ކުޅިވަރު

ޕްރެޝަރު އޮތީ އަބަހާނީއަށް، ނިއުއަކަށް ނޫން

މިއަދުގެ މެޗުގައި ޑާކާ އަބަހާނީ އަށް ޕްރެޝަރު ނެތް ކަމަށް ބުނެ އެ ޓީމުގެ ކޯޗް ސައިފުލް ބާރީ ޓިޓޫ ބުނަނީ، މައިންޑް ގޭމެއް ކުޅުމުގެ ގޮތުން ކަމަށާއި ނިއު ރޭޑިއަންޓަށްވެސް ޕްރެޝަރެއް ނެތް ކަމަށް ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

މިއަދުގެ މެޗާ ގުޅިގެން ޓީޓު ބުނީ އަބަހާނީއަށް އަނެއް ބުރަށް ދިއުމުގެ މާ ބޮޑު ޔަގީން ކަމެއް ނެތް ކަމަށާއި އެހެންވެ އޭނާގެ ޓީމުގެ އަމާޒަކީ ގުރޫޕްގައި ދެވެން އޮތް އެންމެ މައްޗަަށް ދިއުން ކަމަށެވެ. އޭނަ ބުނީ ނިއު އަނެއް ބުރަށް ދާން ފުރުސަތު އޮތްއިރު ނިއު އަށް ޕްރެޝަރު ބޮޑު ވާނެ ކަމަށެވެ.

"އާނ، އެއީ ސިކުނޑިން ކުޅޭ ގޭމްތައް،" ނިއު އަށް ޕްރެޝަރު އޮތް ކަމަށް އަބާހަނީގެ ކޯޗު ބުނުމުން އެކަމާ ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ބުރުޒޮން ބުންޏެވެ. "އަހަރެމެންނަކަށްވެސް ޕްރެޝަރެއް ނެތް، އަހަރެމެންނަށް އޮތް ހިތް ހަމަޖެހުމަކީ ގުރޫޕްގެ އެއް ވަނައިގައި އޮތުން، އެކަން ދެމެހެއްޓުމަށް އަހަރެމެންނަށް އަމިއްލަ ބާރު އެބައޮތް، މުބާރާތުގެ ކުރިން އަހަރެންވެސް ގަނޑެއްގައި ކުރަހައި މެޗުތަކުގައި ކުރިމަތިވާނެ ކަންކަން ހިސާބު ހަދާލާނަން ފުރަތަމަ މެޗުގެ ކުރިން، ތެދެއް އެމީހުންނަށް ޕްރެޝަރެއް ނެތް، ނަމަވެސް ތާވަލުގެ ކުރިއަށްދާން އެމީހުން ޖެހޭނީ ސީދާ މޮޅުވާން."

"އަބަހާނީއަށްވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތް، އެއީ ކުރިއަށް ދެ މެޗުން މޮޅުވެގެން އަހަރެމެންގެ މެޗާއި ބެންގަލޫރު އަތުން މޮޅު ވެގެން، އައިޒޯލްގެ އެންމެ ފަހު ދެ މެޗުން ބަލި ނުވަންޏާ އަބަހާނީއަށް ފުރުސަތު އޮންނާނެ، އެހެންވީމަ އެކަންވެސް އެމީހުންގެ ބޮލުގައި އިންނާނެ، އެ ޓީމަށް ޕްރެޝަރު އެބައޮތް އެ ޓީމަށް އޮތް ޕްރެޝަރަކީ އައިޒޯލްގެ ފަހު ދެމެޗުގެ ނަތީޖާ އަބަހާނީ އަށް ކޮންޓްރޯލް ކުރެވެން ނެތުން."

އައިޒޯލްގެ ފަހު ދެމެޗު އެ ޓީމަށް އޮތީ ބެންގަލޫރު އެފްސީއާއި ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.

ބުރުޒޮން ބުނީ، އަބަހާނީ އަކީ ފިޒިކަލީ ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންވެ އެ ޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ އަބަހާނީ ފުރަތަމަ ގޯލް ޖަހައިފިނަމަ އުނދަގޫ ވާނެ ކަމަށާއި އޭރުން އެ ޓީމުގެ 10 ކުޅުންތެރިން ތިބޭނީ ޑިފެންސަށް ފައިބައިގެން ކަމަށެވެ.

"އަބަހާނީ ފިޒިކަލް ގޭމް ހުއްޓުވަން އަހަރެމެންގެ ޑިފެންސާއި މިޑްފީލްޑްވެސް ވަރަށް އޮގނައިޒް ވާން ޖެހޭނެ، އިންޑިވިޖުއަލް ހުނަރަށް ވުރެ ޓީމެއްގެ ގޮތުގައި އަހަރެމެން ގޭމް ކުޅެން ޖެހޭނީ."