ބޮލީވުޑް

ކުދި ފިލްމު އިންޑަސްޓްރީތައް ހަލާކު ކުރަނީ ހޮލީވުޑް: އަމީތާބް

އިންޑިއާގެ ފިލްމު އިންޓަސްޓްރީއާއި މިހާރު އެންމެ ވާދަވެރީ ހޮލީވުޑް ކަމަށާއި އަދި ހޮލީވުޑްގެ ސަބަބުން އިންޑިއާގައި ފިލްމު އުފައްދާ މީހުނަށް ގެއްލުންވާ ކަމަށް އަމީތާބް ބައްޗަން ބުނެފި އެވެ. އަމީތާބް ބުނީ ހޮލީވުޑް ފިލްމުތަކަށް އިންޑިއާގައި ބޮޑު އާމްދަނީއެެއް ލިބޭ ކަމަށެެވެ. ހޮލީވުޑް ފިލްމުތައް ސިނަމާތަކުގައި ދައްކާވަރު އިތުރުވުމާއެކު އެ ގައުމުގެ މީހުން އުފައްދާ ފިލްމުތަކަށް ލިބޭ އާމްދަނީ ދަށަށް ދާކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ހޮލީވުޑްގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި ކުދި ފިލްމު އިންޑަސްޓްރީތަކަށް ގެއްލުން ވަމުން އަންނަ ކަމާށައި ހޮލީވުޑަކީ އެ އިންޑަސްޓްރީތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އަމީތާބް ބުންޏެވެ.

އަމީތާބް މިހެން ބުނެފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "102 ނޮޓް އައުޓް" ޕްރޮމޯޓުކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރޭގަ އެވެ. އަމީތާބް އެހެން ބުނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް މިހާރު ބޮކްސް އޮފީހުގައި ނާކާމިޔާބު ވަނީ ކޮން ސަބަބަކާއިހުރެތޯ ސުވާލުކުރުމުންނެވެ.

އިންޑިއާގެ މާކެޓުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ހޮލީވުޑް ފިލްމުތައް ދައްކާ މިންވަރު ވަނީ ހަލުވި މިނެއްގައި އިތުރުވެފަ އެވެ. އިންޑިއާގެ ގިނަ ބައެއްގެ ފަރާތުން އެ ފިލްމުތަކަށް ލިބޭ ތަރުހީބުތައްވެސް ބޮޑެވެ. ހޮލީވުޑް ފިލްމުތައް ކަމަށްވާ "ދަ ޖަންގަލް ބުކް" އާއި "ކެޕްޓަން އެމެރިކާ: ސިވިލް ވޯ"، "އެކްސް މޭން: އެޕޮކްލިޕްސް"، "ތޯރް" އަދި "ދަ ގާޑިއަންސް އޮފް ގެލެކްސީ ވޮލިއުމް ޓޫ" އަށް ރެކޯޑު އާމްދަނީއެއް ލިބުނެވެ.

މިހާރު ދައްކަމުން އަންނަ "އެވެންޖާސް: އިންފިނިޓީ ވޯ" އަށްވެސް އަންނަނީ އިންޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންނެވެ. ހޮލީވުޑުން އަންނަނީ އެމީހުންގެ ފިލްމުތައް ގިނަ ގައުމުތަކެއް ދައްކަމުންނެވެ. އެކި ގައުމުތަކުގައި ދައްކައިގެން އެމީހުންނަށް އަމިއްލަ ގައުމުން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއްވެސް ލިބެ އެވެ.

އަމީތާބް ފިލްމު ޕްރޮމޯޓްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން.

އާމިތާބްއަކީ މިހާރު އިންޑިއާ ސިނަމާގައި އެންމެ ގިނަ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އިންޑިއާ ސިނަމާގެ ފޯރި އެންމެ ގަދަވި 40 އަހަރު އަމީތާބްއަކީ އިންޑިއާ ސިނަމާގައި ހުރި އެންމެ ކާމިިޔާބު އެކްޓަރެވެ. އަމީތާބް ބުނީ ހޮލީވުޑްގައި ފިލްމު ހަދާ ފެންވަރަށްވުރެ މަތީ ފެންވަރެއް އިންޑިއާ ފިލްމުތައް ނުހަދައިފިނަމަ ކައިރި މުސްތަގުބަލެއްގައި ފިލްމުތަކުގެ މަގުބޫލުކަން ނެތިގެން ހިނގައިދާނެ ކަމަށެވެ.

"މުވާސަލާތީ ދާއިރާ ވަރަށް ކުރިއަރާ ހިންގައްޖެ. މުނިފޫހިފިލުވުމަށް މީހުން ބޭނުންކުރާ ވަސީލަތައް އިތުރުވެއްޖެ. އޭގެ ސަބަބުން އަހަރެމެންނަށް ދުނިޔޭގެ އެކި ގައުމުތަކުގައި މީހުން އުފައްދާ އުފެއްދުންތައް ފެނޭ. އަހަރެމެން އިންޑަސްޓްރީގައި ތައްޔާރުކުރާ އެއްޗެއްސަށްވުރެ ރަނގަޅު ކޮލެޓީގެ އުފެއްދުންތައް އެބަ ތައްޔާރުކުރޭ. މީހުން ސަމާލުކަން އެކަމަށްދާނެ އަދި އަހަރެމެންވެސް އެ ފެންވަރުގެ އެއްޗެހި ގެނެސްދެންޔާ އެމީހުން ބަލައި ގަންނާނީ." އަމީތާބް ބުންޏެވެ.

އިންޑިއާ ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން އުފެއްދުންތެރިން ދާއިރާއަށް އާ ކަންކަމާއި ރަނގަޅު ކޮލެޓީގެ އުފެއްދުންތައް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ފެންނާތީ އުފާކުރާކަމަށްވެސް އޭނާ ބުންޏެވެ.