ހޮލީވުޑް

މި މަހު އެންމެ އިންތިޒާރުކުރެވޭ ހޮލީވުޑް ފިލްމުތައް

ފާއިތުވި މަސް މި ނިމުނީ އަހަރު އެންމެ ބޮޑު އެއް ފިލްމުކަށްވާ "އެވެންޖާސް: އިންފިނިޓީ ވޯ" އާއެކު އެވެ. މާވެލް ސްޓޫޑިއޯސް ތާރީހުގައި ގެނެސްދިން އެންމެ ބޮޑު މި ފިލްމަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެެވެ. ސިނަމާތަކުގައި ދައްކަން ފެށިތާ އަދި ހަފްތާއެއް ނުވާއިރު، މިހާރު ވަނީ ގިނަ ރެކޯޑުތަކެއްވެސް މުގުރާލާފަ އެވެ. ރާއްޖޭގައިވެސް މި ފިލްމު ދައްކަމުން އަންނައިރު، ގިނަ ޝޯތައް މިހާރު ވަނީ ހައުސްފުލްވެފަ އެވެ.

އެ ފިލްމުގެ ފޯރި މި މަހުގެ ކުރިއަށް އޮތް ތަނުގައި އަދި އިތުރަށް ގަދަވެގެން އަންނާނެ ކަމަށް ބެލެވެ އެވެ. އެވެންޖާސްގެ ފޯރި އޮތް ނަމަވެސް މި މަހު ރިލީޒްކުރާނެ ބަލާލަން ކަމުދާނެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. މި މަހު އެންމެ އިންތިޒާރު ކުރެވޭ ހޮލީވުޑް ފިލްމުތަކުގެ ލިސްޓެއް ލިޔެލާނަމެވެ.

އައިލް އޮފް ޑޯގްސް

ވެސް އެންޑަސަން ގެނެސްދޭ ސްޓޮޕް މޯޝަން އެނިމޭޓެޑް މި ފިލްމަށް މިހާރުވެސް ވަނީ ކްރިޓިކުން ތައުރީފުކޮށްފަ އެވެ. ފިލްމުގައި ގެނެސްދީފައިވާ މަޖާ ބައިތަކާއި އެނިމޭޝަންތަކާއި އަދި ފިލްމުގެ ވާހަކައަށް އެމީހުންގެ ތައުރީފު އަންނަނީ ލިބެމުންނެވެ. ރޮޓެން ޓޮމާޓޯޒްގައި މި ފިލްމަށް މިހާރު ވަނީ 90 އިންސައްތަ ރޭޓިންގްވެސް ލިބިފަ އެވެ.

"އައިލް އޮފް ޑޯގްސް" ގެ ޓްރެއިލާ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ.

ޓަލީ

އެކެޑަމީ އެވޯޑަށް ނޮމިނޭޓުވި ޑައިރެކްޓަރު ޖޭސަން ރައިޓްމަން ޑައިރެކްޓުކުރާ މި ފިލްމަކީ ގިނަ ދުވަސްތަކަށްފަހު އެކްޓަރު ޗާލީޒް ތެރޯން އަނބުރާ އަންނަ ފިލްމެވެ. ޗާލީޒްއަކީވެސް އެކެޑަމީ އެވޯޑު ހޯދާފައިވާ އެކްޓްރެސް އެކެވެ. ކޮމެޑީ މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މެކެންޒީ ޑޭވިސް އަދި މާކް ޑޫޕްލާސް ހިމެނެ އެވެ.

"ޓަލީ" ވަނީ ސަންޑޭންސް ފިލްމު ފެސްޓިވަލުގައި މިއަހަރު އަޅުވާފަ އެވެ. މި ފިލްމަށްވެސް ގިނަ ތައުރީފުތަކެއް ލިބިފައިވާއިރު، ރޮޓެން ޓޮމާޓޯގައި މި ފިލްމަށް 93 އިންސައްތަ ރޭޓިން ލިބިފައިވެ އެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ހަމަ އެކެޑަމީ އެވޯޑު ހޯދާފައިވާ ލިޔުންތެރިޔާ ޑިއާބްލޯ ކޯޑީ އެވެ. މި ފިލްމުގެވެސް ސިނަމާގައި ދައްކަން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ.

"ޓަލީ" ގެ ޓްރެއިލާ.

މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ ކުޑަ ތިން ކުދިން ގެންގުޅޭ މަންމައަކައަކު ރޭގަނޑު ގަޑީގައި އެ ކުދިން ބެލުމަށް ގެންނަ ޒުވާން ކުއްޖެއްގެ ގުޅުމުގެ މައްޗަށެވެ. "ޓަލީ" އަކީ ކުދިން ބަލަން ގެންނަ ކުއްޖާއަށް ކިޔާ ނަމެވެ.

ޓާމިނަލް

މާގޮޓް ރޯބީއަކީ މިހާރު ހޮލީވުޑްގައި ހުރި އެންމެ ޒުވާން އަަދި ކުޅަދާނަ އެއް އެކްޓްރެސް އެވެ. "ސުއިސަޑް ސްކޮޑް" އާއި "އައި ޓޮންޔާ" ގައި އޭނާ ދެއްކި އެކްޓިންނަށް ގިނަ ބައެއް ތައުރީފު އޮހުނެވެ. މި ފިލްމުގައި އޭނާ ކުޅޭނީ ގިނަ ސިއްރުތަކެއް ގެންގުޅޭ އަންހެނެއް ރޯލެވެ.

"ޓާމިނަލް" ގެ ޓްރެއިލާ.

ތްރިލާ މި ފިލްމުގައި މަގޮޓްއާއެކު މުހިންމު ރޯލުތަކުން ސައިމަން ޕެގް އާއި މެކްސް އަޔޮންސް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ވޯން ސްޓެއިން އެވެ. ފިލްމު ސިނަމާތަކުގައި ދައްކާނީ މި މަހު 11 އިން ފެށިގެންނެވެ.

ޑެޑްޕޫލް 2

ރަޔަން ރީނޯލްޑްސް ފެނިގެންދާ ފިލްމު "ޑެޑްޕޫލް 2" އަކީ މާވެލް އެންޓަޓެއިންމަންޓުން އަދި 20އެތް ސެންޗުރީ ފޮކްސް ގުޅިގެން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ފިލްމެކެވެ. މަޖާ ގިނަ ކަންތައްތަކެއް ހިމެނޭ އެކްޝަން ކޮމެޑީ މި ފިލްމުގެ ފުރަތަމަ ބައިގައިވެސް ފެނިގެންދިޔައީ ހަމަ ރަޔަން އެވެ. ފުރަތަމަ ފިލްމުގެ ކާސްޓުގައި ހިމެނުނު މުހިންމު ހުރިހާ ތަރިން މި ފިލްމުގައިވެސް ފެނިގެންދާނެ އެވެ.

"ޑެޑްޕޫލް 2" ފަހު ޓްރެއިލާ.

އާ ތަރިންގެ އިތުރުން ވިލަންގެ ރޯލުންވެސް އާ މީހެއް މިފަހަރު ފެނިގެންދާނެ އެވެ. މި ފިލްމުގެ އާ ޓްރެއިލާއެއްވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ސިނަމާތަކުގައި މި ފިލްމު ދައްކަން ފާށާނީ މި މަހު 18 ގަ އެވެ.

ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ

މި ފިލްމު ސިނަމާގައި ދައްކަން ފަށާނީ މި މަހު 25 އިން ފެށިގެންނެވެ. "ސޯލޯ: ސްޓާ ވޯޒް ސްޓޯރީ" އަކީ ސްޓާ ވޯޒްގެ އެންމެ ފުރަތަމަ ފިލްމުގެ ވާހަކައިގެ ކުރީގައި ހިނގި ކަންތައްތަކެއް ގެނެސްދޭ ފިލްމެކެވެ.

"ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" ގެ ޓްރެއިލާ.

މި ފިލްމުގައި ލީޑުން ފެނިގެންދާނި އަލްޑަން އެރިރައިކް އާއި ޑޮނާލްޑް ގްލޯވާ އެވެ. މި ފިލްމުގައި ގޭމް އޮފް ތްރޯންސް އިން މަޝްހޫރުކަން ލިބުނު އެކްޓްރެސް އެމިލިއާ ކްލާކްވެސް ފެނިގެންދާނެއިރު، ޖޫނަސް ސުއެޓާމޯސް މުހިންމު ރޯލަކުން ފެންނާނެ އެވެ.