ކުޅިވަރު

ބަޔާން މެޗުގައި ކަނާތުބެކަށް ރޮނާލްޑޯވެސް ކުޅެފާނެ

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި މިރޭ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗުގައި، އަނިޔާގައި ހުރި ޑެނީ ކަރަވަހާލްގެ ބަދަލުގައި ކަނާތު ބެކަށް ކްރިސްޓިއާނޯ ރޮނާލްޑޯވެސް ކުޅެފާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ބާޔާން އާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި، ކަރަވާހާލްއަށް އަނިޔާވުމުން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. އެ މެޗުގެ ފަހު ކޮޅުގައި ކަނާތު ބެކަށް ކުޅުނީ ލޫކަސް ވަޒްކްއޭޒް އެވެ. އޭނާ ވަނީ އެ ވަގުތު ކަނާތު ބެކުގައިވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެހެންވެ ބަޔާން އާ ދެކޮޅަށް މިރޭ އަމިއްލަ ދަނޑުގައި ރެއާލް ކުޅޭ މެޗުގައި ވަޒްކްއޭޒް ކަނާތު ބެކަށް ކުޅޭނެ ކަމަށް ދެކެވޭ ވާހަކަ އާ ގުޅިގެން ޒިދާން ބުނީ ރޮނާލްޑޯވެސް ކަނާތު ބެކަށް ކުޅެދާނެ ކަމަށެވެ.

ޒިދާން ބުނީ ރޮނާލްޑޯ ހުރީ ޓީމަށް ޓަކައި ގުރުބާން ވެގެން އެއް މެޗުގައި ކަނާތު ބެކަށް ކުޅެން ތައްޔާރަށް ކަމަށެވެ.

"މީހުން ކްރިސްޓިއާނޯ [ރޮނާލްޑޯ] އަށް ތައުރީފު ކުރާ ކަންކަމަށް ވުރެ އިތުރަށް އޭނާގެ ކިބައިގައި ޓެކްޓިކަލް އެހެން ދާއިރާތަކުންވެސް ގާބިލުކަން އެބަހުރި، އަދި އޭނާ ހުރީ އޭނާ ގުރުބާންވެގެންވެސް ޓީމަށްޓަކައި އެއް މެޗުގައި ކަނާތު ބެކަށް ކުޅެ ގޮތަށް،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ ބަޔާން އާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގައި ރޮނާލްޑޯ ލަނޑުޖަހަން ފަހި ވާގޮތަށް ގޭމް ނުރާވާ ކަމަށާއި ދެ ވަނަ ލެގް މެޗުގައިވެސް ރޮނާލްޑޯގެ ލަނޑެއް ނުފެނިވެސް ފައިނަލަށް ދެވޭނެ ގޮތަށް ރާވާނެ ކަމަށެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައިވެސް ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް ފަހަތައް ފައިބައިގެން ކުޅެފަ އެވެ. އޭނާ ވަނީ އެމެޗުގައި ބަޔާންއިން ފޮނުވާލި ހަމަލާއެއް ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއު ކޮށްފަ އެވެ.

"ޔުވެންޓަސްއާ ދެކޮޅަށް އަހަރެމެންނަށް ދިމާވި އެންމެ ބޮޑު މައްސަލައކީ އެ ޓީމުން ނަގާ ހުރަސްތައް ނުރައްކާވުން [މާރިއޯ] މަންޒޫކިޗް އިސް ކޮޅުން ދިގުވުމުން ވަރަށް ރަނގަޅަށް އޭގެ ބޭނުން ހިފި، ޑެނީ ކަރަވަހާލްގެ އިސްކޮޅުން ކުރުވުމުން އޭގެ ފައިދާ އެ ނެގީ، އަހަރެމެން ބޭނުމެއް ނޫން [ރޮބަޓް] ލެވަންޑޮސްކީއަށް އެ ފުރުސަތު ދޭކަށް، ކްރިސްޓިއާނޯގެ އިސްކޮޅުވެސް އެބަހުރި އެހެންވީމަ އެ އެޑްވާންޓޭޖުވެސް އޮތީމަ އަހަންނަށް އޮތް ފުރުސަތެއް އޭނާ ކަނާތު ބެކަށް ބޭނުން ކުރުން."

ޒިދާން ބުނީ ރޮނާލްޑޯ ކަނާތު ބެކަށް ކުޅުވުމުން، ބަޔާންގެ ވިންގާ ފްރޭންކް ރިބެރީއަށްވެސް ސައިކޮލޮޖިކަލް އުނދަގުލެއްވެސް ކުރިމަތިވާނެ ކަމަށެވެ.