ކުޅިވަރު

ރެކޯޑްތަކާއެކު ސްޕެއިންގެ ޗެމްޕިއަންކަން ބާސާއަށް

ތާރީހީ ރެކޯޑްތަކެއް ގާއިމުކޮށް ސްޕެއިންގެ ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފި އެވެ. ބާސާ ޗެމްޕިއަންކަން ހޯދީ، ޑިޕޯޓިވޯ ލަކަރޫނިއާ އާ ދެކޮޅަށް މެސީ ހެދި ހެޓްރިކާއެކު 4-2 ން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި، ބާސާގެ ފުރަތަމަ ލަނޑު އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ފިލިޕޭ ކުޓީނިއޯ އެވެ. ދެ ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ 38 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ދެ މިނެޓް ފަހު ޑިޕޯޓިވޯގެ ޕެރޭޒް ވަނީ އެ ޓީމަށް ނަތީޖާ ގެ ފަރަގު ކުޑަ ކޮށްދީފަ އެވެ. މެޗުގެ 64 ވަނަ މިނެޓްގައި އެމްރޭ ކޮލާކް ވަނީ ޑިޕޯޓީވޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެސީ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އެންމެ ފަހު 10 މިނެޓްތެރޭގަ އެވެ. ބާސާގެ ތިން ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 82 ވަނަ މިނެޓްގަ އެވެ. ހެޓްރިކު ހެދީ ހެޓްރިކް ހެދީ މެޗުގެ 87 ވަނަ މިނެޓްގައެވެ.

ބާސާ ލީގް ޗެމްޕިއަންކަން ހޯދީ ލީގްގައި އެއްވެސް މެޗަކުން ބަލި ނުވެ އެވެ. މި ސީޒަންގައި ލީގްގައި ބަލި ނުވެ ބާސާ ވަނީ 39 އަހަރުވީ ރެކޯޑެއް މުގުރާލާފަ އެވެ. މި ރެކޯޑްގެ އިތުރުން އެހެން ރެކޯޑްތަކެއް ވެސް ބާސާގެ ކާމިޔާބުގައި ހިމެނެ އެވެ.

ލީގް ޗެމްޕިއަނާ ހަމަޔަށް އައުމުގައި ބާސާގެ ބައެއް ރެކޯޑްތައް

ލީގް ޗެމްޕިއަންކަން ހޯދީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. މިއީ 21 ވަނަ ގަރުނުގައި ސްޕެނިޝް ލީގްގެ ރެކޯޑެކެވެ.

ބާސާއިން މިހާރު ވަނީ ބަލި ނުވެ 41 މެޗު ފުރިހަމަ ކޮށްފަ އެވެ. ސްޕެނިިޝް ލީގްގައި އެ ޓީމުގެ ރެކޯޑް އިތުރަށް ފުޅާ ކޮށްލީ އެވެ.

ބާސާ މެޗަކުން ބަލި ނުވެ ލީގް ނިންމާލާއިފިނަމަ އެ ޓީމުން ވަނީ 1932 ވަނަ އަހަރުގެ ފަހުން މެޗަކުން ބަލި ނުވެ ލީގް ހޯދާ ފުރަތަމަ ޓީމަށެވެ. ރެއާލް މެޑްރިޑް ވަނީ 1931/1932 ސީޒަންގައި މެޗަކުން ބަލި ނުވެ ލީގް ކާމިޔާބު ކޮށްފަ އެވެ.

ލަލީގާއި ބާސެލޯނާއަށް 16 ކުޅުންތެރިން ވަނީ ލަނޑު ޖަހައިދީފަ އެވެ. މެސީ 29 ލަނޑު ޖެހި އެވެ.