ހަބަރު

12 ބައި-އިލެކްޝަނަށް 14 މިލިއަން ރުފިޔާ ހޯދަން ހުށަހަޅައިފި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިިވާާ 12 މެންބަރުންގެ ގޮނޑީގެ ބައި އިލެކްޝަން ބާއްވަން އެ ކޮމިޝަނުން ތައްޔާރު ވެއްޖެ އެވެ.

އީސީ ގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ރައްޔިތުން މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ، އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ހުސްވެފައިވާ 12 މެންބަރުންގެ ގޮނޑީގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެހެން ކަމުން އިންތިހާބު ބާއްވަން ކޮމިޝަނުން ނިންމައި 14 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އަކުރަމް ވިދާޅުވި އެވެ.

"ފައިސާ ލިބުނުހާ އަވަހަކަށް ބައި-އިލެކްޝަންތައް ބާއްވާ ތާރީހުތައް އިއުލާން ކުރާނަން،" އަކުރަމް ވިދާޅުވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާގފައިވާ 12 މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަށް ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދައިން 43 މެންބަރުން މަޖިލީހުގައި ތިބުން ލާޒިމްވާ ކަމަށާއި އެއީ ގާނޫނަކީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްވާ އެއްޗަކަށްވާތީ ކަމަށެވެ. އެންޓި ޑިފެކްޝަން ގާނޫނަކީ އެއަށް އަމަލުކުރުމުގެ އިހްތިޔާރު އޮތް ގާނޫނަކަށް ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފިޔަވަޅުތަކެއް އެޅޭނެ އިޖުރާއަތް އެ ގާނޫނުގައިވާތީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ދެބައިކޮށްފަ އެއް ބައި މެންބަރުން ތިބެގެން ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް އެ އަދަދު ހަމަނުކުރެވުނު ސަބަބުތައް ބަހުސުގެ ބޭނުމެއް ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ދައްކައި އެކަން ސާބިތުކުރުމަށް ގިނަ ކަންތައްތަކެއް ހުށަހެޅިކަން ހުކުމުގައިވެ އެވެ. އެގޮތުން 43 މެންބަރުން ހަމަނުކޮށް އެ ބިލް ފާސްކުރަން ޖެހުނީ ނަޒަރިއްޔާތުލް ލޮރޫރާއަށް ރިޔާއަތްކޮށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެކަށީގެންވާ ސަބަބެއް ނެތި މަޖިލީހަށް ހާޒިރުނުވާތީ ގާނޫނުތައް ފާސްކުރުން މަޑުޖެހި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެކަން މަޖިލީހުގެ ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ ބިލުގައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާނެ ކަމަށެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ.

އޭގައި އިތުރަށް ބުނެފައި ވަނީ އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ އެވެ. އަދި ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ ހާލަތްތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވުމާއި އެ މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅުން ވެސް ހިމެނެ އެވެ.