ވިޔަފާރި

ވެހިކަލެއް ގަންނަން ވިސްނަންތަ؟ ޑިއުޓީ ބޮޑުވަނީ!

Dec 23, 2014
2

މާލެ މިދަނީ ތޮއްޖެހެމުންނެވެ. ފުރި ބާރުވަމުންނެވެ. މީހުން ގިނަވާތީ އެކަންޏެއް ނޫނެވެ. ޓްރެފިކް ވެސް ތޮއްޖެހޭތީ އެވެ. މާލޭގެ މަގުތައް ހަންޏެވެ. ވެހިކަލް އެތެރެކުރުމަށް ދައްކަންޖެހޭ ޑިއުޓީ އަނެއްކާވެސް ބޮޑުކުރަން ނިންމުމަކީ މި ތޮއްޖެހުމުން ސަލާމަން ވުމަށް ބޭހެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

"ޑިއުޓީ ބޮޑުވުމުން އަޅުގަނޑުމެންނަށް މައްސަލައެއް ނުޖެހޭނެ. މައްސަލަ ދިމާވާނީ ގަންނަ މީހުންނަށް،" ވެހިކަލް އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ބުންޏެވެ.

މިއީ ހަމަ ހަގީގަތުގައި ވެސް ވާނެ ގޮތެވެ. މުދަލުގެ އަގަށް އެންމެ ލާރިއެއްގެ ބޮޑުވުމެއް އައިނަމަވެސް އެކަމުގެ ބާރުކުރާނީ އަހަރެމެންގެ ޖީބަށެވެ.

ވިޔަފާރިވެރިންގެ ކަންބޮޑުވުން ކުޑަ ނަމަވެސް އާންމުން މިކަމާ ފިކުރު ކުރާނެ އެވެ. ވެހިކަލް ނުގެންގުޅޭ ބައެއް މީހުން ދަނީ ޑިއުޓީ ބޮޑުވެ އަގުތައް އުފުލުމުގެ ކުރިން ވެހިކަލް ގަންނަން ވިސްނަމުންނެވެ.

ވެހިކަލްގެ ޑިއުޓީ ބޮޑު ކުރުމަކީ އެއް ގޮތަކުން ގޯސް ކަމެކޭ ވެސް ބުނެވޭކަށް ނެތެވެ. ސަބަބަކީ މާލޭގެ މަގުތަކަށް ބާރު ކުޑަ ކުރުމަށް މިއީ އޮތް އެއް ފަރުވާ އަށް ވުމެވެ. ނަމަވެސް މީގެ އަނެއް ކޮޅުވެސް އޮތީ އެވެ. މިގޮތަށް ޑިއުޓީ މައްޗަށް ޖައްސާލުމުން ބިން ބޮޑު ރަށްރަށުގައި ވެހިކަލް ދުއްވާ މީހުންނަށް މި ވާނީ ބޮޑު ބޭއިންސާފަކަށެވެ.

މާލެއަށް ސައިކަލް އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ބުނި ގޮތުގައި ޑިއުޓީ ބޮޑު ކުރުމުން ބިން ބޮޑު ރަށްރަށުގެ މީހުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ސައިކަލަކީ މިހާރު އަސާސީ އެއްޗެއް. ހަނޑޫ ހަކުރު ފުށް ގޮތަށް މިއީވެސް މުހިންމު އެއްޗެއް. ސައިކަލްގެ ބޭނުން ކުދި ވިޔަފާރިތަކަށް ވެސް މުހިންމު، އެހެންވެ މީގެ ބޭނުން ބޮޑު،" ނަން ނުޖެހުމަށް ޝަތުރުކޮށް އޭނަ ބުންޏެވެ.

އަންނަ އަހަރުން ފެށިގެން ޑިއުޓީ ބޮޑު ކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ކާރާއި ޖީޕް އަދި ވޭން ފަދަ އުޅަނދު ފަހަރު ހިމެނެ އެވެ. މި ބާވަތްތަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 100 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން މި ބާވަތްތަކުގެ ޑިއުޓީއަށް ބަދަލު ގެނައުމުން 200 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގާނެ އެވެ.

ވެހިކަލް އެތެރެކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޑިއުޓީއަށް ބަދަލު ގެނައުމުން ކުރިން 200،000ރ. ވަރަށް ވިއްކި ކާރާއި ޕިކަޕް އަދި ވޭން ފަދަ އުޅަނދު ފަހަރުގެ އަގު 400،000ރ. އަށް އުފުލިގެންދާނެ އެވެ. އަދި މިހާރު ޑިއުޓީގެ ގޮތުގައި 100 ޕަސެންޓް ނަގަމުން ގެންދާ ސައިކަލްގެ ޑިއުޓީ 150 ޕަސެންޓަށް ބޮޑު ކުރުމުން މިހާރު ގާތްގަނޑަކަށް 50،000ރ. އަށް ވިއްކަމުން ގެންދާ ސައިކަލްގެ އަގު 80،000ރ. ވަރަށް ބޮޑުވުން އެކަށީގެންވެ އެވެ.

"ސައިކަލްގެ އަގު ބޮޑުވާނެ. އަގު ބޮޑުވުމުން އިންސްޓޯލްމެންޓަށް ފައިސާ ދައްކާއިރު ވެސް ބޮޑުވާނެ،" ސައިކަލް ވިއްކާ ކުންފުންޏެއްގެ ވެރިއަކު ބުންޏެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ވެހިކަލް ކޮންޓްރޯލް ކުރާއިރު އަނެއްކޮޅުން ރަށްރަށުގައި ޝަކުވާ އަކީ ބިން ބޮޑު ތަނަވަސް ރަށްރަށަށް ވެސް ވެހިކަލްގެ އަގު ބޮޑުވުމެވެ. އެކަމަކު އެ ރަށްރަށުގެ ވެށި ހިމާޔަތް ކުރުމަށް ވެސް ވެހިކަލް ކޮންޓްރޯލް ކުރަން ޖެހެ އެވެ.