޓް ދެޓް... އައި އޯން ޔޫ ނައު" އަރްސަލް ގުދުވެލުމާއެކު ނިމްރާގެ ބޮލުގައި ފިރުމަލާ އޭނާގެ ލޮލުގެ އެއްފަރާތުން ނިތްކުރިއާ ދިމާގައި ބޮސްދިނެވެ. އެ ހަރަކާތުން ނިމްރާގެ ދެ ލޯ އިތުރަށް ތަގުޅިކޮށްލިއެވެ. ދުރަށް ޖެހިލާ ނިމްރާގެ ކޮޓަރިން ނުކުންނަން އައި އަރްސަލް ދޮރުމަތީ އިރުކޮޅަކު މަޑުކޮށްލިއެވެ. ނިމްރާއަށް ބަލަން ހުރެފައި މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެ ކޮޓަރީގެ ކައިރީ ފާރުގައި ލެނގިލައިގެން އަރްސަލްއަށް ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. އޭނާއަށް ނިމްރާގެ ކަރުނުން ފުރިބަންޑުންވަމުންދިޔަ ދެ ލޯ ފެންނަ ފަދައެވެ. ނިމްރާގެ ވާހަކަތަކުން ހިތަށް ކުރި އަސަރު ފިލައިގެނެއް ނުދިޔައެވެ. ނަމަވެސް އުނދަގުލާއެކު ހިންދިރުވާލި ގޮތުން ހީވީ ހުރިހާ އިހުސާސެއް ދިރުވާލަން އަރްސަލް މަސައްކަތް ކުރި ހެނެވެ. ދެއަތްތިލައަށް ބަލާލުމާއެކު އަވަސްއަވަހަށް ޖީންސުގެ ޖީބަށް ކޮއްޕާލައި އަރްސަލްއަށް މުއްކަވާލެވިއްޖެއެވެ.
ގެއަށް އާދެވުމުގެ ކުރީން މަޣްރިބު ނަމާދަށް ގޮވުމުން ރާދިން ބޭނުންވީ އިޝާ ނަމާދު ވެސް ކޮއްލައިގެން ގެއަށް އަންނާށެވެ. އޭނާ މިސްކިތުން ނުކުމެ މަޑު ހިނގުމުގައި ގެއަށް އައެވެ. ސިކުނޑީގައިވީ އަރްސަލްއާއި ނިމްރާގެ ޚިޔާލުތަކެވެ. އަރްސަލްގެ ޢަމަލުތައް ދެނެގަންނާކަށް އެއްގޮތަކަށް ވެސް ރާދިންއަކަށް ނޭނގުނެވެ. އަރްސަލްގެ ސިކުނޑީގައިވާ އެއްޗެއް ވެސް ނޭނގެއެވެ. އޭނާ ނިމްރާއަށް އަނިޔާއެއްކޮށްފާނޭބާއޭ ރާދިންގެ ސިކުނޑީގައި ވެސް ސުވާލު އުފެދުނެވެ. އެހެންނަމަވެސް ރާދިންގެ ޟަމީރު އެކަމާ އެއްބަހެއްނުވިއެވެ. އަރްސަލް ދުވަހަކު ވެސް މީހަކަށް އަނިޔާއެއް ނުދެއެވެ. އެކަމަކު މި ނޫނީ އޭނާގެ ނަފްސުގައި ބަދަލު ހިފުމުގެ ރޫހު ވެސް އަށަނުގަނެއެވެ. އަރްސަލް ބަދަލުވަނީކަމުގައި ރާދިންގެ ޟަމީރު މިފަހަރު އެއްބަސްވިއެވެ. އޭނާގެ ހަޤީޤީ އިހުސާސްތަކަކީ ކޮބައިކަން މިހާރު ރާދިންއަށް ވެސް ނޭނގެއެވެ. އަރްސަލް އެކަކާ ވެސް އޭނާގެ އިހުސާސްތައް ޙިއްޞާކުރަން ބޭނުންނުވަނީއެވެ. އެކަމަކު އެގޮތަށް ހިތާއި ސިކުނޑީގައި ހުރިހާކަމެއް ފޮރުވައިގެން ހުރުން އެއީ އެންމެ ރަނގަޅުގޮތްނޫން ކަމުގައި ރާދިންއަށް ވިސްނުނެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ރާދިން އެތެރެއަށް ވަނެވެ. އަނދިރިކަން ރަސްކަން ކުރަމުންދިޔަ ސިޓިންރޫމުގެ ބޮކި ރާދިން ދިއްލާލީ ހައިރާންކަމާއެކުއެވެ. އެހިނދު ސޯފާގައި އޮތް އަރްސަލް އޭނާއަށް ފެނުނެވެ. ހަށިގަނޑު ދަމާލައިގެން އެއްފައިތިލައިގައި އަނެއްފައިތިލަ އަޅުވާލައިގެން އޮތެވެ. މޭމަތީ ވައަތްތިލަ ބާއްވާލެވިފައި އޮތް އިރު ކަނާއަތް އޮތީ ލޯ މަތީ އަޅާ ނިވާކޮއްލައިގެންނެވެ. ރާދިންގެ ލޯ ދެން ހިންގާލެވުނީ ނިމްރާ ކޮބާތޯއެވެ.
"އަރްސަލް... ނިދާފަތަ؟" އެތެރެއަށް ނަޒަރު ހިންގާލުމަށްފަހު ރާދިން އަހާލިއެވެ. އެއާއެކު އަރްސަލް ހޫން ލައްވާލިއެވެ.
"ނިދީގަ ދޯ ތި ވާހަކަދެއްކެނީ" އަރްސަލް އޮތީ ނުނިދާކަން އެނގުމުން ރާދިން ބުނެލީ ސަމާސާއަކަށް ހަދާފައެވެ. ދެން ވެސް އަރްސަލް ހޫންލައްވާލިއެވެ. ނަމަވެސް ރާދިންގެ ވާހަކައިން އަރްސަލްގެ ސިކުނޑިން ވަކިނުވި ނިމްރާގެ ސޫރަ އެހެން ސިފައެއް ޚިޔާރު ކުރިއެވެ. އޭނާގެ އަތްދަނޑިމަތީގައި ނިދާފައި އޮތްއިރު ނިމްރާ ނިދީގައި އޮވެ ވާހަކަދެއްކި މަންޒަރު ހަނދާނަށް ވެރިވެގެންދިޔައެވެ.
"ކޮބާ ހަލަފް" އިރުކޮޅަކު އޮތުމަށްފަހު އަރްސަލް އަހާލިއެވެ.
"އަހަރެން ގާތު ވަރަށް ޝަކުވާކުރި. ބުނި ރެޑް ސައިކަލު ދުއްވަން ބިރުގަންނަވާހަކަ ބުނިކަމަށް. އެކަމަކު ދޮންބެ ކީއްވެހޯ ރެޑް ގޮވައިގެން އެހާބަރަށް އެ ދިޔައީ... ތިމަންނަ އުޅުނީ ރެޑްއާއެކު ސެލްފީއެއް ނަގަންށޯ... އަދި އެހީ ކިހާވަރެއްހޯ ރެޑް ދޮންބެއަށް ދައްކަންޖެހެނީ. ރެޑް ބުންޏޯ ދޮންބެއަށް ދަރަނިވެރިވެފަ އޮތީމަ އޭގެ އަގު އަދާކުރަނީއޭ... ދެން އެނގެއެއްނު އޭނާގެ ގޮތް. ވަރަށް ސުވާލުކުރި ނިމްރާއަށް އަރްސަލް އަނިޔާކޮށްފާނެހޯ" ރާދިންގެ ވާހަކަތައް އިވުމުން އަރްސަލްއަށް ދަތްކުނޑިވިކާލެވުނެވެ.
"މިހާރު ހީވަނީ ގެއަށް ހިނގައިދާނޭހެން... ވަރަށް ހިތްހަމަނުޖެހިފަ ހުރީ" ރާދިން އަނެއްކާ ވެސް ބުނެލިއެވެ. އަރްސަލް އިތުރު އެއްޗެއް ނުބުންޏެވެ.
"ކޮބާ ނިމްރާ" ރާދިން އަހާލިއެވެ.
"ހީވަނީ ނިދީހެން" ނެގިމަޑުވެފައި އޮތް އަރްސަލް ބުނެލިއެވެ.
"ކީއްވެފަ ތި އޮތީ؟ ކޮންތާކަށް އޭރު ދިޔައީ؟" ރާދިން އެހުމުން އަރްސަލް ވަކިން ބޮޑަށް މޫނު ފޮރުވާލަން އުޅުނުކަން ރާދިންއަށް ފާހަގަވިއެވެ.
"ވަޓް ހެޕަން އަރްސަލް" އަރްސަލް ޖަވާބު ނުދީ އޮންނަން ފެށުމުން އަނެއްކާ ވެސް ރާދިން ސުވާލުކުރިއެވެ.
"ކަމެއްނުވޭ" ހަރުކަށިކަމާއެކު އަރްސަލް ބުނެލީ ސޯފާއިން ތެދުވަމުންނެވެ. އަރްސަލްގެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނާކަށް ރާދިންއަކަށް ނޭނގުނެވެ. ރާދިން އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކީ އެހެންވެއެވެ. ދެން އޭނާ ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ.
ރާދިންއަށް ބަލަން އިނދެފައި އޭނާ ކޮޓަރިއަށް ވަނުމުން އަރްސަލް ތެދުވެގެން ހިނގައިގަތެވެ. ނިމްރާގެ ކޮޓަރިއާ ހަމައަށް އައިސް މަޑުމަޑުން ދޮރުހުޅުވާލިއެވެ. ނިމްރާ އަދިވެސް އޮތީ ފުރަގަސްދީގެންނެވެ. އަދިވެސް ރޮނީހެން ހީވުމުން އަރްސަލް އެތެރެއަށް ވަދެގެން އައިސް ނިމްރާ ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. ދެ ލޯ މަރާލައިގެން ހިމޭންވެފައި އޮތެއްކަމަކު އެސްފިޔަތަކުގައިވި ތެތްކަން ހެކިދިނީ ނިމްރާގެ ރުއިން ހުއްޓުނުތާ ގިނައިރެއްނުވާކަމެވެ. ގިސްލުމުގެ އަސަރު ނުކެނޑެއެވެ. ނިމްރާގެ ގައިގާ އަތްލަން ގުދުވެލި ވަގުތު ނިމްރާގެ މެޔާ ކައިރިކޮށްލައިގެން އޮތް އަތުގެތެރޭގައި ދިއްލިފައި އޮތް ފޯނު އަރްސަލްއަށް ފެނުނެވެ. ނިމްރާގެ މޫނަށް ބަލާލާފައި އެ ފޯނު އަރްސަލް ނެގިއެވެ. ނިމްރާ ހަރަކާތެއްނުކުރުމުން އޭނާއަށް ނިދުނީކަން އަރްސަލްއަށް ޔަގީންވިއެވެ. ފޯނުގެ އިސްކުރީނު ފެނުނު ވަގުތު އަރްސަލްއަށް ލިބިގެންދިޔައީ ހައިރާންކަމެވެ. ފިރިހެނަކާއެކު ނިމްރާ އެ ފޮޓޯގައި ފެންނަނީ ތަފާތުކޮށެވެ. އަވަސްއަވަހަށް ފޯނުގެ އިސްކުރީނުގައި އިނގިލި ޖައްސާލުމާއެކު ފޮޓޯ ބަދަލުވެއްޖެއެވެ. އެއާއެކު ފޯނު ލޮކުނުވެކަން އެ އޮތީ އެނގުމުން އެ ފުރުޞަތުގެ ބޭނުން ހިފަން އޭނާ ބޭނުންވިއެވެ. އެހެންވިޔަސް ފޯނު ހިފައިގެން އެ ކޮޓަރިން ނުކުތުމުގެ ކުރީން ނިމްރާގެ ގައިމަތީ އޮތް ރަޖާ ރަނގަޅުކޮއްލިއެވެ. އަދި ސިއްރުން އެ ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. (ނުނިމޭ)