އޮފްބީޓް

ފުޓުބޯޅަ ބަލަން އީރާނު އަންހެނުތަކެއް ފިރިހެނުންނަށް ވެއްޖެ

އިރާނުގެ އަންހެނުންތަކެއް ފުޓުބޯޅަ މެޗެއް ބެލުމަށް ފިރިހެނުނަށް ވެގެން ސްޓޭޑިއަމްއަށް ވަދެ އުޅު ފޮޓޯތަކެއް މިހާރު އަންނަނީ ޝޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެމީހުން ސްޓޭޑިއަމްއަށް ވަނީ ފިރިހެނެއް ގޮތަށް ހެދުން އަޅައިގެންނެވެ. މޫނުގައި ތުނބުޅިއާއި މަތިމަސްވެ ޖަހާފައި ހުއްޓެވެ.

އީރާނުގައި ކުޅިވަރު ހަރަކާތްތަކަށް އަންހެނުން ދިޔުން ރަސްމީކޮށް މަނާކޮށްފައި ނެތް ނަމަވެސް އެ ގައުމުގެ ސަގާފަތް އޮންނަ ގޮތުން އެކަހަލަ ތަންތަނަކީ އަންހެން ކުދިން ގޮސް އުޅެން އެހާ ރަނގަޅު ތަންތަން ނޫން ކަމަށް މުޖުތަމައު ގަބޫލުކުރެ އެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު އަންހެނުންނަށް ކުޅިވަރު ހަރާކާތްތަކުގައި ބައިވެރިވުން މަނާކޮށްފައިވެ އެވެ.

އިރާނުގެ މީހުން ގެންގުޅު އިސްލާމީ އުސޫލުތަކަށް 1979 އައި އިންގިލާބީ ބަދަލުތަކާއެކު އަންހެނުނަށް ކޮންމެސް ވަރަކަށް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވެ އެވެ. އޭގެ ކުރިން އެކަން އޮތީ ރަސްމީކޮށް މަނާކޮށްފަ އެވެ.

މީގެ ކުރިން އަންހެނުން ކުޅިވަރު ހަރަކާތްތަކަށް ގޮސްގެން އަދަބުވެސްދީފައި އެބަހުއްޓެވެ. މިދިޔަ 2014 ވަނަ އަހަރު އިރާނުގެ އަންހެނަކު ފިރިހެނުންގެ ވޮލީބޯޅަ މެޗެއް ބަލަން މަސައްކަތްކުރުމުން ހައްޔަރުކޮށްފައިވެ އެވެ. މިއަހަރުގެ މާޗު މަހުގައި އޮތް ފުޓުބޯޅަ މެޗެއް ބަލަންދާން މަސައްކަތްކުރި 35 އަންހެނަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

މިއަހަރު ފެބްރުއަރީގައި ތެހެރާނުގައި އޮތް ބާސްކެޓް ބޯޅަ މެެޗެއް ބެލުމުގެ އަންހެނުންނަށް ހުއްދަ ދިނެވެ. ނަމަވެސް އެމީހުނަށް ތިބެންޖެހުނީ ފިރިހެނުން ތިބޭ ސަރަހައްދާއި ދުރު ހިސާބެއްގަ އެވެ.

ފިރިހެނުންނަށް ވެގެން ފުޓުބޯޅަ ބަލަންދިޔަ އިރާނުގެ އެ އަންހެނުން ލޯކަލް ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އެމީހުން މޭކަޕްކޮށްގެން ސްޓޭޑިއަމްއަށް ވަންނަން އުޅެނިކޮށް ސެކިއުރިޓީން އެއްފަހަރު ހިފެހެއްޓި ކަމަށެވެ. ނަމަވެސް އެމީހުނަށް މިއީ އަންހެނުންތަކެއް ކަމެއް ރޭކާ ނުލިކަމަށް އޭނާ ބުންޏެވެ.

ޖަލަށް ދާންޖެހިދާނެތީ ބިރެއް ނުގަނޭތޯ އެހުމުން އެމީހުން ބުނީ، "ކޮން ކަމަކާއި އަހަރެމެން ބިރުގަންނަންވީ. އަހަރެމެން އަންހެނުން ސްޓޭޑިއަމްއަށް ވަދެ ކުށެއް ކުރަނީކީ ނޫން. ގާނޫނަކުން އަންހެނުނަށް ސްޓޭޑިއަމްއަށް ވަނުން މަނާކޮށްފައެއް ނެތް،" ކަމަށެވެ. ފިރިހެނުންނަށް ވެގެން އެތަނަށް ވަންނަން ޖެހުނީ އެ ނޫން އިތުރު ގޮތެއް ނެތިގެން ކަމަށް އެމީހުން ބުންޏެވެ.

މެޗަށްފަހު އެ އަންހެނުން ވަނީ އެ މީހުން ސްޓޭޑިއަމް ތެރޭގައި ނަގާފައިހުރި ފޮޓޯތައް އަމިއްލަ ޝޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކޮށްފަ އެވެ. ގިނަ ބައެއް ފަރާތުން އެމީހުނަށް ހިތްވަރުދީ މެސެޖުތައްވެސް ލިބިފައިވެ އެވެ.