ވިޔަފާރި

އެސްޓީއޯގެ އާމްދަނީ 18 ޕަސެންޓް އިތުރުވެ، 211 މިލިއަންގެ ފައިދާ

Apr 30, 2018

މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީ 18 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ އަހަރީ އާމްދަނީގެ މައްޗަށް ބަލައި، އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނި މިދިޔަ އަހަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ 7.5 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ 18 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި އެސްޓީއޯ އިން ވިއްކި ތެލުގެ އަގަށް ބަދަލުގެނައުމާއި، ތެޔޮ ވިއްކި އަދަދު އިތުރުވެފައިވުމާއި، އަދި އެހެނިިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވެފައިވުމެވެ. އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 2.9 ޕަސެންޓް އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއިން ފެށިގެން އަހަރު ނިމުމާއި ހަމައަށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 25 އިންސައްތަ އުފުލިފަ އެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި އެސްޓީއޯ އިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގު ބޮޑުކޮށްފައިވާނީ 12 ޕަސެންޓްގަ އެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައެވެ. މިއީ 3.8 ޕަސެންޓް ދަށްވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 76 މިލިއަން ރުފިޔާ ދަށްވެފައިވީނަމަވެސް، ތެޔޮ ނޫން އެހެނިހެން ވިޔަފާރި ތަކުން އެސްޓީއޯ އަށް ލިބުނު ޖުމްލަ ފައިދާ ވަނީ 39 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ފާއިތުވި އަހަރު ތެލުގެ ބާޒާރަށް އައި ބަދަލުތަކާއިއެކު ތެލުގެ އަގުތައް އަދިވެސް ދަނީ މައްޗަށެވެ. އެހެންކަމުން މިއަހަރުވެސް އެސްޓީއޯ އިން އެންމެ ބޮޑު އިސްކަމެއް ދެނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓާ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގްތިސިދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށެވެ. އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ، ދިވެހިރާއްޖޭގެ އިގްތިސާދު ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، އެސްޓީއޯ އިން މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު، ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ. މިގޮތުން، ފާއިތުވި އަހަރުގެ ދެ ވަނަ ކުއާޓަރުއި ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓާ އާއި ހަމަ އަށް، އެސްޓީއޯގެ ފައިދާވާނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން އަދި ޑިޕްރިސިއޭޝަން ނުހިމަނާ، 2017 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެެވެ. ނަމަވެސް މިދެންނެވުނު ހަރަދުތައް ހިމަނައިގެން ހިންގުމުގެ ހަރަދުތައް ވަނީ 25 މިލިއަން އިތުރުވަފަ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު ތިން އިންސައްތައިގެ އިތުރުވުމެކެވެ. ޕްރޮވިޝަން އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2017 ވަނަ އަަހަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރިސީވަބަލް އިމްޕެއާމަންޓް 27 މިލިއަން ރުފިޔާ އިތުރުވެފައިވުމެވެ.

ޓެކްސް އަށް ކެނޑުމަށް ފަހު އެސްޓީއޯގެ 2017 ވަަނަ އަހަރުގެ ސާފު ފައިދާއަކީ 211 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރު އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ހިއްސާ 55 ރުފިޔާ ބެހުމަށް، އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ.