ދެ އަހަރަށްފަހު އުރީދު މަސްރޭސް އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މިއީ އެ ކުންފުނިން ބާއްވާ އުރީދޫގެ އަށް ވަނަ މަސްރޭހެވެ.
އުރީދޫ މަސްރޭހުގެ ޕާޓްނަރުންނާއެކު ސޮއި ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ، އުރީދޫ މަސްރޭސް ހަތަރެއް މޭގައި ފެށިގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ އިވެންޓް އޮންނާނީ މާލެ ސަރަހައްދުގައި ކަމަށާއި އިތުރު އިވެންޓްތައް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އޮންނާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"މިފަހަރު މަސްރޭސް މި ބާއްވަނީ ވަރަށް ތަފާތު ގޮތަކަށް، ހުރިހާ ރިސޯޓް ތަކަށާއި ހުރިހާ ކޯޕަރޭޓްތަކަށާއި ހުރިހާ މިނިސްޓްރީ ތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، އެހެންކަމުން ކޮލިފައިން ރައުންޑް ތަކެއްވެސް ހުންނާނެ، ހަތަރެއް މޭއިން ފެށިގެން ކުރިއަށްދާނެ މަސްރޭސް،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ، ސެމީ ފައިނަލްގެ މެޗްތައް އޮންނާނީ ރޯދަމަހުގެ ހަތަރު ހަފްތާގެ ތެރޭގައި ކަމަށާއި ފައިނަލް އޮންނާނީ 29 ޖޫންގައި ކަމަށެވެ. އަދި ވިދާޅުވީ، ތަންތަނަށް އިންވިޓޭޝަން ދީފައިވާނެ ކަމަށާއި މިހާރުވެސް ވަރަށް ގިނަ ފަރާތްތަކަކުން ބައިވެރިވާން އެދިފައިވާ ކަމަށެވެ.
މިފަހަރުގެ މަސްރޭހަކީ ފީލް އިންވެސްޓްމެންޓް އާއި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ މަސްރޭހެކެވެ.
ފީލް އިންވެސްޓްމެންޓްގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަން އައިޝަތު އަލްމާސް ވިދާޅުވީ، ފުރަތަމަ އިވެންޓް އޮންނާނީ އަންނަ މަހު ހަތަރެއްގައި ކަމަށާއި އެ އިވެންޓަކީ މިނިސްޓްރީތަކާއި ޕަބްލިކް ކޮމްޕެނީތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ބުރެއް ކަމަށެވެ. އަދި ދެވަނަ އިވެންޓް އޮންނާނީ އަންނަ މަހު ފަހެއްގައި ކަމަށާއި އެއީ މާލޭގެ ދެކުނުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ބުރެއް ކަމަށެވެ. އަދި އެ އިވެންޓް އޮންނާނީ ކ. ގުޅީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އޮންނަ އިވެންޓް އޮންނާނީ ކ. ހިންމަފުށީގައި، އެއީ މާލޭގެ އުތުރަށް ހާއްސަކޮށް، މެއި ހައެއްގައި އޮންނާނީ މާމިނގިލީގައި، މެއި އަށެއްގަިއ އޮންނާނީ މ. މުލީގައި، 10 މެއިގަ އޮންނާނީ ބ. އޭދަފުށީގައި، އެންމެ ފަހު އިވެންޓް އޮންނާނީ ހދ. ކުޅުދުއްފުށީގައި،" އަލްމާސް ވިދާޅުވި އެވެ.
އަލްމާސް ވިދާޅުވީ، ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން މަސްރޭހުގެ ހުރިހާ ބުރެއްގެ ރިކޯޑިން ރޯދަ މަހުގެ ތެރޭގައި ދައްކާނެ ކަމަށާއި މަސްރޭހުގެ ފައިނަލް ޕީއެސްއެމުން ލައިވްކޮށް ގެނެސްދޭނެ ކަމަށެވެ.
އުރީދޫ މަސްރޭހުގެ ޕާޓްނަރުންގެ ގޮތުގައި މިއަދު ސޮއި ކުރީ މަޓާޓޯއާ ފިޝަރީޒް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީ އަދި ޕީއެސްއެމް އެވެ.