ވިޔަފާރި

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް އާތިފް

Apr 30, 2018
1

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް، ދުވުންތެރިޔާ އަހުމަދު އާތިފް (އާތި) މިއަދު ހަމަޖައްސައިފި އެވެ.

އެ ކުންފުނިން ބުނީ ބްރޭންޑް އެމްބެސެޑަރަކަށް އާތިފު ހަމަ ޖެއްސުމާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ދިވެހި މުޖުތަމައަށް ބާރުއެޅުމަށް އާތިފްއާ ގުޅިގެން، އެކި ހަރަކާތްތައް ހިންގާނެ ކަމަށެވެ.

"އެންޑިއުރަންސް އެތްލީޓެއްގެ ގޮތުން، އާތިފްގެ ގިނަގުނަ ކާމިޔާބީތަކާއި، ތަފާތު އައު ކަންތައްތައް ކުރުމުގައި ދައްކުވާދޭ ޖޯޝާއި ފޯރި އަޅުގަނޑުމެން ބަލައިގަނެ، އެކަމުން ހިތްވަރު ލިބިގަންނަން. މިގޮތުން، ތަފާތު އެކި ގޮންޖެހުންތައް ތަހައްމަލުކޮށްގެންވެސް، ބުރަ މަސައްކަތާއި އެކު އައު އުސްމިންތަކާއި ހަމައަށް ދިއުމަކީ، އުރީދޫ ބްރޭންޑު ބިނާކޮށްފައިވާ އެއް ބިންގާ. މިގޮތުން، އާތިފް އާއި އެކު މަސައްކަތް ކޮށްގެން، ކޮންމެ މީހެއްގެ އަމިއްލަ ހުވަފެންތަކާއި އުއްމީދުތައް ތެދަކަށް ހެދުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް." އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ އައު ބްރޭންޑް އެމްބެސެޑަރު އަހުމަދު އާތިފް ވިދާޅުވީ އުރީދޫގެ އެމްބެސެޑަރަކަށް ވުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.

"އުރީދޫގެ ބްރޭންޑް އެމްބެސެޑަރ އަކަށްވެ، އެކުންފުންޏާއި އެކު މަސައްކަތް ކުރުމަށް މި ފުރުސަތު ލިބުމަކީ އަޅުގަނޑު ވަރަށް އުފާވި ކަމެއް. ސަބަބަކީ، އައު، އަދި ތަފާތު ކަންތަށް ކުރުމުގައި، އުރީދޫ އަކީ އަބަދުވެސް ވަރަށް ފާހަގަކޮށްލެވޭ ބްރޭންޑެއް. ކިތަންމެ އުނދަގޫހެން ހީވާ ކަމެއްވެސް، ޑިސިޕްލިން އާއި އެކު، އެކަމެއް ކުރާހިތުން ކުރަން ހިތްވަރުކޮށްފިނަމަ، އެކަމެއް ވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި އުރީދޫ އާއި ގުޅިގެން، ދިވެހިންނަށް ކަމުދާފަދަ، ވަރަށް ތަފާތު ޗެލެންޖުތަކާއި ކުރިމަތިލާން ހަމަ ތައްޔާރު،" އާތިފު ވިދާޅުވި އެވެ.

އާތިފްގެ އިތުރުން، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި، ރާއްޖޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ޓީމު ކަމުގައިވާ ނިއުރޭޑިއަންޓް، އަދި ދިވެހިންގެ ލޯބި ހޯދާފައިވާ މިއުޒިކް ބްރޭންޑް ކަމުގައިވާ ހަބޭސް ހިމެނެ އެވެ. ހަމައެހެންމެ، މަޝްހޫރު ފުޓުބޯޅަ ތަރި ކަމަށްވާ ލިއޮނެލް މެސީ އަދި ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ އެއް ޓީމު ކަމުގައިވާ ޕެރިސް ސެއިންޓް ޖަމެއިން އަކީ ވެސް، ބައިނަލްއަޤްވާމީ މައިދާނުގައި އުރީދޫގެ ޕާޓްނަރުންނެވެ.