ކުޅިވަރު

ލަންކާގެ އާ ކޯޗުގެ އަމާޒަކީ ރާއްޖެއަތުން ޕޮއިންޓެއް

ސާފް ޗެމްޕިއަންޝިޕްގައި ޝްރީލަންކާގެ އަމާޒަކީ ދިވެހިރާއްޖެ އާއި އިިންޑިއާ ދެކޮޅަށް ޕޮއިންޓެއް ހޯދުން ކަމަށް ލަންކާގެ ގައުމީ ޓީމުގެ އާ ކޯޗް ނިޒާމް ޕަކީރު އަލީ ބުނެފި އެވެ.

ބަންގުލަދޭޝްގައި މި އަހަރު ބާއްވާ ސާފް ސުޒުކީ ކަޕްގައި، ލަންކާ ހިމެނެނީ ރާއްޖެ އާއި އިންޑިއާއެކު ގުރޫޕް "ބީ" ގަ އެވެ. ލަންކާ އިންޓަނޭޝަނަލް ފުޓްބޯޅައިގެ ތެރެއަށް އަންނާނީ ގާތްގަނޑަކަށް ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. އެ ޓީމުން އެންމެ ފަހުން ވާދަ ކުރި މުބާރަތަކީ ނޮވެމްބަރު 2016 ގައި މެލޭޝިއާގައި ބޭއްވި އޭއެފްސީ ސޮލިޑާރިޓީ ކަޕެވެ.

ލަންކާގެ ކޯޗު ކަމާ ހަމަޖެއްސި ޕަކީރު އަލީ އަށް ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަނުން ދީފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ.

"އަހަރެމެން ޖެހޭނެ އިންޑިއާ އާއި ރާއްޖެއަށް އިހްތިރާމު ކުރަން، އެ ދެ ޓީމަށް އިހްތިރަމު ކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި، ދެ ޓީމުވެސް ހިމެނެނީ ފީފާ ރޭންކުގައި އަހަރެމެންނަށް ވުރެ ކުރީގައި، އަދި ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދެ ގައުމަކީވެސް އެއީ އަދި އެއީ އެންމެ ވާދަވެރި ދެ ޓީމުވެސްމެ، އޭގެ މާނައެއް ނޫން އަހަރެމެން އެންމެ ފަހަތުގައި ނިންމާލަން ޖެހޭނެއެކޭ." ލަންކާގެ ކޯޗު ކަމާ ހަވާލު ވުމަށް ފަހު ފުރަތަމަ ނޫސް ކޮނަފަރެންސްގައި ވާހަކަ ދައްކަމުން ޕަކީރު އަލީ ބުންޏެވެ.

ޕަކީރު އަލީ ހަވާލުވި ލަންކާގެ ޓީމު އޮތީ ދަށް ހާލަތެއްގަ އެވެ. ލަންކާ އޮތީ ފީފާ ރޭންކުގެ 200 ވަނައިގަ އެވެ. މިއީ ލަންކާގެ ފުޓްބޯޅަ ތާރީހްގައި އެ ޓީމު މިހާދަށަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. އޭނާ އަށް އޮތީ ލަންކާގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކުރުމެވެ. ކޯޗު ކަމާ ހަވާލުވުމަށް ފަހު އޭނާ އާއި އޭނަގެ އެސިސްޓެންޓް ކޯޗުން ވަނީ ލަންކާގެ އެކި ހިސާބުތަކަށް ދަތުރުކޮށް އާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

ލަންކާގެ ގައުމީ ޓީމު ކެޕްޓަންކަންވެސް ކޮށްފައިވާ، ޕަކީރު އަލީގެ ޕްލޭން ކޮށްފައި ވަނީ 30 ކުޅުންތެރިން ސްކޮޑެއް އެކުލަވާލުމަށެވެ. އަދި ގައުމީ ޓީމުގެ "ބީ" ޓީމެއްގެ ގޮތުގައި 18 ކުޅުންތެރިންގެ ސްކޯޑެއް ނަގުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

އޭނަ ބުނީ އޭނާ ތައްޔަރު ވަނީ މުބާރާތް ކާމިޔާބު ކުރުމަށް ނޫން ކަމަށާއި އޭނާގެ އަމާޒަކީ ކުރިމަގަށް ޓީމެއް ބިނާ ކުރަން ކަމަށެވެެ. އެގޮތަށް މަސައްކަތް ކުރުމުން ކޮންމެ ކުޅުންތެރިން ރިޕްލޭސް ކުރާނެ ކުޅުންތެރިންވެސް އުފެދިގެން ދާނެ ކަމަށެވެ. އޭނާ ބުނީ އެ މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ ކޮންމެ ކޯޗަކު ހަވާލުވިނަމަވެސް އެ ޓީމު ގޮވައިގެން ކުރިއަށް ދެވޭނެ ކަމަށެވެ.

"އަހަންނަކަށް ވައުދެއް ނުވެވޭނެ ތަރި އާއި ހަނދު ގެނެސްދޭނެ ކަމަކަށް، ނަމަވެސް އަހަންނަށް މަސައްކަތް ކުރެވިދާނެ އަހަރެމެންގެ އަމާޒަކީ ސާފް ޗެމްޕިއަންޝިޕްގެ (ދިވެހިރާއްޖެ އާއި އިންޑިއާ އާ) ދެ މެޗު އެއް ވަރު ކޮށްލުން ކަމަށް، ފުރަތަމަ ކަމަކަށް އަހަރެމެން ޖެހޭނީ މެޗުތަކުން ބަލިވުމުގެ ރޭހުން ސަލާމަތް ވާން."

ނޭޕާލްގައި 2013 ވަނަ އަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ ލަންކާ 10-0 ބަލިކޮށްފަ އެވެ. އެ މެޗުގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް ހަ ލަނޑު ޖެހައި ދެ ހެޓްރިކް ހެދި އެވެ.

ޝްރީ ލަންކާ ވަނީ 1995 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި އިންޑިއާ 1-0 ން ބަލި ކުރުމަށްފަހު އެވެ. އަދި 1993 ވަނަ އަހަރު ލަންކާ ވަނީ މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. އަދި އެޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ހަތަރު ފަހަރު ދަތުކޮށްފަ އެވެ. އެއީ 1997، 2008، 2009، އަދި 2015 އެވެ.

ޕަކީރު އަލީ ވަނީ ބަންގާޅުގެ ޝައިހް ޖަމާލް ދަންމޮންޑީ ކުލަބާއި ޓީމު ބީޖޭއެމްސީ އަދި އިްނޑިއާގެ ކެރަލާގެ ޗިރާގު ޔުނައިޓަޑް ކުލަބަށް ކޯޗު ކޯށްދީފަ އެވެ.