ލިވަޕޫލްގެ ފުޓްބޯޅަ ލެޖެންޑް ސްޓީވަން ޖެރާޑް ސްކޮޓްލޭންޑްގެ ރޭންޖާސް އެފްސީގެ ކޯޗު ކަމަށް ހަވާލުވުން ކައިރި ކަމަށް ޖެރާޑް ބުނެފި އެވެ.
ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މިހާރު ހުރި ޖެރަޑް އާއެކު ތިން އަހަރު ދުވަހުގެ އެއް ބަސްވުމަކަށް ދިއުމަށް ރޭންޖާސްއިން ވާހަކަ ދައްކަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗް ކަމާ ޖެރާޑް ހަވާލުވީ މިދިޔަ އަހަރު އެވެ.
ރޭންޖާސްގެ ކޯޗުގެ މަގާމުގައި ހުރި ގްރޭމް މާޓީ ވަނީ ވަޒީފާއިން ވަކި ކޮށްފަ އެވެ. މާޓީ އާ ރޭންޖާސްގެ ކޯޗް ކަން ހަވަލު ކުރީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. އޭނާ އާ ހަވާލު ކުރީ ވަގުތީ ކޯޗެއްގެ ރޯލެވެ. އެއީ ރޭންޖާސްގެ ކޯޗަކަށް ހުރި ޕެޑްރޯ ކަޒިންހާ ވަކި ކުރުމަށް ފަހު އެވެ.
ސްކޮޓިޝް ޕްރިމިއާޝިޕްގައި ރޭންޖާސް މިވަގުތު އޮތީ ތަވަލުގެ ތިން ވަނައިގަ އެވެ. ސެލްޓިކް ވަނީ މިއަހަރުގެވެސް ލީގް ޗެމްޕިއަންކަން ހޯދާފަ އެވެ. ރޭންޖާސް އާ ސެލްޓިކާ ދެމެދު 13 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.
"އެ ޓީމާއެކު އަހަރެން ފުރަތަމަ މަރުހަލާގެ ވާހަކަތައް ފަށައިފިން، ދުވަސް ކޮޅެއްގެ ތެރޭގައި މުޅިން ފައިނަލުވެ އަހަރެން އެ ޓީމާ ހަވާލު ވާނަން." ބީޓީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން ލިވަޕޫލްގެ ލެޖެންޑް ބުންޏެވެ.
ޖެރާޑް ކުޅުން ހުއްޓާލީ 2016 އަހަރު އެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގްގެ ލޮސްއެންޖަލިސް ގެލެކްސީއަށެވެ. ލިވަޕޫލް ދޫކޮށް އެލްއޭ ގެލެކްސީއަށް އޭނާ ބަދަލުވީ 2015 ވަނަ އަހަރު އެވެ. ލިވަޕޫލަށް އޭނާ ކުޅުނު 17 އަހަރުވީ ކެރިއާގައި އޭނާ ވަނީ 710 މެޗު ކުޅެ 186 ލަނޑު ޖަހާފަ އެވެ.