ބަޔާން މިޔުނިކްގެ މައްޗަށް 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބު ހޯދައި ރެއާލް މެޑްރިޑް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރެއާޅްގެ ސެންތިއާގޯ ބެރުނަބޭ ސްޓޭޑިއަމްގައި ރޭ ކުޅުނު ދެ ވަނަ ލެގް މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. އެގްރިގޭޓް ނަތީޖާއިން ރެއާލް އަށް ކުރި ލިބުނީ ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗު 2-1 ން ކާމިޔާބު ކޮށްފައި ވުމުންނެވެ.
މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ބަޔާނުން ވަނީ ލީޑް ނަގާފަ އެވެ. ކޮރެންޓިން ޓޮލީސޯ ނެގި ހުރަހަކުން ބަޔާންގެ ލަނޑު ކާމިޔާބު ކުރީ ހޯޝުއާ ކިމިޗް އެވެ.
ރެއާލްގެ ލަނޑު 11 ވަނަ މިނެޓްގައި މާސެލޯ ނަގައިދިން ހުރަސް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މެޗެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ބަޔާނުން ރެއާލްގެ ގޯލަށް ބާރު ބޮޑު ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފު ފެށުނު ތަނުން ކަރީމް ބެންޒެމާ ދެ ވަނަ ގޯލެއް ޖެހުމުން ބަޔާނުން ކުރަން ޖެހޭ މަސައްކަތް ދެ ގުނަ ވި އެވެ. ބެންޒެމާ ލަނޑު ޖެހީ ބަޔާންގެ ކީޕަރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ.
ބަޔާން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ރެއާލް މެޑްރިޑްގެ ކުރީގެ އެޓޭކިން މިޑްފީލްޑާ ހަމޭސް ރޮޑްރިގޭޒް އެވެ. އެ ލަނޑު އޭނާ ޖެހުމަށް ފަހު އުފާ ފާޅު ކޮށްފައެއް ނުވެ އެވެ. ގޯލައަށް އަމާޒުކޮށް ބަޔާނުން ވަނީ ލަނޑު ޖެހުމަށްޓަކައި ނުރައްކާތެރި ތިން ހަމަލާތަކެއް ފޮނުވާލާފަ އެވެ. ރެއާޅްގެ ކީޕަރު ކޭލޯ ނާވަސް ވަނީ ނުރައްކާތެރި ތިން ބޯޅައެއް ދިފާއު ކޮށްފަ އެވެ.
ޗެމްޕިއަންސް ލީގްގެ ފައިނަލަށް ޖެހިޖެހިގެން ތިން ފަހަރު ދަތުރުކޮށްފައި ވަނީ ދެ ޓީމެވެ. އެއީ ބަޔާން އާއި ރެއާލް މެޑްރިޑެވެ. ބަޔާނުން ވަނީ 1974، 1975 އަދި 1976 ގެ ފައިނަލަށް ދަތުރޮ ކޮށްފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގްގެ 1992 ގައި ރީބްރޭންޑް ކުރި ފަހުން އެ މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ތިން ފަހަރަށް ދަތުރު ކުރި ފުރަތަމަ ޓީމަކީ ރެއާލް މެޑްރިޑެވެ. އެ ޓީމަކީ 2016، 2017 ގައި ޗެމްޕިއަނުންނެވެ.
ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނެ ޓީމެއް ފައިނަލު ވާނީ މިރޭ ރޯމާ އާއި ލިވަޕޫލް ބައްދަލު ކުރާ ސެމީ ފައިނަލުގެ މެޗުގެ ނަތީޖާ އަށް ފަހު އެވެ.