ކާނާ

ބިރިޔާނީ އީރާނުން އިންޑިއާއަށް ކުރި ދަތުރު!

ބިރިޔާނީއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ކާނާއެކެވެ. ހޮޓާއާއި ރެސްޓޯރެންޓު އަދި ގޭގޭގައިވެސް ތައްޔާރުކޮށްގެން ގިނަ ބަޔަކު ކައި އުޅެ އެވެ. ބިރިޔާނީ ދިވެހިންގެ ތެރެއަށް ތައާރަފުވިކަމަށް ބެލެވެނީ އިންޑިއާ އިންނެވެ. ގިނަ ދިވެހިން ގަބޫލުކުރަނީ ބިރިޔާނީއަކީ އިންޑިއާގެ ކެއުމެއް ކަމަށެވެ. އެކަމަކު މި ހީކުރުން މިއީ ދޮގަކަށް ވެއްޖެނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ.

ބިރިޔާނީގެ މަގުބޫލުކަން މިއަދު އިންޑިއާގައި އިންތިހާއަށް އިތުރުވެފައިވާއިރު، ހިތުގައި އުފެދޭ ސުވާލެއް އެބަ އޮތެވެ. ބިރިޔާނީ އަސްލު އިންޑިއާއަށް އައީ ކިހިނަކުން އަދި ކޮންއިރަކު ހެއްޔެވެ؟

ހޮޓާ ރެސްޓޯރެންޓުތަކުގައި ކެއުމަށްވުރެ ބިރިޔާނީއަކީ އިންޑިއާގައި މީހުން ސްޓްރީޓް ފުޑް ނުވަތަ މަގުމަތީ ކާނާއެއްގެ ގޮތުގައި އާންމުކޮށް ކައި އުޅޭ އެއްޗެކެވެ.

ބިރިޔާނީގެ މަގުބޫލުކަން މިއަދު އިންޑިއާގައި އިންތިހާއަށް އިތުރުވެފައިވާއިރު، ހިތުގައި އުފެދޭ ސުވާލެއް އެބަ އޮތެވެ. ބިރިޔާނީ އަސްލު އިންޑިއާއަށް އައީ ކިހިނަކުން އަދި ކޮންއިރަކު ހެއްޔެވެ؟

ބައެއް ދިރާސާކުރާ މީހުން ބުނަނީ ބިރިޔާނީއަކީ އިންޑިއާ މީހުން އުފެއްދި އެއްޗެއް ކަމަށެވެ. އެ މީހުން ގަބޫލުކުރަނީ އިންޑިއާ މީހުން ބިރިޔާނީ ހެދީ މެދު އިރުމަތީ ގައުމުތަކުގައި މަޝްހޫރު ކާނާއެއް ކަަމަށްވާ "ޕިލާފް" (ފްރައިޑް ރައިސް ގޮތަށް ކައްކާފައި ހުންނަ ބަތްގަނޑެއް) ހަދާގޮތް ބަލައިގެން އެމީހުންގެ އަމިއްލަ ރެސިޕީއަކަށް ކަމަށެވެ. ބިރިޔާނީ އަކީ މެދު އިރުމަތީ ގައުމުތައް، ހާއްސަކޮށް މުސްލިމު ގައުމުތަކުގައި ވަރަށް މަޝްހޫރު ކާނެ އެކެެވެ.

މި ބުނުމާއި މުޅިން ހިލާފު ވިސްނުމެއް ގެންގުޅޭ ދިރާސާކުރާ ފަރާތްތައްވެސް އެބަ އުޅެ އެވެ. އެމީހުން ދެކޭގޮތުގައި ބިރިޔާނީ ފުރަތަމަ ތައާރަފުވީ އީރާނުންނެވެ. އެއީ "ބިރިޔާނީ" މި ބަހުގެ އަސްލު އަޑުތައް ނިސްބަތްވަނީ އީރާން ހިސާބުގައި މީހުން ވާހަކަދައްކާ އުޅޭ ބަހެއް ކަމަށްވާ ޕާޝިއަންގެ އަޑުތަކަށް ވުމުންނެވެ. ޕާޝިއަން ބަހުން މި ބަހުގެ މާނައަކީ "ފްރައިޑް ރައިސް" އެވެ.

އިރާނުގައި މި ބުނާ ބިރިޔާނީ ތައްޔާރުކުރަނީ މަށިން ހަދާފައި ހުންނަ ބޮޑު ތެއްޔެއް (ޑެގް) ގައި ހޫނު ދުން އަރުވައިގެންނެވެ. ރާއްޖޭގައި މީހުން ދަރުއުނދުނުން ކައްކާ އުސޫލުންނެވެ.

އިންޑިއާގައި މުސްލިމުން ކައި އުޅޭ ކާނާ ތައްޔާރުކުރުމަށް މަޝްހޫރު ޝެފެއް ކަމަށްވާ، ސަލްމާ ހުސެން ބުނީ އިންޑިއާގެ މަގުމަތިން ލިބެން ހުންނަ ބިރިޔާނީ އާއި އިރާންގެ ބިރިޔާނީ އާއި މިހާރު ވަރަށް ބޮޑުތައް ތަފާތު ކަމަށެވެ. އިރާނުގެ ބިރިޔާނީގައި މިހާރު ބަތް ނުހުންނަ ކަމަށާއި އޭގައި މިހާރު ހުންނަނީ ކޮންމެ ވައްތަރެއް މަހެއް، ކުކުޅު ނޫނީ ގެރި މަސް ރަނގަޅަށް ކެއްކުމަށްފަހު ވަރަށް ތުނިކޮށް ހުންނަ ރޮއްޓެއްގައި އޮޅާފައި ކަމަށް އޭނާ ބުންޏެވެ.

އިންޑިއާއަށް ބިރިޔާނީ އައީ އެ ގައުމުގައި ކުރިން ވެރިކަން ކުރި މުސްލިމު ދަރިކޮޅެއް ކަމަށްވާ މޮގުލްސްގެ ފަރާތުން ކަމަށްވެސް ބުނެވެ އެވެ. ނަަމަވެސް މިއީ ސީދާ ދެތު މައުލޫމާތެއް ކަަމެއް އިނގޭކަށް ނެތެވެ. ބައެއް މީހުން ދެކެނީ އިންޑިއާއަށް ބިރިޔާނީ އާއި މެދެ އިރުމަތީ ގައުމުތަކަށް އޭރު އިންޑިއާ މީހުން ދަތުރުކޮށް އުޅުމުގެ ސަބަބުންނެވެ.

ބިރިޔާނީގެ މަގުބޫލުކަން ބޮޑުވެ މިހާރު ތަފާތު ގިނަ ވައްތަރުތަކުގެ ބިރިޔާނީ ލިބެންހުރެ އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އިންޑިއާގެ ބިރިޔާނީގެ ވައްތަރުތަކުގެ ތެރޭގައި ކެރެލާގެ މަލާބާރް ބިރިޔާނީ ހިމެނެ އެވެ. ހޭދަރްބާދްގެ ބިރިޔާނީއާއި ހިލާފަށް މި ބިރިޔާނީގައި ކަނޑުމަހާއި އެކި ބާވަތުގެ ސީފުޑް ބޭނުންކުރެ އެވެ. މީގެ އިތުރުން ކުޅި ރަހަށްވެސް ހޭދަރްބާދް ބިރިޔާނީއަށްވުރެ ގަދަ އެވެ. އިންޑިއާގެ ކަޝްމީރުގެ ޖައްމޫގައި އިންނަ ރަށެއް ކަމަށްވާ ބޮހިރީގެ ބިރިޔާނީއަކީވެސް މަޝްހޫރު ބިރިޔާނީއެކެވެ.

ވެސްޓް ބެންގާލްގެ ޑަކާއީ ބިރިޔާނީއަކީވެސް ވަރަށް މަޝްހޫރު ބިރިޔާނީއެކެވެ. މި ބިރިޔާނީ އެންމެ އާންމުކޮށް ލިބެން ހުންނަނީ ބަންގުލަދޭޝްގެ ވެރިރަށް ޑާކާ އިންނެވެ. ބަންގުލަދޭޝްއަކީވެސް އެއްއިރެއްގައި މުގަލްސްގެ ބާރުގެ ދަށު އޮތް ގައުމެކެވެ. އެހެންކަމުން ބިރިޔާނީ މި ހިސާބަށް އައީ މުގަލްސްގެ ފަރާތުންކަމަށް ދެކޭ މީހުން އުޅެ އެވެ.

އިންޑިއާގެ ބޯޕާލްގައި ތައްޔާރުކުރާ ބިރިޔާނީއަކީވެސް ގިނަ ބަޔަކަށް މީރު ބިރިޔާނީއެކެވެ. ބޯޕާލްއަކީ ކުރީގައި އަފްގާނީސްތާނުގެ ރަސްކަލަކު ވެރިކަންކުރި ތަނެކެވެ. އުއްތުރަ ޕްރަދޭޝްގެ މޮރަޑަބަޑި ބިރިޔާނީވެސް މަގުބޫލުއިރު މި ބިރިޔާނީ މިހާރު ދިއްލީންވެސް ލިބެންހުރެ އެވެ.

ރާޖަސްތާނުގައި ތައްޔާރުކުރާ ބިރިޔާނީ އާއި އީރާނުގެ ބިރިޔާނީއާއި އެއްގޮތް ކަމެއް ހުރެ އެވެ. އެ އެމީހުންވެސް ބިރިޔާނީ ކައްކަނީ އިރާނުގެ މީހުން ބިރިޔާނީ ކައްކާ ގޮތައް ޑެގު (މަށިން ތައްޔާރުކޮށްފައި ހުންނަ ތެއްޔެއް) ގަ އެވެ. އެމީހުން ބިރިޔާނީ ތައްޔާރުކުރަނީ ސޫފީން އަޅުކަން ކުރަންދާ ގާރިބް ނަވާޒް ކީ ދަރްގާ ނުވަތަ މަޝްހޫރު ނަމުންނަމަ އަޖްމަރް ޝަރީފް ސޫފީ ޒިޔާރަތް ހިމެނޭ ސަރަހައްދުގަ އެވެ.

ބިރިޔާނީ އަސްލުއައީ ސީދާ ކޮން ގައުމަކުންތޯ ކުރާ ބަހުސް ދެކޮޅުޖެހޭނެ އެއްވެސް ގޮތެއް ނެތެވެ. އެއީ ގިނަ ގައުމުތަކެއްގައި ބިރިޔާނީ ކައި އުޅުމާއި އަދި ބިރިޔާނީ އެންމެ ފުރަތަމަ އުފެއްދީ ކޮން ބައެއްކަން ތާރީހުން ސީދާ އެގެން ނެތީމަ އެވެ. އެކަމަކު ބިރިޔާނީ ތައާރަފުވި ގައުމާއި އެންމެ ގާތީ އިންޑިއާ އަދި އީރާނުންކަން ތާރީހު ދިރާސާކުރާ މީހުން އެއްބަސްވެ އެވެ.