ކުޅިވަރު

ދަގަނޑޭ އާއި ސެންޓޭއަދި އުމޭރު ކޮންމެކަމެއްވެސް ކޮށްފާނެ: އަބަހަނީ ކޯޗް

ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަދި މުހައްމަދު އުމޭރު ހުރެއް ޖެނަމަ މެޗްގައި ކޮންމެކަމެއްވެސް ވެދާނެ ކަމަށް އޭއެފްސީ ކަޕްގައި މާދަމާ ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުންނަ ބަނަގުލަދޭޝްގެ ޑާކާ އަބަހާނީގެ ކޯޗް ސައިފުލް ބާރީ ޓިޓޫ ބުނެފި އެވެ.

މާދަމާ ހަވީރު ކުޅެން ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން އޭނާ ބުނީ، ނިއު އާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށާއި ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައިވެސް ނިއުގެ ސެންޓޭ އާއި އަޝްފާގް އަދި ލުއިޒް ޕާޒް ކަންޑެލާ ބޮޑު ތަފާތަކަށް ވެގެން ދިޔަ ކަމަށެވެ. އޭނާ ބުނީ މެޗުގެ ޓެމްޕޯ ހިފެހެއްޓުމަށް ނިއުގައި އެ ކުޅުންތެރިން މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.

"ނިއު ރޭޑިއަންޓަކީ މި ގުރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު، ހާއްސަކޮށް އަމިއްލަ ދަނޑުގައި ކުޅޭއިރު އެ ޓީމުގެ ހާލަތު ވަރަށް ރަނގަޅު،" ޓިޓޫ ބުންޏެވެ. "އަލީ އަޝްފާގް، އަލީ ފާސިރު އަދި ސްޕެއިންގެ ކަންޑެލާ ފަދަ ކުޅުންތެރިންނަކީ މެޗުގެ ޓެމްޕޯ ކޮންޓްރޯލްކޮށްގެން ކުޅުމަށް ވަރަށް މޮޅު ކުޅުންތެރިން، އަދި އެ ކުޅުންތެރިންނަކީ ހަމަ ކުއްލިއަކަށްވެސް ނަތީޖާ ބަދަލު ކޮށްލުމަށް ކޮންމެ ކަމެއްވެސް ކުރެވޭނެ ކުޅުންތެރިން."

"އަހަރެމެންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗަކީ ދެކޮޅަށްވެސް ހަމަހަމަ މެޗެއް، އެ މެޗު އެނަލައިސް ކޮށްލައިފިއްޔާ ފެންނާނެ ކޮންމެ ޓީމަކަށްވެސް މޮޅު ވެވެން އޮތް މެޗެއް އެއީ، ނަމަވެސް މެޗުގެ ނަތީޖާ އަނބުރާލުމަށް އަލީ ފާސިރު [ސެންޓޭ] އަށް ބޭނުންވީ ކުޑަ ހިނދުކޮޅެއް، އެހެންވެ އަހަރެން މި ބުނަނީ މިއީ އަހަރެމެންނަށް އުނދަގޫ މެޗެކޭ ނިއު ރޭޑިއަންޓްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެން."

އޭނާ ބުނީ ގުރޫޕްގެ އެންމެ ފުލުގައި އޮވެގެން ނިންމާލަން ބޭނުން ނުވާ ކަމަށާއި އަނެއް ބުރަށް ނުދެވުނަސް ގުރޫޕްގައި ދެވެން އޮތް އެންމެ މައްޗަކަށް ދާން އޭނާގެ ޓީމުން ބޭނުންވާ ކަމަށެވެ. ބަންގުލަދޭޝްގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަންވެސް ކުރި ޓީޓޫ ބުނީ އަބަހާނީ ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގޯލް ޖަހަން ތަނަވަސް ކުރެވޭ ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށެވެ.

އަބަހާނީގެ ކޯޗް ވަނީ ނިއުގެ މުހައްމަދު އުމޭރުއަށްވެސް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ އަބަހާނީގެ އެންމެ ރަނގަޅު ދުވަހެއްގައި ނިއު ބަލި ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ޓީމުގެ ހަމަލާތަކުގައި ސެންޓޭ އާއި އަޝްފާގް ހުރެފައި މިޑްފީލްޑް ލައިނުން އުމޭރު ހުރުމުން ކޮންމެ ކަމެއްވެސް ކޮށްފާނެ ކަމަށެވެ.

"އަލީ އަޝްފާގް ،އަލީ ފާސިރު އަދި މިޑްފީލްޑްގައި މުހައްމަދު އުމޭރު ހުރެއްޖެނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެ، އެ ކުޅުންތެރިންނަކީ ވަރަށް މޮޅު ކުޅުންތެރިންކަން އަހަރެންވެސް ބުނަން ޖެހޭ."

ނިއު އާއި އަބަހާނީ ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.