ހަބަރު

ސިވިލްކޯޓާއި ކްރިމިނަލް ކޯޓުގެ އާ ފަނޑިޔާރުން ހުވާކުރައްވައިފި

ސިވިލްކޯޓަށާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން މިރޭ ހުވާކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލްކޯޓަށް އައްޔަން ކުރި ދެފަނޑިޔާރުންނާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރި ދެފަނޑިޔާރުން ހުވާ ކުރެއްވީ އެކަމަށްޓަކައި ސުޕްރީމްކޯޓުހައި މިރޭ ބޭއްވި ރަސްމިއްުޔާތެއްގައެވެ. އެބޭފުޅުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަބުދުލް ޣަނީ މުހައްމަދެވެ. ފަނޑިޔާރުކަމުގެ ފަތްކޮޅު އެބޭފުޅުންނާ ހަވާލުކޮށްދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.

ސިވިލްކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިރޭ ހުވާކުރެއްވީ ގދ.ފަރެސްމާތޮޑާ މާތޮޑާއަވަށް. މުޝްތަރީގެ، ހާފިޒާ ޢަބްދުއްސައްތާރާއި ގދ. ތިނަދޫ ޒެނިތު، ޙުސައިން ފާއިޒް ރަޝާދެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ހުވާ ކުރެއްވީ ގއ.ވިލިނގިލި ފްރެޝް، ހަސަން ނަޖީބާއި ވ.ފެލިދޫ ވިނަރެސް، އިސްމާއީލް ރަޝީދު އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފު ދައްކަވަމުން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފައިސަލް ވިދާޅުވ މިރޭ ހުވާކުރެއްވި ފަނޑިޔާރުންނަކީ 28 ބޭފުޅަކާ އިންޓަވިއުކޮށްގެން ހޮވާފައިވާ ތައުލީމާއި ގާބިލުކަމުގެ ގޮތުންް އެންމެ ރަނގަޅު ހަތަރު ބޭފުޅުން ކަމަށެވެ.

ހުވާކުރެއްވި ފަނޑިޔާރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ދައްކަމުންދާ ވާހައަކީ ޖުޑިޝަރީ އިސްލާހުކުރަން ޖެހޭ ވާހަކަ ކަމަށެވެ. ޖުޑިޝަރީ އިސްލާހުކުރުމަށްޓަކައި ޖޭއެސްސީން ކުރަމުން އަންނަ ކަމަކީ ގާބިލު ފަނޑިޔާރުން ކޯޓުތަކަށް ހަމަ ޖެއްސުން ކަަމަށެވެ.

" އަބަދުވެސް މުޖުތަމައުން މިދައްކާ ވާހަކަޔަކީ ޖުޑިޝަރީ ރަނގަޅު ކުރަން ޖެހެޔޭ، ޖުޑިޝަރީ އިސްލާހުކުރަން ޖެހެޔޭ. ހަރުދަނާކުރަން ޖެހެޔޭ. މިކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް މިކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ފަނޑިޔާރުކަމަށް އެކަށޭނަ އިލްމީ ގާބިލު ފަނޑިޔާރުން މަގާމުތަކަށް އައްޔަން ކުރުން،" އޭނާ ވިދާޅުވިއެވެ.