ކުޅިވަރު

ވެންގާގެ އަގުވަޒަަން ކުރީ ކުރީގެ ވާދަވެރިޔާ ފާގަސަން

އިނގިރޭސި ޕްރިމިއާ ލީގްގައި ފެނުނު އެންމެ ބޮޑު ވާދަވެރި ކަމަކީ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަން އާއި އާސެނަލްގެ ކޯޗް އާސެން ވެންގާ އެވެ. ވެންގާ އާއި ފާގަސަން ބެންޗުގައި ހުރެގެން ކުރިމަތިލާ މެޗުތަކަށް ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރެ އެވެ.

މި ސީޒަނަށް ފަހު އާސެނަލް ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފައިވާ ވެންގާ، ރޭ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ނިކުތް މެޗަކީ އާސެނަލްގެ ކޯޗުގެ ގޮތުގައި ހުރެ ޔުނައިޓަޑްގެ ދަނޑު އޯލްޑް ޓްރަފާޑަށް އޭނާ ކުރާނެ އެންމެ ފަހު ޒިޔާރެތެވެ.

އެ މެޗުގެ ހާއްސަކަން ފުޓްބޯޅަ ސަޕޯޓަރުންގެ އިތުރުން، ކުރީގެ އެންމެ ބޯޑު ދެ ވާދަވެރިން ކަމުގައިވާ ވެންގާ އަށާއި ފާގަސަންއަށްވެސް ހާއްސަ ވެގެންދިޔަ އެވެ. އާސެނަލްގައި 22 އަހަރު ވަންދެން ވެންގާ ކުރި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މެޗު ފެށުމުގެ ކުރިން ވެންގާ އަށް ފާގަސަން ވަނީ ހަދާނީ ޓްރޮފީއެއް އަރުވާފަ އެވެ. އެ ޓްރޮފީއާ ހަވާލުވާން ވެންގާ ދިޔައިރު ޔުނައިޓަޑްގެ ސަޕޯޓަރުންގެ ފަރާތުންވެސް ވެންގާއަށް ތައުރީފު އޮއްސަމުން ދިޔަ އެވެ. ވެންގާއަށް އިހްތިރާމު ކުރުމުގެ ގޮތުން ސަޕޯޓަރުން ކޮޅަށް ތެދުވިއެވެ.

ފާގަސަންގެ އަތުން އެވޯޑް ހަވާލު ވުމަށް ފަހު ވެންގާގެ ވާހަކަތައް ހުރީ ވަރަށް އެންޖޯއި ކުރާ މޫޑެއްގަ އެވެ. މެޗަށް ފަހު ސަކަރާތުގެ ރާގެއްގައި އޭނާ ބުނީ އޭނާގެ އަގު ވަޒަން ކުރަނީ މިހާރު އޭނާ އަކީ "ނުރައްކަލެއް ނެތް މީހެއް" ކަމަށް ވުމުން ކަމަށެވެ.

"އަހަރެން މެންޗެސްޓާ ޔުނައިޓަޑަށް ޝުކުރުވެރިވަން ސަބަބަކީ އެމީހުން އަހަރެންގެ ހިދުމަތް އަގުވަޒަން ކުރަން ބޭއްވި ހަފުލާ ވަރަށް ކަމުދޭ، މިއީ މެޗެއްގެ ކުރިން އަހަންނަށް ޓްރޮފީއެއް ލިބުނު ފުރަތަމަ ފަހަރު، ޔުނައިޓަޑްގެ މި އިންތިޒާމު ވަރަށް ރަނގަޅު." މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.

މެޗުން އާސެނަލް ބަލިވީ 2-1 ން ނެވެ. މެޗުގެ 16 ވަނަ މިނެޓްގައި ޕޮގްބާ ވަނީ ޔުނައިޓަޑަށް ލީޑް ނަގައިދިފަ އެވެ. ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ޔުނައިޓަޑްގެ ކުރިގެ ކުޅުންތެރިޔާ ހެންރިކް މިހިތާރިޔަން ވަނީ އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖެހުމަށް ފަހު އޭނާ އުފަފާޅު ކޮށްފައެއް ނުވެއެވެ. މެޗުގެ 91 ވަނަ މިނެޓްގައި ޔުނައިޓަޑް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ މަރުއާން ފެލޭނީ އެވެ.

ރޭ މެޗުގައި އާސެނެލަގެ ފުރަތަމަ 11 އިން ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށެވެ. ހަތަރު ކުޅުންތެރިން ފިޔަވައި މުޅިންވެސް ތިބީ 24 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އެއީ އޯގަސްޓް 2011 ގެ ފަހުން އާސެނަލްގެ ފުރަތަމަ 11 އިން ފުރުސަތު ދިން އެންމެ ޒުވާން ޓީމެވެ. އާސެނަލް ބަލިވީ އެންމެ ފަހު ވަގުތުގައެވެ.

ވެންގާ ބުނީ އޭނާގެ ފަހުން ކޯޗަކަށް އަންނާނެ މީހަކު އެ މެޗު ބަލާފައި ވާނެ ކަމަށް އޭނާ އުންމިދު ކުރާ ކަމަށެވެ.

"އަހަރެންގެ ފަހުން ކޯޗަކަށް އަންނަ މީހަކު މި މެޗު ބަލާނެ ކަމަށް އުންމީދު ކުރަން، އޭނާ އަށް މެޗު ބަލާފައި ޕޮސެޓިވް ހައްލެއް ލިބޭނެ، ސަބަބަކީ އަހަންނަށް ހީވާގޮތުން މި ކުޅުންތެރިންނަކީ އާސެނަލްގެ ކުރި މަގު، ބައެއް ކުޅުންތެރިން އަހަންނަށް 100 ޕަސަންޓް ޔަގީން، އަހަރެމެންގެ އޮތީ ވަރަށް ޒުވާން ޓީމެއް، ކުޅުންތެރިންގެ ޕާފޯމަންސް ފެނުނީ ވަރަށް ޕޮޒެޓިވް ކޮށް."

ވެންގާއަށް ހާއްސަކޮށް ބޭއްވި ކުޑަ ހަފުލާއާ ގުޅޭ ގޮތުން ޔުނައިޓަޑްގެ މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ ވެންގާ އަށް ހަނޑަނީ ޓްރޮފީ ދިނުމަށް ފާގަސަން ގެނައުމަށް ހިޔާލު ދިނީ އޭނާ ކަމަށެވެ.

"ވެންގާއާ ޓްރޮފީ ހަވާލު ކުރުމުގެ ރަސްމިއްޔާތު ގެ ވާހަކަ އަހަންނާ ދެއްކި ކުލަބުން ރާވާފައި އޮތީ ވެންގާއަށް އަހަރެން ޓްރޮފީ ދިނުމަށް،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ. "ނަމަވެސް އަހަރެން ބުނީ ޓްރޮފީ ދޭން ގެންނަންވީ ފާގަސަން އޭ، ސަބަބަކީ ވެންގާ އާ ވާދަވެރިކަން އޮތީ ފާގަސަން އާ، އަހަރެން އައީ މާފަހުން."