ކުޅިވަރު

ނަތީޖާގައި ރެފްރީގެ ދައުރެއް އޮވެގެން ނުވާނެ: ހޭންކެސް

މެޗުގެ ނަތީޖާ ނެރުމުގައި އޮންނަން ޖެހޭނީ ކުޅުންތެރިންގެ ދައުރު ކަމަށާއި ރެފްރީގެ ދައުރެއް އޮވެގެން ނުވާނެ ކަމަށް، މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަ ބަޔާން މިޔުނިކްގެ ކޯޗް ޔުޕް ހޭންކެސް ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލު ބަޔާން އާއި ރެއާލް ކުޅޭ، ދެ ވަނަ ލެގް މެޗު އޮންނާނީ ރެއާލްގެ ސެންތިއާގޯ ބެރުނަބޭ ސްޓޭޑިއަމްގަ އެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި، ރެއާލުން ވަނީ އޮފްސައިޑް ދެ ގޯލް ޖާހަފަ އެވެ. ނަމަވެސް ރެފްރީ ވަނީ އެ ދެ ގޯލްވެސް ލަނޑެއް ކަމަށް ބަލައިގެންފަ އެވެ.

ހޭންކެސް އެ ވާހަކަ ދެއްކީ އެކަމަށް އިޝާރާތް ކޮށެވެ.

"ރެފްރީގެ ނިންމުން ބިނާ ކުރަން ޖެހޭނީ ހަގީގަތުގެ މައްޗަށް، އަހަރެން އުންމީދު ކުރަނީ މެޗުގެ ނަތީޖާ ނެރުމުގައި އޮންނާނީ ކުޅުންތެރިންގެ ދައުރު ކަމަށް،" މިރޭ ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ހޭންކެސް ބުންޏެވެ.

ހޭންކެސް ބުނީ ރެއާލް މެޑްރިޑް އަތުން ކިތަންމެ ވަރަކަށް ބަލި ވެފައި ވީނަމަވެސް އޭނާ ކަންބޮޑު ނުވާ ކަމަށާއި މިރޭގެ މެޗުގައި އެކަމުގެ އަސަރެއް ނުކުރާނެ ކަމަށެވެ.

"މެޗުގެ މާހައުލަކީ ވަރަށް ޕްރެޝާ ބޮޑު މާހައުލެއް، ނަމަވެސް އަހަރެންގެ ކުޅުންތެރިންނަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް، އަހަރެމެން ބޭނުވީ ފައިނަލަށް ދާން، އަހަރެމެންނަށް އުސްމިންތަކަށް ދެވޭނެ،" ޖަރުމަންގެ ކޯޗް ބުންޏެވެ. "ފުރަތަމަ ލެގަށް ވުރެ މާ ރަނގަޅަށް އަހަރެމެން ކުޅެން ޖެހޭނެ."

ފުރަތަމަ ލެގް މެޗުގައިވެސް ގިނަ ހަމަލާތައް ތަނަވަސް ކުރީވެސް ބަޔާން މިޔުނިކުންނެވެ. ހޭންކެސް ބުނީ ފުރަތަމަ ލެގް މެޗުގައި ރެއާލް އަށް ލިބުނީ ތިން ފުރުސަތު ކަމަށާއ އޭގެ ތެރެއިން ދެ ފަހަރު ލަނޑު ޖެހި ކަމަށެވެ.