އިއްޔަ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު ގޮތަށް ކުޅެފިނަމަ ވެލެންސިއާގެ ހާލަތު ބަދަލު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.
ސޮބާ ބުނީ އިއްްޔަގެ މެޗުން ބަލިވިޔަސް އިއްޔަ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ މި ސީޒަންގެ އެހެން މެޗެއްގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ނުކުރެވޭ ވަރަށް އިއްޔަގެ މެޗުގައި ފުރުސަތު ތަނަވަސް ކުރެވުނު ކަމަށެވެ.
"މެޗު ނިންމާފަ ނިއު ރޭޑިއަންޓްގެ ކޯޗުވެސް އަޅުގަނޑު ގާތު އަހަނީ ކީއްވެހޭ ވެލެންސިއާ އެހެން މެޗުތަކުގައި މިގޮތަށް ނުކުޅެނީ، މިގޮތަށް ކުޅެން އުޅުމުން މާ ރަނގަޅަށް މަސައްކަތް ކުރެވޭ ނޫންހޭ." ސޮބާ ބުންޏެވެ.
ސޮބާ ބުނީ އިއްޔަގެ މެޗުގައި ޓީމުގެ ކެޕްޓަން މުހައްމަދު ޝިފާން (ކުޑައްޓޭ) ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި ޓީމުގައި އޭނާ ދައުރު ވަރަށް ބޮޑަށް އިއްޔަގެ މެޗުގައި ފެނުނު ކަމަށެވެ.
"އެހެން މެޗުތަކުގައި މި ވާގޮތަކީ ކުޅުންތެރިންނަށް މާ ފަސޭހަ ކޮށްލެވެނީ، ނުވާނޭ ހިތާ މާ އަވަހަށް ދޫކޮށް ލެވެނީ، ބައިކޮޅަށް ލަނޑެއް ވަނީމަ ކުޅުންތެރިންނަށް ނުލިބޭ ހިތްވަރެއް މަސައްކަތް ކުރުމުގެ،" އޭނާ ބުންޏެވެ. "އިއްޔަގެ މެޗުގައި އެކަން ވަރަށް ބޮޑަށް ރަނގަޅުކޮށް ފެނުނީ."
އޭނާ ބުނީ އެހެން މެޗުތަކުގައި ބައެއް ކުޅުންތެރިން ކުޅުނު ޕޮޒިޝަން ބަދަލުކޮށް އެހެން ޕޮޒިޝަނަކަށް ލުމުން މުޅި ޓީމުގެ ފްލޯ ހިފެހެއްޓި ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށެވެ.
"މިގޮތަށް މަސައްކަތް ކޮށްފިއްޔާ އަޅުގަނޑުމެންނަށް ދެ ވަނަ ބުރުގައި ނެގޭނެ މެޗުތައް އެބަހުރި، އެ މެޗުތަކުން ވެލެންސިއާގެ ހާލަތު ބަދަލު ކުރެވޭނެ."
ދެ ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ. އާދިއްތަ ދުވަހުގެ ރޭ ވެލެންސިއާ ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ފުރަތަމަ ބުރުގައި ވެލެންސިއާ އަށް ހޯދުނީ އެންމެ ޕޮއިންޓެކެވެ.