މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޓީމުން މުޖުތަމައުގައި އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު އަންނަނީ ހާއްސަ ހަރަކާތެއް ހިންގަމުންނެވެ. މި ހަރަކާތުގެ ދަށުން ފާއިތުވި ހަފްތާ ބަންދުގައި ފިލްމުގެ ޓީމުން އެއްކުރި 30 ހާސް ރުފިޔާ މިހާރު ވަނީ އެހީއަށް ބޭނުންވެފައިވާ ކުއްޖަކަށް ހަވާލުކޮށްފަ އެވެ.
އެ ކުއްޖާއަށް އެހީވުމަށް ފިލްމުގެ ޓީމުން ފައިސާ އެއްކުރީ މާލެ އަދި ހުޅުމާލޭގައި ކަޕް ކޭކްސް ވިއްކައިގެންނެވެ.
"އަޅުގަނޑުމެން 'ނިވައިރޯޅި' ގެ ޓީމުން މުޖުތަމައުގައި އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިޔަތުގައި ފެށި ކަމެއް މިއީ. ފަންޑު ރެއިޒްކޮށްގެން ލިބޭ ހުރިހާ ފައިސާއެއް އަޅުގަނޑުމެން އެ ފަރާތްތަކަށް ހާވަލުކޮށްދޭނަން." ނިއުމާ މީގެ ކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
މި ހަރާކާތުގެ ދަށުން އަންނަ ހުކުރު ދުވަހުވެސް ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް މިހާރު ހަމަޖައްސާފައިވެ އެވެ. މީގެ ދެ ދުވަސްކުރިން ވިހޭ ތުއްތު ކުއްޖަކަށް އެހީވުމަށްޓަކައި ހުޅުމާލޭގައި ޖަންބަލް ސޭލްއަކާއި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ހުޅުމާލޭގައި ކުރިއަށް ގެންދާ މި ހަރަކާތްތައް އެ ދުވަހު ހަވީރު ހަތަރަކުން ރޭގަނޑު 11 އަށް ކުރިއަށްދާނެ އެވެ.
"އިވެންޓަށް އެކި ކަހަލަ ޑޮނޭޝަންތައް ދޭން ބޭނުންވާ މީހުނަށް އެ ފުރުސަތު ވާނީ ހުޅުވާލާފަ. ޖަބަލް ސޭލްއަށް ހެދުން އެއްޗެހި ޑޮނޭޓުކުރަން ބޭނުންވާ ފަރާތްތަކުންވެސް އަޅުގަނޑުމެންނާއި ގުޅުއްވުމަށް އެދެން." ނިއުމާ ބުންޏެވެ. "ގިނަ ބައެއް ތަރުހީބު މިހާރުވެސް ލިބެމުން އަންނަނީ. އުއްމީދުކުރަން އަދި ކުރިއަށް އޮތްތަނުގައި އިތުރު ފަރާތްތަކުގެ އެހީތެރިކަންވެސް މިކަމަށް ލިބޭނެ ކަމަށް."
ނިއުމާ ބުނީ އެހީ ބޭނުންވާ ކޮންމެ ފާރަތަކަށްވެސް ޓީމުގެ ސަޕޯޓު ލިބޭނެ ކަމަށެވެ. އެހީތެރިކަން ހޯދަން ބޭނުންވާ ފަރާތްތަކުން ނިއުމާގެ އޮފިޝަލް ފޭސްބުކް ޕޭޖަށް މެސެޖުކުރުމުން އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އޭނާ ބުންޏެވެ.
"ކުރިއަށް އޮތީ ރޯދަ މަސް. ރޯދަ މަހު މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ދަތިވާނެ. އަޅުގަނޑުމެން ރޯދައަށް ބްރޭކެއް ނަގާނަން. އެކަމަކު ހަމަ ރޯދަ މަސް ނިމޭއިރަށް އަލުން މި ހަރާކާތް ކުރިއަށް ގެންދާނަން." ރޯދަ މަހަށް މެދުކަނޑާލި ނަމަވެސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ޕޭޖަށް މެސެޖު ކުރެވޭނެ ކަމަށް ނިއުމާ ބުންޏެވެ.