މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަތައް ކަށަވަރުކޮށް، ށ. ފޯކައިދޫ އާއި އާއި ފ. ނިލަންދޫ ދިވެހި ޕްރިމިއާ ލީގުން ޖަގަ ހޯދައިފި އެވެ.
މިއަދު ކުޅުނު މެޗުތައް ކާމިޔާބު ކޮށް، އެ ދެ ޓީމު ވަނީ އެ ދެ ޓީމު ހިމެނޭ ގުރޫޕްގެ އެއް ވަނަ މަގާމު ޔަގީން ކޮށްފަ އެވެ. މުބާރާތުގެ ފައިނަލު ރައުންޑުގެ ކުރިއަށް ދަނީ އެ ރަށުގަ އެވެ.
ފޯކައިދޫގައި ކުރިއަށްދާ ގުރޫޕް އެކެއްގެ އެއް ވަނަ މަގާމު އެ ޓީމުން ޔަގީން ކުރީ މިއަދު ހއ. މުރައިދޫ އާ ދެކޮޅަށް ކުޅުނު މެޗު 3-2 ކާމިޔާބު ކޮށްގެންނެވެ.
ނިލަދޫގައި ކުރިއަށްދާ ގުރޫޕް ދޭއްގެ އެއް ވަނަ މަގާމު އެ ޓީމުން ހޯދީ މިއަދު ގދ. ހޯޑެއްދޫއާ ދެކޮޅަށް ކުޅުނު މެޗު 8-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.
ފޯކައިދޫ އާއި މުރައިދޫ ކުޅުނު މެޗުގައި، ފޯކައިދުއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ، މުހައްމަދު ނަދީމް، ހުސައިން ސޮބާހް، މުހައްމަދު ފާރިޝް އިބްރާހިމް އެވެ. މުރައިދޫ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އަބްދުﷲ އިކްވާން އެވެ.
ފޯކައިދޫ ވަނީ 10 ޕޮއިންޓް ހޯދާފަ އެވެ. އެއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު މޮޅުވެ އެއް މެޗު އެއް ވަރުކޮށްގެންނެވެ. އެ ގުރޫޕްގެ ދެ ވަނަ ހޯދައިގެން ފައިނަލަށް ދިއުމުގެ ފުރުސަތު ބ. ފެހެންދޫ އާއި މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރި އއ. މާޅޮހަށްވެސް އެބައޮތެވެ. ދެ ވަނަ މާގަމޫ ހޯދަން ފެހެންދޫއަށް ޖެހޭނީ މާދަމާ އދ. ފެންފުއްޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާށެވެ.
ހޯޑެއްދޫ އާ ދެކޮޅަށް ކުޅުނު ނިލަންދޫ ޓީމުގެ ހުސައިން އިބްރާހިމް ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އަދި އެޓީމުގެ އާދިލް އަލީ ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރި އަބްދުލް ބާސިތު އާއި ފްރެޑްއާ އޮބެޔޭމެންގް އެވެ. ބާސިތު ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ހޯޑެއްދޫ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މުހައްމަދު ޒައިދު އެވެ.
އެ ގުރޫޕުން ޖާގަ ލިބޭނެ ދެ ވަނަ ޓީމެއް ކަށަވަރު ވާނީ މާދާމާ ހަވީރު ސ. ހިތަދޫ އާއި 2016 ވަނަ އަހަރުގެ ރަނަރަފު ތ. ތިމަރަފުށި ބައްދަލު ކުރާ މެޗުންނެވެ. މެޗު އެއްވަރުކޮށްލައިގެން ތިމަރަފުއްޓަށް ޕްރިމިއާ ލީގް ޖާގަ ލިބޭނެ އެވެ. ހިތަދުއަށް ފުރުސަތު ލިބޭނީ މެޗުން މޮޅުވެގެންނެވެ.
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި 10 ޓީމު ވާދަ ކުރާނެ އެވެ. އެއީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ އިތުރުން މާލޭ ލީގްގެ ގަދަ ހަ ޓީމެވެ.