ކުޅިވަރު

ނިއުއިން ދިވެހި ފުޓްބޯޅައަށް އިތުބާރު ހޯދައިދީފި: އަކޫ

އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިއު ރޭޑިއަންޓް ހޯދި މޮޅަކީ ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދަން ލިބުނު ފެށުމެއް ކަމަށް ނިއުގެ ވައިސް ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.

އޭނާ ބުނީ މީގެ ކުރިން ދައްކަނީ ދިވެހި ކުލަބުތައް ބެންގަލޫރުގެ ކައިރިން ސަލާމަތް ނުވެވޭ ވާހަކަ ކަމަށެވެ. ނަމަވެސް ނިއު އިން އެކަން ކުރެވުމުން އެއީ ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދަން ލިބުނު ފެށުމެއް ކަމަށެވެ.

"މި ވެދާނެ އަޅުގަނޑުމެންގެ އާ ފެށުމަކަށް ވެސް، ކުރިއަށް އޮތްތާންގައި އަޅުގަނޑުމެންގެ ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދިއުމަށް ފަށައިގަތުމަށް ލިބުނު ރަނގަޅު ފަށައިގަތުމެއް ކަމަށްވެސް ވެދާނެ،" ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ އަކުރަމް ބުންޏެވެ.

"އެހެން ވެއްޖެއްޔާ އަޅުގަނޑުމެންގެ ސިކުނޑީގައި ބަހައްޓަން ޖެހޭނީ އަޅުގަނޑުމެންގެ ދިވެހި ފުޓްބޯޅަ އަނެއްކާވެސް ރަނގަޅު ވަނީއޭ، އެހެންވީމަ އަޅުގަނޑުމެން އެންމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ސަރަހައްދުގެ ހުރިހާ ޓީމެއްވެސް ކާމިޔާބު ކުރުން."

ފުޓްބޯޅަ ބަދަލު ވަމުން އަންނަ މަންޒަރު ފެންނަން ފަށައިފިތޯ ސުވާލު ކުރުމުން ތަޖުރިބާކާރު ޑިފެންޑަރު ބުނީ މަންޒަރު އޮތީ އަދި ވަރަށް ދުރުގައި ކަމަށާއި ނަަމަވެސް ފެށުން ރަނގަޅު ވެއްޖެ ކަމަށެވެ.

"އެއީ މިއޮތް ހުރިހާ ދުވަހު ދައްކަނީ ބެންގަލޫރުގެ ވާހަކަ، ބެންގަލޫރު ކައިރިން ދިވެހި ޓީމަކަށް ސަލަމަތް ނުވެޔޭ، ރާއްޖެ ޓީމެއް ބެންގަލޫރު ކައިރިން މޮޅެއް ނުވެވޭ، އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބުރަ މަސައްކަތަކުން މޮޅު ވެވިފައި މިއޮތީ، އެހެންވެއްޖެއްޔާ މި ފެށުމައިގެން ކުރިއަށް އޮތްތާންގައި ބައިވަރު ކަންތައްތަކެއް އެބަހުއްޓޭ ރަނގަޅު ކުރަން، އެ ހުރިހާ ކަމެއް ރަނގަޅު ކޮށްގެން މިކަމަށް ވިސްނައިގެން ރަނގަަޅަށް މަސައްކަތް ކޮށްފިއްޔާ ދިވެހި ފުޓްބޯޅަ ރަނގަޅު ކުރެވޭނެޔޭ އަޅުގަނޑު ބުނާނީ."