ހޮލީވުޑް

"13 ރީޒަންސް ވައި"ގެ ދެ ވަނަ ސީޒަން މި މަހު

ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ މަޝްހޫރު ސީރީޒް "13 ރީޒަންސް ވައި" ގެ ދެ ވަނަ ސީޒަން މި މަހު 18 އިން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭނެ އެވެ. މިހާރު ވަނީ ދެ ވަނަ ސީޒަންގެ ޓީރާ ޓްރެއިލާވެސް އާންމުކޮށްފަ އެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަންއާއި ބެހޭގޮތުން ގިނަ ބަހުސްތަކެއް ކުރެވި، ގިނަ މައްސަލަތަކެއްވެސް ފެންމަތިވި އެވެ. އެއީ ފުރަތަމަ ސީޒަންގައި އަމިއްލައަށް މަރުވުމަށް ކަންކަން ކުރުމަށް ހިތްވަރު ލިބޭފަދަ ގޮތަށް ސީރީޒް ގެނެސްދީފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް މި ސީރީޒްގެ އުފެއްދުންތެރިން ބުނީ ފުރަތަމަ ސީޒަނާއި މި ސީޒަންގައި ބޮޑުތަން ތަފާތުވެގެންދާނެ ކަމަށެވެ. މިފަހަރު ސީރީޒްގެ ވާހަކަ ބިނާވެފައި އޮންނާނީ ޖިންސީ ފުރައްސާރައާއި ދެކޮޅަށް މަސައްކަތް ކުރުމަށް މީހުނަށް ހިތްވަރު ލިބޭނެ ގޮތަށް ކަމަށް ފިލްމުގެ އުފެއްދުންތެރިންނާއި ހަވާލާދީ ހޮލީވުޑް ރިޕޯޓާއިން ބުނެފައިވެ އެވެ.

ކުރީގެ ސީޒަންއާއި ހިލާފަށް މިފަހަރު ސީޒަން ފަށާއިރު، ސީރީޒްގެ ކާސްޓާއެކު ގެނެސްދޭ ހާއްސަ ވީޑިއޯއެއްވެސް ގެނެސްދޭނެ އެވެ. އެ ވީޑިއޯގެ މަގުސަދަކީ މުޖުތަމައުގައި ތަފާތު އަނިޔާތައް ލިބެމުން އަންނަ މީހުނަށް އެކަމުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ ގޮތުން ސީރީޒްގެ ކާސްޓުން ބެލުންތެރިންނާއި ވާހަކަދެއްކުމެވެ.

ފާއިތުވި އަހަރު އެންމެ ގިނަ ބަޔަކު ސީރީޒްއަކާއި ބެހޭގޮތުން ޓުވީޓުކޮށްފައި ވަނީ މި ސީރިޒްއާއި ބެހޭގޮތުންނެވެ.

"13 ރީޒަންސް ވައި" ގެ ޓްރެއިލާ.

ފުރަތަމަ ސީޒަން ވާހަކަ ބިނާވެފައި އޮތީ ހެނާ ބޭކާގެ 13 ކެސްޓު ޓޭޕުގައި ރެކޯޑުކޮށްފައިވާ ވާހަކަތަކުގެ މައްޗަށެވެ. މި ސީޒަންގައި ވާހަކަ ބިނާވެފައި އޮންނާނީ އިންސްޓެންޓް ކެމެރާއިން ނަގާފައިވާ ޕޮލަރޮއިޑް ފޮޓޯތަކެއް މައްޗަށެވެ.

ކުރީގެ ސީޒަންގައިވެސް ލީޑުން ފެނިގެންތިޔަ ތަރިން މި ސީޒަންގައި ފެންނާނެއިރު، ކާސްޓަށް ވަނީ އިތުރު ހަތް ތަރިން ނަގާފައިވާ ކަމަށް ވެރައިޓީން ރިޕޯޓުކޮށްފައިވެ އެވެ.