ކުޅިވަރު

އެފްޑަބްލުއުއޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ސަލާހްއަށް

ފުޓްބޯޅަ ނޫސްވެރިންގެ ޖާމާއަތް ނުވަތަ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) ގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ލިވަޕޫލްގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ހޯދައިފި އެވެ.

ސަލާހް އަކީ އެފްޑަބްލިއުއޭ އެވޯޑް ހޯދި އެފްރިކާ ބައްރަށް ނިސަބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ. ނިމިދިޔަ އޭޕްރީލް މަހު އޭނާ ވަނީ ޕްރޮފިޗަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްޕީ) ގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ.

އެފްޑަބްލިއުއޭ އެވޯޑްގައި ސަލާހްގެ ފަހަތުން ދެ ވަނަ އަށް ދިޔައީ، ލީގް ޗެމްޕިއަން މެންޗެސްޓާ ސިތީގެ ފޯވަޑް ކެވިން ޑި ބްރޭނޭ އެވެ. ތިން ވަނަ އަށް ދިޔައީ ޓޮޓެންހަމް ހޮސްޕާގެ ފޯވަޑް ހެރީ ކޭން އެވެ.

އޭއެސް ރޯމާއިން މި ސީޒަންގައި ލިވަޕޫލާ ގުޅެ އޭނާ ވަނީ އެ ޓީމަށް 43 ލަނޑު ޖަހައި ދީފަ އެވެ. ޕްރިމިއާ ލީގްގައި ކުޅުނު 34 މެޗުގައި ސަލާހް ވަނީ 31 ލަނޑު ޖާހަފަ އެވެ.

މި ސީޒަންގައި ރޯމާ ދޫކޮށް ސަލާހް ލިވަޕޫލަށް ބަދަލުވީ 34 މިލިއަން ޕައުންޑަށެވެ. ކުރިން ޗެލްސީއަށް ކުޅުނު ފޯވަޑް ވަނީ ޗެމްޕިއަންސް ލީގްގެ ފުރަތަމަ ލެގް ސެމީ ފައިނަލު މެޗުގައި މިދިޔަ ހަފުތާގައި އޭނާގެ ކުރީގެ ޓީމު ރޯމާ ކޮޅަށް ދެ ލަނޑު ޖަހާފަ އެވެ. ސެމީ ފައިނަލު ދެ ވަނަ ލްގެ މެޗު އޮންނާނީ މާދަމާ ރޭ ރޯމާގެ ދަނޑުގަ އެވެ.