ބޮލީވުޑް

ސޯނަމް އާއި އާނަންދް ކައިވެނިކުރާކަން ޔަގީންވެއްޖެ

May 2, 2018

ބަތަލާ ސޯނަމް ކަޕޫރުގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަތާ އެތަކެއް ދުވަހެއްވީ ފަހުން އޭނާގެ އާއިލާ އާއި ލޯބިވެރިޔާ އާނަންދް އަހޫޖާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ މިމަހުގެ 8 ވަނަ ދުވަހު އެ ދެމީހުން ކައިވެނިކުރާކަން ކަށަވަރުކޮށްދީފަ އެވެ.

ދިއްލީ އަށް ނިސްބަތްވާ އާނަންދާ ސޯނަމްގެ ކައިވެނީގެ ރަސްމިއްޔާތަށް މުމްބައިގައި ހުންނަ ސޯނަމްގެ ގެ ޒީނަތްތެރި ކުރަން ފަށާފައިވާއިރު، ކައިވެނީގެ ހަފްލާ އަކީ ދެ ފަރާތުގެ އާއިލާ އާއި އެންމެ ގާތް އެކުވެރިން ބައިވެރިވާ ހަފްލާއަކަށް ވުމުން، ދެ ފަރާތުގެ އާއިލާއިން ވެސް ވަނީ އެމީހުންގެ ޕްރައިވެސީ އަށް އިހްތިރާމްކުރުމަށް އެދިފަ އެވެ.

ސޯނަމް އާއި އާނަންދް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެ ދެމީހުން ވެސް އުޅެނީ ވަރަށް ފާޅުގަ އެވެ. އާނަންދާ އޮންނަ ގުޅުމާ ބެހޭގޮތުން މީގެކުރިން ދުވަހަކުވެސް ސޯނަމް މީޑިއާގައި ވާހަކަދައްކާފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު ވެސް ވަނީ ވަގުތު ޖެހުމުން ހުރިހާ ކަމެއް މީޑިއާ އާއި ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

ކައިވެނީގެ ހަފްލާ އަށް ސޯނަމްގެ ގެ ޒީނަތްތެރި ކުރުމުގެ ކަންތަކުގައި އޭނާގެ މަންމަ ސުނީތާ ކަޕޫރު އުޅޭ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. އެ ގޭގެ ބޭރުގައި ބޮކިފަތި ދިއްލައި ޒީނަތްތެރިކުރަން ފަށާފައިވާއިރު، ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ވެސް ސޯނަމްގެ ގޭގައި ކައިވެނީގެ ހަފްލާ އަށް ތައްޔާރުކުރުމަށް އެހީތެރިވެދިނުމުގައި އަންނަނީ ބައިވެރިވަމުންނެވެ.

ކައިވެނީގެ ހަފްލާ އަށް ތައްޔާރުވުމުގެ އިތުރުން ސޯނަމް އަންނަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ރިލީޒްވާ އޭނާގެ ފިލްމު "ވީރޭ ދި ވެޑިން" ގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންނެވެ. އަދި މި މަަހުގެ 14 އަދި 15 ވަނަ ދުވަހު އޭނާ ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓުގައި ވެސް ހިނގުމަށް ވަނީ ހަމަޖެހިފަ އެވެ.