ބޮލީވުޑް

އަކްޝޭގެ ސިފައިންގެ ޔުނީފޯމުގެ މައްސަލަ ބޮޑުވެއްޖެ

މަޝްހޫރު އެކްޓާ އަކްޝޭ ކުމާރް، 2016 ވަނަ އަހަރު ކުޅުނު ފިލްމު "ރުސްތޮމް" ގައި އޭނާ ލައިގެންހުރި އިންޑިއާ ސިފައިންގެ ނަވުގެ ޔުނީފޯމު ވިއްކާލުމަށް ނީލަމަށްލީ މައްސަލަ ބޮޑުވެއްޖެ އެވެ. އެ ފިލްމުގައި އަކްޝޭ އަދާކުރި ރޯލަށް އޭނާއަށް ވަނީ ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފަ އެވެ.

މި ކަމާއި ގުޅޭ ގޮތުން އިންޑިއާގެ ދިފާއީ ބާރުގައި މަސައްކަތްކުރާ އޮފިސަރެއް ކަމުގައިވާ މޭޖާ ގެނަރަލް ޖޭޑީ ބަކްޝީ، ސީއެންއެން ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ދިފާއީ ބާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންގެ މެޑަލް އާއި ޔުނީފޯމު ވިއްކުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

އެ ފިލްމުގައި އަކްޝޭ ލައިގެންހުރީ އަސްލު ޔުނީފޯމުކަމުގައި ނުވި ނަމަވެސް، އެ ޔުނީފޯމު ބޭނުންކުރީ ސިފައިންގެ ނަވުގެ މީހެއްގެ ޔުނީފޯމުގެ ގޮތުގައި ކަމަށްވާތީ މިފަދަ ކަމެއް ކުރުމަކީ މުއައްސަސާއަށް ލިބޭ ހުތުރު ނަމެއް ކަމަށް ބަކްޝީ ވިދާޅުވި އެވެ. އެ ބޭފުޅާ ވިދާޅުވީ ފިލްމުގައި އަކްޝޭ ކުޅުނީ ސިފައިންގެ ނަވުގެ އޮފިސަރެއްގެ ރޯލު ކަމަށާއި އެހެންކަމުން ސިފައިންގެ ގަވާއިދާއި އުސޫލުތަކަށް އޭނާވެސް އިހުތިރާމުކުރަންޖެހޭނެ ކަމަށެވެ.

އަކްޝޭ ނިންމާފައި އޮތީ ނީލަމުގައި އެ ޔުނީފޯމު ވިއްކާލުމަށްފަހު ލިބޭ ލާރި އިންޑިއާގައި ޖަނަވާރު ހިމާޔަތްކުރުމަށް ކުރަމުންގެންދާ މަސައްކަތައް ހަދިޔާކުރުމަށެވެ. ނީލަމަށް އަގު ކިޔުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހު 26 އާއި ހަމައަށް ހުޅުވާލާފަ އެވެ.

މި މައްސަލައާއި ގުޅިގެން އަކްޝޭއާއި އޭނާގެ އަންހެނުން، އެކްޓްރެސް އަދި ޕްރޮޑިއުސާ ޓުވިންކަލް ކަންނާއަށްވެސް ގިނަ ފާޑުކިޔުންތަކާއި ތަފާތު އިންޒާރުތައް އަމާޒުވި އެވެ. ފާޑުކިޔުންތަކަށް ރައްދުދީ ޓުވިންކަލް ވަނީ ޓުވީޓެއްވެސް ކޮށްފަ އެވެ.

ޓުވިންކަލް ކުރި ޓުވީޓް.

އެ ޓުވީޓުގައި ޓުވިންކަލް ބުނީ، މުޖުތަމައުއަށް ހެޔޮކަމެއް ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އަންހެނަކަށް ތަފާތު އިންޒާރުތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ އިންޒާރުތައް ލިބޭނަމަ އެ ބަޔަކާއި މެދު ގަނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމަށް އޭނާ ބުންޏެވެ.

"ރުޝްތޮމް" އަކީ އިންޑިއާގެ ސިފައިންގެ ނަވުގައި މަސައްކަތްކުރި އޮފިސަރެއް ކަމަށްވާ ކޭ. އެމް. ނަވަތީ އާއި ވިޔަފާރީވެރިޔާ ޕްރޭމް އަހޫޖާގެ ދިރިއުޅުމުގައި ހިނގި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން ޕީރިއަޑް ތްރިލާ ފިލްމެކެވެ. އަކްޝާއާއެކު އެ ފިލްމުގައި ލީޑުން ފެނިގެންދިޔައީ އިލިއޭނާ ޑި ކްރޫޒް އެވެ.