(29 އޭޕްރީލް 2018 އާ ގުޅޭ) އަވަސްއަވަހަށް ފޯނުގެ އިސްކުރީނުގައި އިނގިލި ޖައްސާލުމާއެކު ފޮޓޯ ބަދަލުވެއްޖެއެވެ. އެއާއެކު ފޯނު ލޮކުނުވެކަން އެ އޮތީ އެނގުމުން އެ ފުރުޞަތުގެ ބޭނުން ހިފަން އޭނާ ބޭނުންވިއެވެ. އެހެންވިޔަސް ފޯނު ހިފައިގެން އެ ކޮޓަރިން ނުކުތުމުގެ ކުރީން ނިމްރާގެ ގައިމަތީ އޮތް ރަޖާ ރަނގަޅުކޮއްލިއެވެ. އަދި ސިއްރުން އެ ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ.
ހަށިގަނޑަށް ލިބުނު ލޮޑުކަމުގައި ނިދުނު ނިމްރާގެ އެސްފިޔަތައް ތަޅުވާލަމުން ލަސްގޮތަކަށް ލޯ ހުޅުވާލިއެވެ. ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ވާރޭ ވެހޭ އަޑެއެވެ. ހަރަކާތެއްނުކޮށް އިރުކޮޅެއް ވަންދެން ނިމްރާ އޮތެވެ. އެނދުގައި އޮވެވުނު ގޮތުން ނަޒަރު ހުއްޓިފައި ހުރީ ކޮޓަރީގެ ދޮރާ ކުރިމަތިވާ ގޮތަށް ހުރި ފާރަށެވެ. އޭސީގެ ފިނި އެހެންޏާ ހުންނަ ވަރަށްވުރެ ގަދަވެފައި ހުރިހެން ހީވެއެވެ. މީހާ ހަރަކާތެއްނުކޮށް އޮތެއްކަމަކު ނިމްރާގެ ލޯ ހުޅުވުނު ވަގުތުން ފެށިގެން އޭނާގެ ސިކުނޑި ދިޔައީ މަސައްކަތް ކުރަމުންނެވެ.
"އަރްސަލް..." ހިތުން އެ ނަން ކިޔާލެވުނެވެ. އެއާއެކު އިރުއޮއްސެން އުޅެނިކޮށް ހިނގައިދިޔަ ހުރިހާ ކަމަކީ ނިމްރާއަށް ފެނުނު ނުބައި ހުވަފެނެއްނޫންކަން އޭނާގެ ހިތާއި ސިކުނޑި އެއްބަސްވިއެވެ. ޤަބޫލުކުރަން ދަތިވި ނަމަވެސް އަރްސަލްގެ ފަރާތުން ފެނިގެން ދިޔަ ގާތްކަން މާނަކުރާނޭ ގޮތެއް ނިމްރާއަކަށް ނޭނގުނެވެ. ހިތް ބުނީ އަރްސަލް ހަޤީޤަތް ޤަބޫލުކުރަނީއެވެ. ނަމަވެސް ސިކުނޑި އަޑުލައިގަތީ އަރްސަލްއަށް އިތުބާރު ނުކުރުމަށެވެ. އޭނާ ހުރިހާ ގޮތަކުން ބަދަލު ހިފާނޭކަމެވެ. މަރުވެފައި އިންސާނަކު ދިރުވުމުގެ ބާރު ލިބިގެން ނުވާއިރު އަރްސަލްގެ ބަދަލު ހިފުމަކީ އެކަމުގައި ނިމްރާގެ މުޅި އުމުރު ހޭދަ ކުރަން ޖެހިދާނޭ ފަދަ އުގޫބާތަކަށް ވެދާނޭ ކަމެވެ. އެހެންވިޔަސް ޟަމީރު ވިސްނައިދިނީ ހެޔޮ ގޮތެވެ. އަރްސަލްގެ ބީހުންތަކުގައިވި އޯގާތެރިކަން އިހުސާސްވިކަން ސިކުނޑި ވެސް ހިތާ އެއްބަސްވިއެވެ. އަރްސަލް ދުވަހަކު ވެސް ނިމްރާއަށް މަޢާފުކޮއްފާނޭކަމާމެދު ނިމްރާގެ ޟަމީރު ސުވާލު އުފެއްދިއެވެ. އެހިނދު ހިތާއި ސިކުނޑި ވެސް އެ ސުވާލަށް ދިނީ ހިމޭންކަމެވެ. ކަންކަމާ އެހާ ފަސޭހައިން ބިރުގަތުމަކީ ނިމްރާގެ ގޮތެއްނޫނެވެ. ނަމަވެސް އޭނާގެ ހަޔާތުން ނުފިލާނޭވަރުގެ ބިރުވެރިކަމެއްވަނީ ނިމްރާގެ މުޅި ނަފްސު ޙިޞާރުކޮއްފައެވެ. ޚިޔާލުތަކުގެ ތެރޭގައި އޮޅުންބޮޅުންވެ ނުތަނަވަސްކަން ވަށާލި ހިނދު ނިމްރާއަށް ދެ ލޯ މަރާލެވުނެވެ. އެއާއެކު ހަށިފުރާ ލީ ނޭވާ ބޭރުވެގެން ދިޔައީ ހިކިފައިވި ދެތުންފަތް ދޭތެރެއިންނެވެ. މަޑުމަޑުން އޮތްގޮތް ބަދަލުކޮށްލުމުގެ ތެރޭ ބޯ ހިއްލާލަން އުޅުމުން ނިތްކުރީގައި ހުރި ރިހުން އިހުސާސް ކުރެވުނެވެ. އަރުތެރެއިން ނުކުތް ކުސްތަޅާލުމުގެ އަޑާއެކު ނިތްކުރީގައި ނިމްރާ ފިރުމާލިއެވެ. ގަޑިން ވީއިރެއް ބަލަން ބޭނުންވީ ދެނެވެ. ނިދާލުމުން ލިބެނޭކަމަށް ހީކުރި ހަމަޖެހުމާއި އަރާމުކަމެއް އޭނާއަށް ނުލިބުނެވެ. ގައިމަތިން ރަޖާ ދުރަށް ޖައްސާލާފައި އެނދުމަތި ހޯދަން ފެށިއެވެ. ފޯނު އަތުގައި ނުޖެހުމުން ކަންބޮޑުވާގޮތްވިއެވެ. ހާސްކަމާއެކު ތެދުވެވުނު ގޮތަށް އެނދުމަތި ބަލަން އުޅުނު ވަގުތު އަރިމަތީ މޭޒުގެ މަތީގައި އޮތް ފޯނު ލޮލުގައި އަޅައިގަނެއްޖެއެވެ.
ފަތިހު ހަތަރެއް ޖެހިއެއްކަމަކު ނިމްރާ ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. ކޫސަނި ރިހުންތައް ހަށިގަނޑުން ނެތިގެންދާން ބޭނުންވެފައި ހުރުމުގެ ސަބަބުންނެވެ. އޭރު ބަނޑުހައިވެގެން ބަނޑުން އަޑުކިޔަން ފަށައިފިއެވެ. ކޮޓަރިން ނުކުމެ ބަދިގެއަށް އައިއިރު އެތަނަށް އޮތީ އަނދިރިކަން ވެރިވެފައެވެ. ބޮކި ދިއްލާލުމާއެކު އައިސްއަލަމާރި ކައިރިއަށް އައިސް ދޮރުފަތް ހުޅުވާލިއެވެ. ޕްލާސްޓިކު ކޮންޓެއިނަރެއްގައި ފުރުޓު ސެލެޓު ހުއްޓެވެ. ނަމަވެސް އެވަގުތަށް ފިނި އެއްޗެއް ކާން ނިމްރާ ބޭނުމެއްނޫނެވެ. އެހެންވެ ސައިތަށްޓެއް ހަދާލުމާއެކު ދެ ޕާންފޮތި ޓޯސްޓުކޮއްލާ ޕީނަޓުބަޓާއާ ޖަހައިން ކާމޭޒު ދޮށުގައި ކާން އިށީނެވެ.
ކޮޓަރިން ނުކުމެގެން އައި އަރްސަލްއަށް ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަތަން ފެނުނީ ނިމްރާ އެކަންޏެވެ. އޭނާގެ ނަޒަރު ނިމްރާއަށް ހުއްޓުނެވެ. އަތުގައި އޮތް ބްލޭޒާ އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގެ ލެނގޭބައިގައި ރީތިކޮށް ބާއްވާފައި އަރްސަލް އައިސް އިށީނީ ކައުންޓަރު ކައިރީ ހުރި ސްޓޫލްގައެވެ. އޭރު ކައުންޓަރު މަތީ މަތިޖަހާފައި ހުރި ތަށިތައް ހުއްޓެވެ. ނިމްރާ އަވަސް އަވަހަށް އޮރެންޖު ފަނި ތަށްޓެއް އަޅައިގެން ގެނެސް އަރްސަލްގެ ކުރިމަތީ ބެހެއްޓިއެވެ. ނިމްރާ އެއްފަހަރު ވެސް އިސްއުފުލާ އަރްސަލްއަށް ބަލާނުލާކަން އަރްސަލްއަށް ފާހަގަވިއެވެ. އެ މޫނުމަތިން އެހެންޏާ ފެންނަ ދިރުން ނުފެންނާތީ އަރްސަލް ހައިރާންވިއެވެ.
"މޯނިންގް" ސައިބޯން ފަށަމުން އަރްސަލް ބުނެލިއެވެ. އެ އަޑަށް ނިމްރާ ހަމައެކަނި ބޯޖަހާލީއެވެ.
"ކޮބާ ރާދު؟" އާދައިގެ ގޮތަކަށް އަރްސަލް އަހާލިއެވެ.
"ރެޑީވާން ދިޔައީ" މަޑުމަޑުން ނިމްރާ ބުނެލިއެވެ.
އަރްސަލް ސައިބޮއެ ނިމެންދެން އިތުރު ވާހަކައެއް ނިމްރާއާ ދެ މީހުންގެ ދެމެދުގައި ނުދެކެވެއެވެ. ސައިބޮއެ ނިމި ފެންތަށި ބޯލުމާއެކު އަރްސަލް ތެދުވެ ގޮނޑީގައި ބޭއްވި ބްލޭޒާ ނަގާ ގަޔަށް ހެޔޮވަރުކޮއްލިއެވެ. އަދި ރާދިންގެ ކޮޓަރިއާ ދިމާއަށް ބަލާލާފައި ކައުންޓަރު މަތިން ތަށިތައް ނަގަން އުޅުނު ނިމްރާއާ ގާތްވެލިއެވެ. ނިމްރާގެ ކޮނޑުގައި ހިފަހައްޓާލަމުން އޭނާގެ ހަރަކާތްތައް ހުއްޓުވާ އަރްސަލްއާ ދިމާއަށް އަނބުރާލިއެވެ.
"ރަނގަޅަށް ނިދުނުތަ؟" އަރްސަލްއަށް ނުބަލަން ހުރި ނިމްރާގެ ކޯތާފަތުގައި އިނގިލިތަކުގެ ނުފުށުން ފިރުމާލަމުން އަރްސަލް އަހާލިއެވެ. ނިމްރާ ނިކަން އަވަހަށް ބޯޖަހާލިއެވެ.
"މެންދުރު ހިޔެއްނުވޭ ގެއަށް ކާން އާދެވޭނެހެން. މިއަދު ވަރަށް ބައިވަރު މީޓިން އެބައޮތް... ސްކާލެޓް!... ރަނގަޅަށް ކައިގެން ހުންނައްޗޭ. ބަލިއްޔާ ބޭސް ކައްޗޭ" އަރްސަލް ބުނެލަން ވާއިރަށް ނިމްރާ މިފަހަރު ވެސް ބޯޖަހާލިއެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ ނިމްރާގެ ކޯތާފަތުގައި މަޑުމަޑުން އިނގިލިތަކުން ފިރުމާލަފިރުމާލާ ހުރެފައި ދުރަށް ޖެހިލިއެވެ. ހަމަ އެވަގުތު ރާދިންގެ ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުނެވެ.
"ސައިބުއީތަ؟" އަރްސަލް ފެނުމާއެކު ރާދިން އަހާލިއެވެ.
"ލެޓްސް ގޯ" އަރްސަލް ބުނެލިއެވެ.
ލިފްޓަށް އަރަމުން ރާދިން ވާހަކަދެއްކިއެވެ. ނިމްރާ ފެންނަނީ ވަރަށް ތަފާތުކޮށް ކަމުގައި އޭނާ ބުންޏެވެ. އެއްފަހަރު ވެސް ރާދިންއަށް ބަލާނުލިކަމާއި ކޮންމެވެސް ކަމަކާ ނިމްރާ ކަންބޮޑުވެފައި ހުރީހެން ހީވަނީ ކަމަށް އޭނާ ބުންޏެވެ.
"ނިމް ބަލީހޭ އެހުމުން ބުނީ ނޫނެކޭ... އެކަމަކު އޭނާއަށް ކޮންމެވެސް ކަމެއްވެއްޖެ. އަރްސަލްއަށް ފާހަގައެއް ނުކުރެވޭތަ؟ ނޫނީ ނިމްގެ އެ ހިމޭންކަން ގުޅިފައިވަނީ ކޮންކަމަކާކަން އަރްސަލްއަށް އެނގޭތަ؟" ރާދިން އެހިއެވެ. އަރްސަލް އެދެވޭ ޖަވާބެއް ނުދިނެވެ.
* * * *
ދުވަސްތައް ފާއިތުވަމުން ދިޔައިރު އަރްސަލްއާއި ރާދިން ފެންނަނީ ކުރިން ނުފެންނަހާ ބުރަކޮށް އުޅޭތަނެވެ. ނިމްރާ އެޕާޓްމެންޓުގެ ހުރިހާ ކަމެއް ބަލަހައްޓައެވެ. ދޭތެރެއަކުން އެގެއަށް ޝިހާނާއާއި ހަލަފް އާދެއެވެ. ނިމްރާ ކުރިއަށް ވުރެ ވެސް ބަސްމަދުވެފައި ހުންނަކަށް އެންމެނަށް ވެސް ފާހަގަވިއެވެ. އެކަން ބޮޑުކަމަކަށްވީ ހަލަފްއަށެވެ. ދޭތެރެއަކުން އަރްސަލްއާ އެކަމާ ދެބަސްވެލާނެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ނިމްރާ އޭނާ ހުއްޓުވައެވެ. އެހެންނަމަވެސް އަރްސަލްއާއި ނިމްރާގެ ދެމެދުގައި ގުޅުން ރަނގަޅުވެފައި ވިއެވެ. އަރްސަލްގެ ހަރުކަށިކަމާއި ނުރުހުން ފާޅުކުރާތަން ނުފެނެއެވެ. އެ ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ރާދިން ވަރަށް ސުވާލު ކުރެއެވެ. ނިމްރާ ބުނަން ބޭނުންނުވަނީހެން ރާދިންއަށް ވެސް ހީވެއެވެ. ދިރިއުޅުން ކޮންމެވެސް ގޮތަކަށް ހަމަޖެހިއްޖެކަމުގައި ނިމްރާއަށް ޤަބޫލުކުރެވެއެވެ. ހީކުރި ގޮތަށް ހުރިހާ ކަމެއް ނުވި ނަމަވެސް ނިމްރާއަށް ހިޔާވެއްސަކާއި ފައިސާ ލިބޭނޭ މަގެއް ހަމަޖެހިފައި އޮތުމުން އެކަމާ ޝުކުރުވެރިވެއެވެ. ޚާއްޞަކޮށް އަރްސަލްއަށް އައި ބަދަލު އޭނާއަށް ކަމުދިޔައެވެ. އެ ދެ މީހުން އެކަނިވާ ފަހަރަކު އަރްސަލްގެ ފުށުން ގާތްކަން ފެނެއެވެ. ނިމްރާގެ ގޮތް އެނގެން އަރްސަލް ބޭނުންވާހެން ހީވެއެވެ. އަރްސަލްގެ ކުދިކުދި ބީހުންތައް ކަމުދިޔައެވެ. ނަމަވެސް އަރްސަލްގެ އެ ހުންނަ ގޮތް ދެނެގަންނާކަށް ނިމްރާއަކަށް ނޭނގެއެވެ. ނިމްރާގެ ތުންފަތަށް ހިނިތުންވުން އެނބުރި ގެނުވީ އަރްސަލްއެވެ. އެހެންވެ ސިކުނޑީގެ އިންޒާރުތަކަށްވުރެ ހިތުގެ ގޮވުންތަކަށް އިސްކަން ދެވުނެވެ.
އަރްސަލްމެންގެ ޕްރޮޖެކްޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުނީތީ އެކަން ފާހަގަ ކުރުމަށް ރައްޓެހިންގެ މެދުގައި ބާބެކިއުއެއް ބޭއްވުމަށް ހަމަޖެހުނެވެ. އެކަމަށް ރާދިންއާއި އަރްސަލް އެއްޗެހި ހޯދާ ގެއަށް ވެއްދިއެވެ. އެކަމުގައި އެމީހުންނާއެކު ބައިވެރިވުމަށް ޝިހާނާއާއި ކީފާ ވެސް އަންނަ ގޮތަށް ހަމަޖެހިފައި އޮތެވެ. ޝިހާނާގެ ފަހަތުން ހަލަފް އަންނަން ހުރީތީ އެކަން ރާދިން މަނައެއް ނުކުރިއެވެ. އެ މީހުން އަންނަން ވާއިރަށް ރާދިންގެ އިރުޝާދާއެކު ނިމްރާ އެއްޗެހި ތައްޔާރު ކުރިއެވެ.
"ދޭ ނިމް ރެޑީވާން... މިހާރު އެ މީހުން އަންނަން އުޅޭނެ" ހުރިހާ ކަމެއް ތައްޔާރުކޮށް ނިމުމުން ރާދިން ބުނެލިއެވެ. ނިމްރާ ބޯޖަހާލާފައި އަތްދޮންނަން ސިންކާ ކައިރިވެލިއެވެ.
"އަހަރެން އެބަ އަންނަން ފިހާރައަށް ގޮސްފައި... ހުރިހާ އެއްޗެއް ގަންއިރު ތަށްޓާއި ޓިޝޫ ޕެކެޓެއްގެ މަތިން ހަނދާނެއްނެތް" ރާދިން ވާހަކަދެއްކީ ސޯފާގައި ފޯނު ހިފައިގެން އިން އަރްސަލްއާއެވެ.
ކޮޓަރިއަށް ނިމްރާ ވަދެ ދޮރުލައްޕާލިތާ ގިނައިރެއް ނުވަނީސް ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އެހެންވެ އައިސް ދޮރު ހުޅުވާލި އިރު ބޮލުން މައްޗަށް ހިއްލާލައިގެން ހުރި ވައަތް ދޮރުކަނީގައި ވިއްދާލައިގެން އަރްސަލް ހުއްޓެވެ. ސުވާލުގެ ނަޒަރަކުން ނިމްރާ ބަލާލަމުން ބުމަ ހިއްލާލިއެވެ.
"ހެދުން ބަދަލުކުރަންތަ ތި އުޅެނީ" އަރްސަލް އަހާލިއެވެ. އޭނާއަށް ބަލަން ހުރެފައި ނިމްރާއަށް އޭނާ ކޮންމެވެސް ނުލަފާ ކަމެއް ކުރަން އުޅެނީއޭ ހީވުމާއެކު ލޯ އަޅާލިއެވެ. އެހިނދު ކޮޓަރިތެރެއަށް އަރްސަލް ވަދެއްޖެއެވެ.
"ވަޓް އާ ޔޫ ޑުއިންގް" ނިމްރާ އަވަސް އަވަހަށް ދުރަށް ޖެހެމުން ސުވާލު ކުރިއެވެ. ނަމަވެސް ނިމްރާ ލައިގެން ހުރި ގަމީހުގެ ގޮއްފަތީގައި ހިފާ ކުރިއަށް ދަމާލާފައި އަރްސަލްއާ ގާތަށް އޭނާ ގެނައެވެ.
"އަ. ރް. ސަ. ލް" ނިމްރާ މަޑުމަޑުން އެހެންނަމަވެސް ހަރުކަށި ގޮތަކަށް ބުނެލިއެވެ.
"އަހަރެންގެ ނަން ނުކިޔާށޭ ބުނަމެއްނު" އެއްމިޔަކަނުން ހިނިތުންވެލަމުން އަރްސަލް ބުނެލިއެވެ. އަދި ކުރިމަތީ ހުރި ނިމްރާގެ އުނަގަނޑާ ދިމާލުން ދެއަތުން ހިފަހައްޓާލާ އޭނާ އަނބުރާލުމާއެކު ފާރުގައި ނިމްރާ ޖައްސާލިއެވެ.
"ޕްލީޒް ޑޯންޓް" އާދޭހުގެ ގޮތަކަށް ނިމްރާ ބުނެލީ އިސްޖަހާލަމުންނެވެ. އަރްސަލްގެ އެ ހަރަކާތް ނިމްރާގެ ހިތާއި ނަފްސު ދެނެގަތް ކަހަލައެވެ. ބޭކާރު ކަމަކަށްވިޔަސް ހެޔޮކަމަށް އަރްސަލްގެ މޭގައި ނިމްރާއަށް ދެއަތްތިލަ ޖައްސާލެވުނެވެ.
"އިޓްސް ބީން ޓޫ ލޯންގް... އައި މިސްޑް އިޓް... އައި ވޯންޓް ދިސް ސްކާލެޓް" ކޯތާފަތުގައި ޖެހިފައި ހުރި އަރްސަލްގެ މޫނާއި ކަންފަތް ދޮށަށް އެޅިގެން ދިޔަ ނޭވާގެ ހޫނުކަމުގެ އިތުރުން އަރްސަލްގެ އަޑުގައިވި އަސަރުތައް ނިމްރާގެ ޚިއްޞުތަކުގެ މަސައްކަތް ލަސްކުރުވިއެވެ. ސިކުނޑި މަސައްކަތް ނުކޮށްގެން އުޅެނިކޮށް އަރްސަލްގެ ބީހުމުގެ ތެތްކަން އިހުސާސް ކުރެވިގެން ދިޔައިރު ނިމްރާގެ ނޭވާ ހިފަހައްޓާލެވި ދެ ލޯ މެރިއްޖެއެވެ. އަރްސަލްގެ މޭގައިވި ދެއަތްތިލަ ހަރަކާތް ކުރުމާއެކު އަރްސަލްގެ ގަމީހުގެ ގިރުވާނާ ދިމާއިން ދެފަރާތުގައި ހިފާ ގާތަށް ދަމާލެވުނީ ކީއްވެކަމެއް ނިމްރާއަކަށް ނޭނގުނެވެ. ނަމަވެސް ނިމްރާގެ އެ ހަރަކާތުން އޭނާގެ ކޯތާފަތުގެ ދެފަރާތުގައިވި އަރްސަލްގެ އަތްތިލަ ބާރުވެލުމާއެކު އެ ހަށިގަނޑު ކުރިއަށް ޖެހިލާ ނިމްރާއާ ތަތްކޮއްލިއެވެ. އަރްސަލްގެ ކޮންމެ ހަރަކާތެއްގައި ގަދަވެގަތުމާއި ބާރު ދެއްކުމުގެ ގޮތް އެކުލެވިފައި ވިޔަސް މިފަހަރު ނިމްރާއަށް އެކަމުން ކުރެވުނީ ތަފާތު އިހުސާސެކެވެ. ހިތްބެހިގެން ދަނިކޮށް ސިކުނޑިއާއި ޟަމީރުގެ އަޑުލައިގަތުމާއެކު ކުއްލިއަކަށް ނިމްރާއަށް ދެ ލޯ ހުޅުވާލެވުނެވެ. އަދި ނޭވާކޮޅުން ލަމުން ދަނިކޮށް އަރްސަލްގެ މޭގައި އަޅާ ދުރަށް ކޮއްޕާލަން މަސައްކަތް ކުރިއެވެ. އެ ހަށިގަނޑަށް ލޮޅުމެއް ނޭރުމުން މޭގައި ތަޅައިގަތެވެ. ހައްޔަރުވެފައި ހުރި ދެތުންފަތުގެ ދޭތެރެއިން ވާހަކަދައްކަން މަސައްކަތް ކުރިއެވެ.
"ވަޓް" ދުރަށް ޖެހިލުމާއެކު ދެއަތް ފުޅާ ކޮއްލަމުން އަރްސަލް ސުވާލުކުރިއެވެ. އޭނާގެ ނޭވާ އަވަސްވެފައި ހުއްޓެއްކަމަކު ދެބުމަ ކައިރިކޮއްލައިގެން ބަލަން ހުރި ގޮތުން ހީވަނީ ހިތްހަމަނުޖެހިފައި ހުރި ހެނެވެ.
"ދޭ މިތަނުން" އިރުކޮޅަކު ހުރުމަށްފަހު ނިމްރާ އިސްޖަހާލަމުން ހުޅުވާފައި ހުރި ދޮރާ ދިމާއަށް އިޝާރާތްކުރިއެވެ. އޭރު ޚުދު އޭނާގެ ހިތް ވެސް ބާރަށް ތެޅެމުންދިޔައެވެ. އޭނާގެ ނަފްސުގައިވި ހުރިހާ ބާރެއް އަރްސަލް ހުއްޓުވުމަށް ބޭނުންކުރަން ޖެހުނެވެ. ނިމްރާއަށް ބަލަން ހުރެފައި އަރްސަލް ކުރިއަށް ފިޔަވަޅެއް އަޅާލުމުން ނިމްރާ ކަނާއަތް ކުރިއަށް ދަމާލި ގޮތުން އަރްސަލް ހުއްޓުނެވެ. ގަދަކަމުން ކަމެއް ކުރުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. އެހެންނަމަވެސް އެ ތުންފަތުގައި އެހިނދު ހިނިތުންވުމެއް ދުވެލިއެވެ. ކަނާތް ހިއްލާލާފައި ގެނެސް ތުންފަތުގައި ޖައްސާލުމާއެކު ފުހެލިއެވެ.
"ރަތްވެފައެއްނު ތި ހުރީ... ޔޫ އާ ބްލަޝިންގް... ސްވީޓް" އަރްސަލް އެހެންބުނެލުމާއެކު ނިމްރާ ކުރިއަށްވުރެ ބޮޑަށް އިސްޖަހާލަމުން ތިރީތުންފަތުގައި ދަތްއަޅާލި ގޮތް ފެނުނެވެ. އެއާއެކު އަރްސަލް ހީނލިއަޑު ކޮޓަރިއަށް ފެތުރިގެން ދިޔައެވެ.
"ވެއާ ސަމްތިންގް ބްލޫ... ބޭރުގަ މީނީ. އަވަސްކޮއްގެން އާދޭ" ހިނިއައިސްފައި ހުރެ އަރްސަލް ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ކޮޓަރިން ނުކުމެއްޖެއެވެ. ނިމްރާއަށް ހުރި ތަނުން ގުޑައި ވެސް ލެވުނީ އިރުކޮޅެއް ފަހުންނެވެ. ހިނގައިދިޔަ ކަންތަކާއި އަމިއްލައަށް ގެނެވުނު ހަރަކާތްތަކުން އެ ދެވުނު ދަޢުވަތުގެ މަތިން ވިސްނާލެވުނެވެ. ލަދުގަތީ ދެނެވެ. އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އެވަރުކަމެއް ކުރީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އަދި އެހާމެ އަވަހަށް އަމިއްލަ ނަފްސަށް އަޑުލައިގަތީ ދެން އެފަދަ ކަމެއް ނުކުރުމަށެވެ. އެހެންމަވެސް މޭގައިވި ހިތް އޭނާގެ ބަސް އަހައިފާނޭކަމުގެ ޔަގީންކަމެއް މިފަހަރު ނެތެވެ. އަދިވެސް އެ ހިތުގައިވަނީ އޭގެ އަމިއްލަ ރާގެއް އެކުލެވިފައި ކަހަލައެވެ. މީގެ ކުރީން ނުތެޅޭ ގޮތަކަށް އެހިތް ތެޅެމުންދިޔައެވެ.
ތިންގަޑި ބައިވަންވީ އިރު އެންމެން އެޕާޓްމެންޓަށް އަތުވެއްޖެއެވެ. އެންމެން ހަމަވުމާއެކު އަޑު ގަދަވިއެވެ. ނިމްރާ ފެނުމުން އޭނާ ވެސް ދޭތޯ ސުވާލު ކުރީ ކީފާއެވެ. އެއާއެކު އަރްސަލް ނިކަން އަވަހަށް ޖަވާބު ދިނީ ސުވާލަކުންނެވެ. ނިމްރާ ނުދާންވީ ކީއްވެތޯ އެހުމުން ކީފާ އިތުރު އެއްޗެއް ނުބުންޏެވެ. އޭނާ ނޫން އެންމެން ވެސް ތިބީ ނިމްރާ ބައިވެރިކުރަން ތައްޔާރަށްކަން އެނގޭތީ ކީފާ އެކަނި ދެކޮޅު ހަދަން ބޭނުންނުވީއެވެ.
"މޫދަށް އެރެފައި ބާބެކިއު ހަދަންދާންވީނު" ހަލަފް އިނދެފައި ބުންޏެވެ. އޭނާއާ ޝިހާނާ އެއްބަސްވިއެވެ. އަދި ރާދިން އެކަމާ އެއްބަސްކުރުވަން ޝިހާނާ އޭނާއާ ގާތަށް ޖެހިލިއެވެ. އަރްސަލް ދެކޮޅު ހެދިއެވެ.
"ބޯރިންގް މީހުން ލައްވާ ކަންކަން ކުރުވާނެކަމެއްނެތް... ދޯ ރެޑް. އޯލްޑް ޕީޕަލްއަށް ހަރަކާތްތެރިވެ އުޅޭކަށް ފަސޭހައެއްނުވާނެއެއްނު" އަރްސަލްއާ ހަލަފް ދިމާކޮއްލި ގޮތުން ނިމްރާ ހިނިއައެވެ. އެހެންނަމަވެސް ނުހޭންވެގެން ދެ ތުންފަތް ފިއްތާލިއެވެ. އޭނާއަށް ބަލަން އިން އަރްސަލްގެ މޫނުގައިވަނީ ލާނެތްކަމެވެ.
"އަހަރެން މި އައީ މޫދަށް އެރޭ ގޮތަކަށްނޫން. އެކަމަކު ސަޅި ޚިޔާލެއް ތީ" ކީފާ އެއްބަސްވީ އޭނާގެ ސިކުނޑީގައި އުފެދުނު ޚިޔާލުގެ ސަބަބުންނެވެ. ލޮލުގެ ހިމަކޮޅުން އަރްސަލްއަށް އޭނާ ބަލާލީ ތަފާތު ގޮތަކަށެވެ.
"ވަޓް އެވާ" އެންމެން އެއްބަސްވެ އަރްސަލްގެ ޖަވާބަކަށް ބޭނުންވެގެން ބަލާލި ހިނދު އޭނާ ބުނެލިއެވެ.
"ދެން އިޓްސް ފައިނަލް... ނުކުންނަމާ. ދާ މަގުމަތީ ކީފާމެންގެއާ ކައިރިކޮށްލާނީ. އޭރުން ޗޭންޖުކޮއްލެވޭނެއެއްނު" ރާދިން ބުނެލިއެވެ.
އެއްޗެހިތައް ކާރަށް އެރުވުމާއެކު ހަލަފް އައިސް ނިމްރާގެ ގާތުގައި ހުއްޓި އޭނާއާއެކު ސައިކަލުގައި ދާން އެދުނެވެ. ހަމައެވަގުތު އަރްސަލް އައިސް ނިމްރާގެ އަތުގައި ހިފިއެވެ.
"ޝީ އިޒް ކަމިން ވިތް މީ" އަރްސަލް ބުނެލުމާއެކު ނިމްރާގެ އަތުގައި ހިފައިގެން ގެނެސް ކާރުގެ ފަހަތު ދޮރު ހުޅުވާލިއެވެ. އޭރު ކީފާ ވެސް ހުރީ ކާރަށް އަރަން ދިމާކޮއްލާފައެވެ.
"ކީފާ ދާންވީނު ހަލަފްއާއެކު ސައިކަލުގަ. އޭރުން ޗޭންޖުކޮއްލައިގެން އަންނަން ފަސޭހަވާނެއެއްނު" އަރްސަލް ބުނެލިއެވެ. އެކަމާ ރާދިން ވެސް އެއްބަސްވިއެވެ. ހަލަފްގެ ސައިކަލު ފަހަތަށް ކީފާ އެރިއެވެ. ކާރުގައި ތިބީ ރާދިންއާއި އަރްސަލްގެ އިތުރުން ޝިހާނާއާއި ނިމްރާއެވެ.
މޫދަށް އެރެން އަތިރިމައްޗަށް އެންމެން ފޭބިއެވެ. އުޑުމަތި ސާފު ހޫނު ދުވަހެކެވެ. އަތިރިމަތީގައާއި މޫދުގައި މީހުން އުޅޭތަން ފެނެއެވެ. ވެލިގަނޑުމަތީގައި ކުނައެއް ފަތުރާލީ ޝިހާނާއެވެ. އޭގެ މަތީ ރާދިންގެ އަތުގައި ހުރި ބޮޑު ފެންފުޅި ބެހެއްޓިއެވެ. އަދި ޝިހާނާ ގެންގުޅުނު ދަބަސް ވެސް ބެހެއްޓިއެވެ. ނިމްރާގެ އަތަށް އަރްސަލް ދިން ދަބަސް ވެސް ކުނާ މަތީ އޭނާ ބަހައްޓާލިއެވެ. ބަލަން ނުހުރެ ހަލަފް ލައިގެން ހުރި ޓީޝާޓު ބާލާ ކުނާ މައްޗަށް އެއްލާލިއެވެ. އަރައިގެން ހުރި ފައިވަން ކުނާ ކައިރީ ބަހައްޓާފައި މޫދާ ދިމާއަށް ދުއްވައިގަތީ ނިމްރާ ގާތު ވެސް އަންނާށޭ ބުނަމުންނެވެ. ރާދިން ވެސް ކަންތައް ކުރީ އެފަދައިންނެވެ. ޝިހާނާ ދަމުން ނިމްރާ ގެންދަން އުޅެން ފެށުމުން އޭނާ ސިއްރުން ބުނެލީ މޫދަށް އެރޭ ކަހަލަ ދުވަސްކޮޅެއް ނޫންކަމުގައެވެ. އެއާއެކު ނިމްރާ ބުނަން އުޅުނީ ކީކޭކަން ޝިހާނާއަށް ނިކަން އަވަހަށް ނަގައިގަނެވުނެވެ. އަރްސަލްގެ އަތުގައި ހިފާ ކީފާ ދަމާލީ މޫދަށް ދާށެވެ. ޝިހާނާ ވެސް އޭނާ ގެންދަން އުޅެން ފެށުމުން މި ދަނީ ކަމުގައި ބުންޏެވެ. އަދި ލައިގެން ހުރި ޑެނިމް ގަމީހުގެ ގޮށްތަށް ނައްޓާލިއެވެ.
"ހާދަ ހޫނޭ" ދާން ބޭނުންނުވެފައި ހުރި ގޮތަކަށް ދެއަތުން އިސްތަށިގަނޑު މައްޗަށް ވާގޮތަށް ހިފަހައްޓާލިއެވެ. އޭރު ނިމްރާގެ ނަޒަރު ހުރީ އަރްސަލްއަށް ހުއްޓިފައެވެ. އަރްސަލްގެ ލޮލުގައިވި ރޭބަން އައިނު ނަގާ ނިމްރާއަށް ދިއްކޮށްލިއެވެ. އަދި އޭނާއާ ކުރިމަތިލައިގެން ހުރެ ގަމީސް ހަށިގަނޑާ ވަކިކޮއްލާ އެވެސް ނިމްރާއަށް ދިއްކޮށްލިއެވެ. ޝިހާނާ ނިކަން ހެވިފައި އެ މަންޒަރު ބަލަން ހުރިއިރު ކީފާގެ މޫނުމަތިން ފޫހިކަން ފެންނަމުންދިޔައެވެ. އަރްސަލްގެ ހަށިގަނޑު އެފަދަ ފާޅުކަން ބޮޑުގޮތަކަށް މީގެ ކުރީން ނިމްރާއަށް ފެނިފައެއްނުވެއެވެ. ކަރުގައި އަޅާފައި އޮތް ރިހިކުލައިގެ ދެފަށް ފެނުނީ އަރްސަލް ގަމީސް ބޭލުމުންނެވެ.
"މިދަނީއޭ... ދޭބަލަ" އަރްސަލްގެ އަތަށް ކީފާ ދަމާލުމުން އޭނާ އެނބުރި ބުނެލިއެވެ. އަދި ޝިހާނާއަށް ބޮލުން އިޝާރާތްކޮއްލިއެވެ.
"ހިނގާ ކީފާ... އޭނާ އެ އަންނަނީއޭ" ޝިހާނާ އައިސް ކީފާގެ އަތުގައި ހިފައިގެން ގެންދިޔައެވެ.
"ލައިކް ވަޓް ޔޫ ސީ... ހިނގާ އަހަންނާއެކު... އޭރުން ފަހަރެއްގައި އަތްލަން ވެސް އަހަރެން ހުއްދަ ދީފާނަން" އަރްސަލްގެ ވާހަކަތައް އިވިފައި ނިމްރާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެހެންނަމަވެސް އަރްސަލްގެ ހަށިގަނޑުގެ ފުރިހަމަކަން އެއީ ދޮގުކުރެވޭނޭ ކަމެއްނޫންކަން ނިމްރާ ޤަބޫލުކުރެއެވެ. އަތުގެ މަސްތައް ވަރުގަދަކަމާއި ހިނދިބަނޑާއި ކަސްރަތުކޮއް ރީތިކޮށް ބަލަހައްޓަމުން ގެންދާކަން އޭނާގެ "ސިކްސް ޕެކް" ހެކި ދެއެވެ. މޭގައި ތުނިކޮށް ފަޅާފައި ހުރި އިސްތަށިތަކުން އޭނާގެ ފިރިހެންވަންތަކަން އިތުރުވެއެވެ.
"ކަމް ވިތް މީ" އަރްސަލް އަނެއްކާ ވެސް ބުންޏެވެ. ނިމްރާ ދެފަރާތަށް ބޯހޫރާލިއެވެ.
"އޯކޭ!... ފުރުޞަތުގެ ބޭނުން ހިފާނޭކަމަށް އަހަރެން ހީކުރީ. ކޮންމެ ކޮންމެ ފަހަރަކު މިކަހަލަ ޗާންސެއް ނުލިބޭނެ އިނގޭ" އަރްސަލް އެއްލޯ މަރާލަމުން ހީނލިއެވެ.
"ޕާވާޓް... ފުރޭތަ... ދެން ދާންއުޅޭ މިތަނުން" ނިމްރާ ދަތްކުނޑިވިކާލާފައި ބުނެލިއެވެ. އަރްސަލް ބާރަށް ހެމުންހެމުން މޫދާ ދިމާއަށް ދިޔައެވެ. އޭނާއަށް ނިމްރާ ހިނިތުންވެލިތަން ލޮލުގެ ހިމަކޮޅުން ފެނުނެވެ.
އެތައް ޚިޔާލުތަކެއް ސިކުނޑިއަށް ވެރިވެގަތް ހިނދު ނިމްރާއަށް ތިރީތުންފަތުގައި ބާރަށް ދައިގަނެވުނެވެ. ރާދިންއާއި ހަލަފްގެ ހަށިގަނޑު ފެނި ނުވާހާ ގޮތް އަރްސަލް އެ ގޮތަށް ފެނުމުން ވާންވީ ސަބަބަކާ މެދު ނިމްރާއަށް ހިތާ ސުވާލުކުރެވުނެވެ. ހަމައެއާއެކު އޭނާއަށް މިޢުވާނުގެ ޚިޔާލު އެއްފަހަރު ވެސް ސިކުނޑިއަށް މި ވީ ދުވަސްތަކުގެ ތެރޭގައި ވެރިނުވާކަން އެނގުނީ ވެސް ދެނެވެ. މިހާރު އޭނާއަށް ކުރެވޭ ފަދަ އިހުސާސެއް ފުރަތަމަ ކުރެވުނީ މިޢުވާނު ފެނިގެންނެވެ. އެހެންނަމަވެސް މިހާރު ނިމްރާގެ ސިކުނޑީގައި އަރްސަލްގެ ޚިޔާލުތައް ގިނައެވެ. އޭނާއާ މެދު މާބޮޑަށް ވިސްނެއެވެ. އަރްސަލް ރުއްސަން ބޭނުންވެއެވެ. އޭނާ ނުރުހުންވެދާނޭ ކޮންމެ ކަމަކުން އަމިއްލައަށް މަނާވެގަންނަން އިސްކަން ދެވެއެވެ. މޫނުގައި ދެއަތްތިލަ ހިންގާލުމާއެކު ނިމްރާ މޫދަށް ބަލާލިއެވެ. އެއާއެކު އަރްސަލްގެ ބުރަކަށީގައި ކީފާ އެލިގަނެގެން އުޅޭތަން ފެނުނެވެ. ނުހަނު ފަސޭހަކަމާއެކު އޭނާގެ އަތަށް ދަމާލުމާއެކު ކީފާ ކުރިމައްޗަށް ގެނެސް އެ އަންހެންކުއްޖާ އަރްސަލްއާ ގާތްކޮއްލި ގޮތް ނިމްރާ އިނީ ބަލާށެވެ.
"އަރްސަލްއާ މެދު ވިސްނެންވީ ކީއްވެތަ؟ މިއަދު އެކުރެވުނީ ވަރަށް ސްޓުޕިޑް ކަމެއް. އޭނާ ހީކުރާނީ ކީކޭކަމެއް ނޭނގެ. ހިތަށް މިވާ ގޮތެއް ވެސް ނޭނގެ. އަރްސަލްއާއި ކިފާ މާ ގުޅޭ... އެ ދެ މީހުންގެ ދެމެދުގައި ކޮންމެވެސް ކަހަލަ ގާތްކަމެއްވާކަން ޔަގީން. އަހަންނަކީ ކާކުކަން ހަނދާންނެތި އިމުން ބޭރުނުވަން ކީފާ ވަނީ އިންޒާރުދީފަ. އެކަމަކު ކީއްވެ އަރްސަލްއާ މެދު ވިސްނެންވީ. ކީއްވެ އެކަހަލަ ސަމާސާ އަރްސަލް އަހަންނާ ކުރަނީ. އަހަރެން ވެސް މީ ހުރިހާ ހިއްސެއް ސަލާމަތުން ހުރި އަންހެންކުއްޖެއްކަން އަރްސަލްއަށް ނުވިސްނޭންވީ ކީއްވެ" ނިމްރާ އޭނާގެ އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނެވެ. (ނުނިމޭ)