ހޮލީވުޑް

ބޮކްސް އޮފީހުގައި އެވެންޖާސް: އިންފިނިޓީ ވޯއަށް ބޮޑު ރެކޯޑެއް

މާވެލް ސްޓޫޑިއޯސް އިން މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ"ގެ ފޯރި ރާއްޖޭގައިވެސް ގަދަ އެވެ. ރާއްޖޭގައި ފިލްމު ޕްރިމިއާކުރުމަށް ވަރަށް ހާއްސަ ހަރާކާތްތަކެއް ޝުވެކް ސިނަމާގައި ކުރިއަށް ގެންދިޔަ އެވެ. މި ފިލްމުގެ ޝޯތަކުގެ ޓިކެޓަށް އޮތް ޑިމާންޑުވެސް ވަރަށް ބޮޑެވެ. ގިނަ ޝޯތައް ހައުސްފުލްވެފައިވާއިރު، ބައެއް މީހުން ޓިކެޓް ނުލިބިގެން ޝަކުވާވެސްކުރެ އެެވެ.

މި ފިލްމު މިހާރު ވަނީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ބޮޑު ރެކޯޑެއް މުގުރާލާފަ އެވެ. ޖުމްލަ 250 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އޯޕެނިންގެއް ލިބުނީ މި ފިލްމަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ "ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް" އަތުގަ އެވެ. އެއީ 2015 ވަނަ އަހަރު 248 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން މި ފިލްމަށް މިހާރު ވަނީ 382 މިލިއަނަށްވުރެ ބޮޑު އަމްދަނީއެއް ލިބިފަ އެވެ. ޖުމްލަ އާމްދަނީގެ ގޮތުގައި މިހާރު 640 މިލިއަނަށްވުރު ގިނަ ޑޮލަރު ލިބިއްޖެ އެވެ. މިވެސް މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެ ފިލްމުން ގާއިމްކުރި ބޮޑު ރެކޯޑެކެވެ. ކްރިޓިކުންނާއި އާންމުންގެ ގިނަ ތައުރީފުތައްވެސް މި ފިލްމަށް އަންނަނީ ލިބެމުންނެވެ.

މި ފިލްމަކީ މާވެލް އިން މިހާތަނަށް ގެނެސްދިން ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އޯޕެނިންގެއް ލިބުނު ފިލްމެވެ. މިހާތަނަށް އެންމެ ބޮޑު އޯޕެންގެއް ހޯދި މާވެލްގެ ފިލްމަކަށް އޮތީ އެވެންޖާސް ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމެވެ. އެއީ 204 މިލިއަން ޑޮަލަރުގެ އާމްދަނީއަކާއެކު އެވެ. ދެ ވަނަ ފިލްމު "އެވެންޖާސް: އޭޖް އޮފް އަލްޓްރޯން" އަށް އޯޕެނިންގައި ލިބުނީ 191 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

އިންފިނިޓީ ވޯ ތައްޔާރުކޮށްފައި ވަނީ 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރާއި ދެމެދުގެ ބަޖެޓަކުންނެވެ. މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 623 މިލިއަން ޑޮލަރު ލިބުނުއިރު، ދެ ވަނަ ފިލްމަށް ލިބުނީ 459 މިިލިއަން ޑޮލަރެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި މި ފިލްމަށް ލިބޭނެ ޖުމްލަ އާމްދަނީ އުޅޭނީ މި ފިލްމު ސީރީޒްގެ ކުރީގެ ފިލްމުތަކާއި އަޅާ ނުކިޔޭހައި މަތީގަ އެވެ.

"އެވެންޖާސް: އިންފިނިޓީ ވޯ" ގެ ޓްރެއިލާ.

"އެވެންޖާސް: އިންފިނިޓީ ވޯ" އަކީ މާވެލްގެ ފުރަތަމަ ފިލްމު ނިކުތްތާ 10 އަހަރު ފަހުން، އެ 10 އަހަރު ތެރޭގައި މާވެލް ސިނެމަޓިކް ޔުނިވާސް އިން ފައްކާކުރި މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދިން ފިލްމެކެވެ. މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު "އަޔަން މޭން" ނިކުތް ހިސާބުން ފެށިގެން ވެސް ޕްލޭން ކުރެވެމުން އައިސްފައިވާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އިން މިހާތަށް ގެނެސްދިން އެންމެ ބޮޑު ފިލްމެވެ.

ޖޯއީ އަދި އެންތޮނީ ރުއްސޯ ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރީ ކްރިސްޓޮފާ މާކަސް އަދި ސްޓީފެން މެކްފްލީ އެވެ. "އިންފިނިޓީ ވޯ" ފެށެނީ "ކެޕްޓެން އެމެރިކާ: ސިވިލް ވޯ" ކުރިއަށްދިޔަތާއި ދެ އަހަރު ފަހުންނެވެ. މި ފިލްމުގައި އެވެންޖާސްގެ ހުރިހާ ސުޕަހީރޯތަކެއް އެ އެންމެންގެ ދުޝްމަނު ތޭނޯސް (ޖޯޝް ބްރޯލިން) އާއި ދެކޮޅަށް ހަނގުރާމަކުރެ އެވެ.

މި ފިލްމުގައި ފެނިގެންދާ މާވެލް ސިިނަމެޓިކް ޔުނިވާސްގެ ސުޕަހީރޯ ކެރެކްޓާސްތަކުގެ ތެރޭގައި ސްޕައިޑާ މޭން، ތޯރް، ހަލްކް، އަޔަން މޭން، ކެޕްޓަން އެމެރިކާ، ބްލެކް ޕެންތާ، ބްލެކް ވިޑޯ، ބަކީ އަދި އޮކޮއޭ އާއި އިތުރު ކެރެކްޓާސްތައް ހިމެނެ އެވެ.

މި ކެރެކްޓާސްތަކުގެ ރޯލުންވެސް ފެނިގެންދަނީ ހަމަ މާވެލްގެ ފިލްމުތަކުގައި އެ ކެރެކްޓާސް ކުޅެފައިވާ އެކްޓަރުންނެވެ. އޭގެ ތެރޭގައި ކްރިސް އީވާން، ކްރިސް ޕްރެޓް، ޗެޑްވިކް ބޯސްމަން، ސްކާލެޓް ޖޮނަސަން، ކްރިސް ހެމްސްވޯތް އަދި ޓޮމް ހޮލެންޑާއި އިތުރު ތަރިންވެސް ހިމެނެ އެވެ.