ވިޔަފާރި

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ ހަ ޕަސެންޓަށް ވުރެ އިތުރު

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ ހަ ޕަސެންޓަށްވުރެ އިތުރުވެފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

މިދިޔަ އަހަރު ދިރާގުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މުޅި އަހަރު ސާފު ފައިދާގެ ގޮތުގައި 898 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 840 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 6.9 ޕަސެންޓް އިތުރު އަދަދެކެވެ.

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 2.5 ބިލިއަން ރުފިޔާ އެވެ. އެ ކުންފުންޏަށް ޓެކުހަށް ކެނޑުގެ ކުރީގެ އާމްދަނީގެ ގޮތުގައި ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވެ އެވެ.

އަހަރީ ރިޕޯޓުގައި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ އާމްދަނީ ރެކޯޑް މިންވަރަށް އިތުރުވިއިރު، ކަސްޓަމަރުންގެ އަދަދުވެސް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.

ދިރާގުން އަހަރީ ރިޕޯޓް ނެރުނުއިރު، އެ ކުންފުނިން ދަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އަހަރީ އާއްމު ޖަލްސާ ބާއްވަން ތައްޔާރުވަމުންނެވެ. އެ ކުންފުނީގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 11.81ރ. ބަހަން ބޯޑުން ނިންމައި، އޭޖީއެމްއަށް ހުށަހަޅަން ނިންމާފަ އެވެ.