ވާހަކަ

ހުސްކަން

Mar 13, 2024

ދެ މީހުން ކައިވެނިކުރީ ވަރަށް ވެސް ލޯބިންނެވެ. އެކުގައި އަހަރުތަކެއް ވަންދެން މާފޮޅުވުމަށް ފަހު ބެލި ހުވަފެންތަކާއި ރޭވިރޭވުންތައް ހަގީގަތަކަށް ހެދުމުގެ ވަރުގަދަ އަޒުމުގަ އެވެ. އެއީ 90ގެ ފަހުކޮޅެވެ. ޕްރައިމަރީ ގްރޭޑުން ރައްޓެހިންނަށް ބަދަލުވެ ހާއްސަ ގުޅުމެއް އުފެދި އެ ގުޅުން ހިތުގެ އެންމެ ފުންމިނަށް ގެންގޮސް އަހަރެމެން ތިބީ ބޮޑުނުވެގެންނެވެ.

އޭނާ އަށް 18 އަހަރު ފުރުނުއިރު އަހަންނަށް 16 އަހަރެވެ. އޭގެ ދެ އަހަރު ފަހުން ދެ މީހުން ކައިވެނިކޮށްގެން އަހަރެމެންގެ ގެއަށް ބަދަލުވީ އެވެ. އެންމެން ވެސް ތިބީ އަހަރެމެން ދެ މީހުންގެ އުފަލުގައި ބައިވެރިވެ އަހަރެމެން ދެ މީހުންގެ ގައިގައި ނިކަން ބާރަށް ހިފަހައްޓައިގެންނެވެ. އެ އެންމެންގެ އެއްްބާރުލުމާ އެކު އަހަރެމެން ހީކުރީ ބެލި ހުވަފެންތަކުގައި އަސްލު ކުލަ ޖެއްސޭނެ ކަމަށެވެ. ނަމަވެސް އެކުގައި ދަތުރުކުރެވުނީ ވަކި ހިސާބަކަށެވެ. ވަކި ހިސާބަކުން އަތް ދޫކޮށްލަން މަޖުބޫރުވީ އެވެ.

ކޮންމެ ހުވަފެނަކީ ސީދާވާނެ ހުވަފެނެއް ނޫނެވެ. ކޮންމެ ރޭވުމަކީ ކާމިޔާބުވާނެ ރޭވުމެއް ނޫނެވެ. ކޮންމެ ކައިވެންޏަކީ ތާއަބަދަށް ދެމިގެންދާނެ ގުޅުމެއް ނޫނެވެ. އަދި ކޮންމެ އަންހެނަކީ ދަރިން ލިބޭނެ އަންހެނެއް ވެސް ނޫނެވެ. އަހަރެންގެ ބަދުނަސީބަކީ މިއީ އެވެ. އަހަރެމެން ދެ މީހުން ވަކިކޮށްލި އަސްލަކީ މިއީ އެވެ. ދެ މީހުން ވަކިވީ ފަސް އަހަރު ފަހުންނެވެ. އަހަންނަށް ދުވަހަކު ވެސް ދަރިއެއް ނުލިބޭނެ ކަމަށް ޑޮކްޓަރުން ނިންމުމުންނެވެ.

މިއީ މި ގޮތަށް ބަޔަކާ ހިއްސާކުރަން އޮތް އެންމެ ރަނގަޅު ވާހަކައެއް ނޫނެވެ. ކިޔައިދޭން އެހާ ފަސޭހަ ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް މި ވާހަކައިން ދެން ތިބި މީހުންނަށް އިބްރަތް ހާސިލުކޮށްދިނުމަކީ އަޅުގަނޑުގެ ބޭނުމެވެ. އަހަރެންގެ ހަޔާތަށް ކުރިމަތިވި ފަދަ ހުސްކަމެއް ކުރިމަތިވެ ހަޔާތުގެ ވަކި ހިސާބެއްގައި ތާށިވެފައިވާ މީހުން ތިބޭނެކަން ޔަގީނެވެ.

ވަކިވުމަކީ ހައްލެއް ނޫނެވެ. އެކަން އަހަންނަށް ވެސް ގަބޫލުކުރެވެ އެވެ. އެކަމަކު ހަގީގަތާ ކުރިމަތިލައި އެކުގައި އުޅުމަކީ ވެސް ހައްލެއް ނޫނެވެ. އަހަރެމެންގެ ކުރިމަތީގައި އޮތީ ދެ އިހްތިޔާރެވެ. އެއް ގޮތަކީ ހުސްކަމާއިގެން ކުރިއަށް ދިއުމެވެ. ދެން އޮތް ގޮތަކީ ދެ މީހުންގެ މިސްރާބު ބަދަލުކުރުމެވެ. ފުރަތަމަ ގޮތް އިހްތިޔާރުކޮށްގެން އެކަކަށް ވެސް ހިތްހަމަޖެހުމެއް ނެތެވެ. ދެ ވަނަ އިހްތިޔާރާ އެކު އޭނާގެ ހަޔާތަށް، އަހަންނާ އެކު ނުގެނެވުނު އުފާވެރިކަން ގެނެވިދާނެ އެވެ. މި އިހްތިޔާރަށް އޭނާ ދިޔައީ އަމިއްލަ އެދުމާއިގެންނެއް ނޫނެވެ. އަހަރެން އެކަމަށް މަޖުބޫރުކޮށްގެންނެވެ. ފަހަރެއްގައި އަހަރެންގެ ހާލަތަށް އޭނާ ހަމްދަރުދީވީ އެވެ. އެގޮތުގައި އަހަރެން ދޫކޮށްލަން ނުކެރުނީ އެވެ. އެންމެފަހުން އެކަން އަމިއްލަ އަށް އިހްސާސްކުރެވިގެން އަހަރެންގެ ހަޔާތުން އޭނާ ބޭރުކޮށްލެވުނީ އެވެ. ކޮންމެ ގޮތެއް ވިޔަސް، އެ ހާލަތުގައި ވެސް އަހަރެމެން ދެ މީހުންގެ ގުޅުން ދެމެހެއްޓުމަށް އޭނާ ކުރި މަސައްކަތަށް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ.

އަލަތު ކައިވެންޏާ އެކު ބަންޑުންވި އުފާވެރިކަމުގައި އަހަރެމެން ދެ މީހުން ނިންމައިގެން ތިބީ މުސްކުޅި ނުވަނީސް ދަރިން ހޯދާށެވެ. އަހަރެމެން އެ މަސައްކަތް ފެށީ ވާން ޖެހޭ ތައްޔާރީތަކާ ވެސް އެކުގަ އެވެ. އޭރު އޭނާ އުޅެނީ ނުލާހިކު ރަނގަޅު ވަޒީފާއެއްގަ ވެސް މެ އެވެ. މުސާރަ ބޮޑެވެ. އަނެއްކޮޅުން އަހަރެން ވެސް ވަޒީފާއަކަށް ދަމެވެ. އެހެންކަމުން ކައިވެންޏަށް ހަ މަސް ފަހުން ދަރިއަކު ހޯދުގެ މަސައްކަތަށް ދެ މީހުން ވެސް ނުކުތީ ފޯރީގައި އެކައްޗެއް ކިޔައިގެންނެވެ. ނަމަވެސް އެކަންވީ އެހާ ފަސޭހައިން ކާމިޔާބުކުރެވޭ ކަހަލަ ކަމަކަށް ނޫނެވެ. އަހަރެންގެ މައްސަރުގެ މައްސަލަތަކާ އެކު އިތުރު ނުތަނަވަސްކަމެއް ކުރިމަތިވީ އެވެ. 

ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ފުރަތަމަ އޭނާ އެއްބަހެއް ނުވި އެވެ. އަހަރެން ވެސް ކުޑަކޮށް ޖެހިލުންވި އެވެ. އާ ވީމަ ވީ ގޮތެއް ކަމަށް ވެދާނެ އެވެ. ނަމަވެސް ޕީރިއަޑްގެ މައްސަލަތަކަކީ އަހަންނަށް އާ ކަމެއް ނޫނެވެ. އެކަމަކު އަހަރެން މީހަކާ ހިއްސާނުކޮށް އޮތް ވާހަކަ އެކެވެ. ބިރުގެންފައި ހުރުމުންނެވެ. ކޮންމެއަކަސް އެންމެފަހުން ޑޮކްޓަރަށް ދެއްކުމުން ކަންބޮޑުވުންތައް ފިލައިގެން ދިޔައީ އެވެ.

އޭނާ ދިނީ ކްލޮމިޑް ނަމަކަށް ކިޔާ ބޭހެކެވެ. އެއީ ދަރިމައިކުރުވުމަށް ދޭ ބޭހެކެވެ. ނަމަވެސް މި ފަރުވާއާ އެކު ވެސް ހިތްހަމަޖައްސާލެވޭ ގޮތެއް ނުވި އެވެ. ސްޕެޝަލިސްޓެއްގެ އެހީ އަށް އަހަރެމެން ދެ މީހުން އެދުނީ އެ ހިސާބުންނެވެ. އޭރު މާޔޫސީކަމުގެ ކުލަވަރު އޮތީ އަހަރެމެންގެ ހަޔާތުގައި ގަދަކޮށްފަ އެވެ. މައްސަލަ ވަރަށް ވެސް ސާފެ އެވެ.

މައްސަލައަކީ އަހަންނެވެ. އެކަން އަހަރެމެން ދެ މީހުންނަށް ވެސް އެނގެ އެވެ. ނަމަވެސް އަހަރެން ހިތްހަމަޖެއްސުމަށް އަހަންނާ އެކު އޭނާ ވެސް ޓެސްޓްތަކުގައި ބައިވެރިވީ އެވެ. އޭނާގެ ލޯބިކަމަކީ އެއީ އެވެ.

ނަތީޖާ ނުކުތީ ހީކުރި ވަރަށް ވުރެ ވެސް ގޯސްކޮށެވެ. އެ ނަތީޖާ ފެނި އަހަރެން ލަދުގަތީ އެވެ. ކުރިއަށް ވުރެ ބަލިކަށިވީ އެވެ. ނިކަމެތިވީ އެވެ. އެކަނިވެރިވީ އެވެ. ޓެސްޓްތަކުން ފެންމަތިވީ ޕޮލިސިސްޓިކް އޯވަރީގެ ބައްޔެވެ. އެ ހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ އެވެ. ފަރުވާކޮށްގެން ދަރިން ލިބޭނެ ކަމުގެ އުއްމީދު އަހަރެންގެ ބޮލަށް ޑޮކްޓަރުންނާއި އާއިލާގެ މީހުން ވައްދައިދޭން މަސައްކަތްކުރި ނަމަވެސް އަހަރެން އެ ހިސާބުން އުއްމީދު ކަނޑާލީ އެވެ.

އަހަރެން ބޭނުންވީ ތަނަކަށް ވަދެ އެންމެނަށް ފިލައި އޮންނާށެވެ. ދެން އަހަރެންގެ ހަޔާތުގައި ތަކުރާރުވާން ފެށީ އެންމެ ދުވަހެކެވެ. ކަރުނައިން ތައްތެޅި، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޑޮކްޓަރަށް ދާން ޖެހުނީ އެވެ.

ޑޮކްޓަރުން ދިނީ އުއްމީދެކެވެ. ދެއްކީ ވާހަކަ އެވެ. ނަމަވެސް ހުވަފެންތަކުގައި ޖެހެން އަހަރެން ބޭނުމެއް ނުވި އެވެ. ތިން އަހަރުގެ ފަރުވާ އަށް ފަހު އެންމެން ވެސް އުއްމީދު ކަނޑާލީ އެވެ. ދެން އައީ އަހަރެންގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކެވެ. އެންމެ އެކަނިވެރި ދުވަސްތަކެވެ. މީހުންނާ ވާހަކަ ދައްކާ ހިތް ކެނޑުނީ އެވެ. މީހުންނާ އެކު ބޭރަށް ގޮސް މަޖާކުރުމުގެ ފޯރި ކެނޑުނީ އެވެ. އެންމެކުޑަމިނުން ފިރިމީހާއާ ހަތަރު ކަޅި ހަމަކޮށްލާނެ ހިތްވަރެއް ވެސް ނުލިބި އެތައް ދުވަސްތަކެއް އަހަރެން ހޭދަކުރީމެވެ. އަހަރެންގެ ހާލާއެކު ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައީ އެވެ.

ލޯބިން ބައްދާނުލެވި އެތައް މަހެއް ހޭދަވެގެން ދިޔަ އެވެ. އޭނާ ގަދަކަމުން އަހަންނާ ގާތްވާން މަސައްކަތްކުރިޔަސް އަހަރެން އެ ފުރުސަތު ނުދެނީ އެވެ. އެގޮތަށް އޭނާ އަހަންނާ ގާތްވާ ކޮންމެ ފަހަރަކު އަހަރެންގެ ނިކަމެތިކަން ސިކުނޑިއަށް ވަންނަނީ އެވެ. އަހަރެން ހިތަށް އެރީ އަހަރެން އަންހެނަކަށް ވެސް ނުވިތާ އެވެ.

އެ ހިސާބުން އަހަރެން ބޭނުންވީ އަހަރެން ކިބައިން އޭނާ މިނިވަންކުރުމަށެވެ. އަހަރެންގެ ބޮލަށް މި ހިޔާލު ވެރިވިއިރު ދެ މީހުން ވަކިވުމުގެ އެއްވެސް ކަހަލަ އިޝާރާތެއް އޭނާ ދީފައެއް ނުވެ އެވެ. ނަމަވެސް އާއިލާގެ ބައެއް މީހުންގެ ހިޔާލު އޮތީ ތަފާތުވެފަ އެވެ. ހާއްސަކޮށް އޭނާގެ އާއިލާގެ ބައެއް މީހުން ތިބީ އަހަންނާ އެކު އުޅޭތީ އޭނާއާ މެދު ހިތްހަމަނުޖެހިފަ އެވެ. ނަމަވެސް އެމީހުންގެ އެއްވެސް ޝަކުވާއެއް އޭނާ އަހަންނާ ހިއްސާއެއް ނުކުރެ އެވެ. ފަހަރެއްގައި އޭނާ ލަދުގަތީ އެވެ. އެ ވާހަކަތައް އަހަންނަށް ގެނެސްދިނީ އަހަރެންގެ ދައްތަ އެވެ. ހަޔާތަށް ކުރިމަތިވި ހުސްކަމުން އަރައިގަތުމަށް އަހަންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދިން މީހަކީ ވެސް ދައްތަ އެވެ.

ފިރިމީހާގެ އެއްބާރުލުމެއް ނުލިބޭ ވާހަކައެއް ނޫނެވެ. އޭނާ އަހަރެން ދެކެ ވީ ލޯތްބަށް މި ހިތުގެ އެންމެ ހިމަ ނާރުތައް ވެސް ހެކިވެ އެވެ. އެ ލޯބި އިހްސާސްނުކުރެވޭ ދުވަހެއް ފާތިވެގެނެއް ނުދެ އެވެ. މައްސަލަ ޖެހުނު ހިސާބުން ފެށިގެން ދެ މީހުން ތާ އަބަދަށް ވަކިވުމަށް ކުރި ސަލާމާ ހަމަ އަށް އެ ހިތުގެ އިހްސާސްތައް އަހަންނަށް އޮތީ ހުޅުވިފަ އެވެ. އެ ލޯތްބާ މެދު އަހަރެންގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތެވެ. ނަމަވެސް އޭނާ ވެސް ހުރީ ކަންބޮޑުވެފަ އެވެ. އަހަރެން ކަހަލަ އަންހެނަކާ އެކު އުމުރު ނިންމާލަން ޖެހިދާނެތީ މާޔޫސްވެފަ އެވެ. އެކަން އަހަންނަށް އެނގެ އެވެ. އެއީ އަދި މުޅިން އެހެން އިހްސާސެކެވެ.

އަހަރެމެން ދެ މީހުން ހަޔާތުގެ ދަތުރު ފެށީ ޗާޓު ކުރަހައިގެން ބޮކި ދިއްލައިގެންނެވެ. ހޯދާނެ ކުދިންނާއި އެ ކުދިންނަށް ދޭނެ ނަންތަކާއި އެ ކުދިންނަށް ހޯދައިދޭނެ މުސްތަގުބަލުގެ ބްލޫޕްރިންޓް ވެސް ކުރަހައިގެންނެވެ. ވަކި ހިސާބަކުން އުއްމީދުގެ މި ބޮކި ތެޅުމުން އޭނާގެ ހިތް ވެސް އޮތީ ފަޅައިގެންގޮސްފަ އެވެ. އެ ހިތްދަތިކަމަށް އޭނާ ވައްޓާލި މީހަކީ އަހަންނެވެ. މިއީ އަހަންނަށް ވިސްނުނު ގޮތެވެ. އެހެންކަމުން އެ ހިތްދަތިކަމުން އޭނާ ސަލާމަތްކޮށްދެވޭނީ ވެސް އަހަންނަށްކަން ވިސްނުނު ހިސާބަކީ އޭނާ ދޫކޮށްލަން އަހަރެން ނިންމި ހިސާބެވެ. އަހަރެންގެ ހަޔާތުން އޭނާ ބޭރުކޮށްލީ ހިތާ ދެކޮޅަށެވެ. އެ ނޫން މީހަކު ދެކެ އަހަރެން ލޯތްބެއް ނުވަމެވެ. ނުވެސް ވެވޭނެ އެވެ. މި ހިތެއް ދުވަހަކު ވެސް ދެ ވަނަ ފިރިހެނަކަށް ނުރުހޭނެ އެވެ. އެހެން ނޫނަސް އަހަރެންގެ މި ހުސްކަމާ އެކު އަހަރެން ދާނީ ވެސް ވަކި ކާކުގެ ގާތަށް ހެއްޔެވެ؟ ކޮންމެ ދިމާލަކަށް ދިޔަޔަސް އަހަރެންގެ ބައިވެރިޔަކީ ހިތާމަ އާއި ހިތްދަތިކަމެވެ.

އަހަންނަށް މިހާރު 30 އަހަރެވެ. ހަޔާތުގެ އެންމެ ފޯރިގަދަ ހިސާބުން މިލައި މޯޅިވި ގޮތަށް އަދިވެސް މިހުރީ އެވެ.

އަހަރެންގެ ކުރީގެ ބައިވެރިޔާ އަކީ މިހާރު ދެ ކުދިންގެ ބައްޕައެކެވެ. ތިން ވަނަ ދަރިއަކަށް އޭނާގެ އަންހެނުން ހުރީ ބަލިވެ އެވެ. އަހަންނާ އެކު ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީއިރު އަހަންނަށް އޭނާ އަށް ދަރިއަކު ހޯދައެއް ނުދެވުނެވެ. އޭނާ ބައްޕައަކަށްވި ޚަބަރު ލިބުނު ދުވަހު އަހަރެން ވަރަށް ބޮޑަށް އުފާވި އެވެ. އަދި އެހާމެ ގަދަ އަށް ރޮވުނެވެ. އޭނާގެ އަންހެނުންނަށް ހަސަދަ ވެސްލި އެވެ. ނަމަވެސް ކުރީގެ ފިރިމީހާގެ އޯގާވެރިކަމާ އެކު އެ ހުރިހާ ނުބައި ފިކުރުތަކެއް ފިލައިގެން ދިޔައީ އެވެ. އެ މީހުންގެ ފުރަތަމަ ދަރިފުޅަށް ދިނީ އަހަންނާ އެކު އޭނާ އުޅުނުއިރު ދެ މީހުން ހޮވި ނަންތަކުގެ ތެރެއިން ނަމެކެވެ. އެއީ ފިރިހެން ކުއްޖެކެވެ.

އޭނާ އަށް ދަރިއެއް ހޯދައިނުދެވުމުގެ ހިތްދަތިކަމުން އަހަންނަކަށް އަދިވެސް އަރައެއް ނުގަނެވެ އެވެ. ނަމަވެސް މި ހުސްކަމުގައި އުޅެން މިހާރު މި ވަނީ އާދަވެފަ އެވެ.