ބޮލީވުޑް

ސޯނަމްގެ ކައިވެނީގެ ތައްޔާރީތައް ފެށީ؟

Apr 30, 2018

ޒުވާން ބަތަލާ ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ އާނަންދް އަހޫޖާ ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތައް ހުއްޓުމެއް ނެތި ދެކެވެމުން އަންނައިރު މިވާހަކަތައް އިތުރަށް ގަދަޔަށް ދެކެވެމުން އަންނަނީ ސޯނަމް ދިރިއުޅޭ ގޭގެ ބޭރުގައި ބޮކިފަތިތައް ދަމައި ޒީނަތްތެރި ކުރަން ފަށާފައިވާ ފޮޓޯތަކެއް އިއްޔެއިން ފެށިގެން އާންމުވުމާ ގުޅިގެންނެވެ.

މީގެއިތުރުން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ކޮރިއޮގްރާފާ ފަރާ ޚާން ވެސް ސޯނަމްގެ ގެއިން ހުކުރު ދުވަހުގެ ރޭ ނިކުންނަނިކޮށް ފެނިފައިވާއިރު، މަޝްހޫރު ޑަޒައިނަރު މަސާބާ ގުޕްތާގެ އިތުރުން ސޯނަމްގެ ދެބެއިންގެ ދެދަރި ބޭބެމެންނާއި އާއިލާގެ އެހެނިހެން ވެސް މީހުން އެ ގެއިން ނިކުންނަނިކޮށް ފެނިފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސޯނަމް ކައިވެނިކުރަން އުޅޭ ވާހަކައާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ނެތް ކަމަށް އޭނާ ވަނީ މިދިޔަ ހަފްތާގައި އޮތް އޭނާގެ ފިލްމު "ވީރޭ ދި ވެޑިން" ގެ ޓްރެއިލާ ލޯންޗަކުރުމަށް ބޭއްވި ހަފްލާގައި ވަނީ ބުނެފަ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކާއި ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މުމްބައިގައި ހުންނަ ސޯނަމްގެ އާއިލާގެ ގޭގައި ކައިވެނީގެ ތައްޔާރީތައް ވަރަށް ފޯރީގައި ބާރަށް ކުރިއަށް އެބަދެ އެވެ. އަދި ގެ ޒީނަތްތެރި ކުރަމުން އަންނަނީ ކުލަގަދަ ކައިވެނީގެ ހަފްލާއަކަށް ތައްޔާރުކުރާ ގޮތަށް ކަމަށް ވެސްވެ އެވެ.

ދެ އަހަރަށް ވުރެން ގިނަ ދުވަސް ވަންދެން ސޯނަމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާނަންދް އާ އޭނާ ކައިވެނިކުރަން އުޅޭ ވާހަކަ ބައްޕަ އަނިލް ކަޕޫރު ވެސް ދޮގެއް ނުކުރި އެވެ. އިއްޔެ އޮތް އިވެންޓެއްގައި ބައިވެރިވެ ސޯނަމްގެ ކައިވެންޏާ ބެހޭގޮތުން ސުވާލުކުރުމުން ވަނީ ކައިވެނީގެ ހުރިހާ ކަމެއް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

ބުނެވޭ ގޮތުގައި ކައިވެނީގެ ކުރިން ބާއްވާ ހީނާ އެޅުމުގެ ރަސްމިއްޔާތާއި ނެށުމުގެ ހަރަކާތްތައް އަންނަ މަހުގެ ފަސް ވަނަ ދުވަހާއި ހަވަނަ ދުވަހު އޮންނައިރު، ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ހަތް ވަނަ ދުވަހު އެވެ. އަދި ބޮލީވުޑްގެ އެކުވެރިންނާއި ގާތް އެކުވެރިިންނަށް ބާއްވާ ޕާޓީ އޮންނާނީ އަށް ވަނަ ދުވަހު އެވެ.

ކުރިން އަޑުތައް އެރީ ސޯނަމް އާއި އާނަންދްގެ ކައިވެނި އިންޑިއާއިން ބޭރު އެހެން ގައުމެއްގައި ވަރަށް ކުލަގަދަކޮށް ބާއްވާ ކަމަށެވެ. ނަމަވެސް އަނިލްގެ ބޭބެ ބޯނީ ކަޕޫރުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ސްރީ ދޭވީ ކުއްލިއަކަށް މަރުވުމާ ގުޅިގެން އެ އާއިލާ އިން ވަނީ ސޯނަމްގެ ކައިވެނީގެ ރަސްމިއްޔާތުތައް މުމްބައިގައި ބާއްވަން ނިންމާފަ އެވެ.

ސޯނަމްގެ ކައިވެނީގެ ކަންތައްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ގާތް އެކުވެރިއެއްގައި ކައިވެންޏާއި ހަތަރު އެކުވެރިއެއްގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ "ވީރޭ ދި ވެޑިން" އަންނަ މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާނެ އެވެ.